May 3, 2014
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ތަހުނިޔާ ހުރިހާ ނޫސްވެރިންނަށާއި މީޑިއާގެ ފަރާތްތަކަށް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަހީބު ފޮނުއްވައިފިއެވެ.
ތިރީގައި މިވަނީ ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި މެސެޖެވެ.
“ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ހުރިހާ ނޫސްވެރީންނަށާއި މީޑިއާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް ތަހުނިއާ އާއި މުބާރަކްބާދު ފޮނުވަމެވެ.
“ޑިމޮކްރަސީގެ ހަތަރު ވަނަ ބާރެއްގެ ގޮތުގައި ބެލެވޭ މީޑިއާ އަކީ އެ ވަސީލަތެއް މެދުވެރިކޮށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމާއި މަޢުލޫމާތު ލިބިގަތުމާއި މަޢުލޫމާތު ހާމަކުރުމުގެ ޙައްޤު ލިއްބައިދޭ ޑިމޮކްރަސީ ބިނާކުރުމަށް އެހީތެރިވެދޭ މުހިއްމު ވަސީލަތެއް ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ.
“ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް މިއަދު އަޅުގަޑުމެން ފާހަގަކުރާއިރު ހަނދާންކުރަންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. ރާއްޖެއަށް ލިބިފައިމިވާ ނޫސްވެރިކަމުގެ މިނިވަންކަން ހެޔޮގޮތުގައި ދެމެހެއްޓުމަށް ކުރަންޖެހޭ ކަންތައްތަކެވެ. ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ ސަބަބުތަކަކީ ކޮބައިކަން ދެނެގަނެ އެކަންކަން ނައްތާލުމަށް މަސައްކަތްކުރުމާއި ނޫސްވެރިކަމުގެ ފައިދާ މުޅި މުޖުތަމައުއަށް ކުރާނޭ ގޮތްތަކަށް ހުރިހާ ފަރާތްތަކުންވެސް މަސައްކަތްކުރުމެވެ. މީޑިއާގެ މިނިވަންކަން ދެމެހެއްޓުމަކީ މި ކޮމިޝަނުގެ ނުވަތަ ސަރުކާރެއްގެ ނުވަތަ ދައުލަތުގެ މުއައްސަސާތަކުގެ ހަމައެކަނި މަސްއޫލިއްޔަތެއް ނޫނެވެ. އެ މިނިވަންކަން ދެމިއޮތުން ގުޅިފައިވަނީ މީޑިއާއިން ނޫސްވެރިކަން ތަރައްޤީކުރުމަށް އަދާކުރާ ޒިންމާދާރު ދައުރާ ވެސް މެއެވެ.
“މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަކީ ދުޅަހެޔޮ ޑިމޮކްރަސީއެއް ބިނާކުރުމަށް ވަރަށް މުހިއްމު މެދުވެރިއެކެވެ. މިނިވަންކަމުގެ ޙުދޫދުގެ ތެރެއިން ފާޅުކުރެވޭ ޚިޔާލުތައް ޒިންމާދާރުކަމާއެކީ ރައްޔިތުންނަށް ފޯރުވައިދިނުމަކީ މީޑިއާގެ އެންމެ މުހިއްމު އެއް މަސްއޫލިއްޔަތެވެ. މުޖުތަމަޢުގެ ސުލްހަ މަސަލަސްކަން ދެމެހެއްޓުމާއި ބައިބައިވުން އުފެދިގެން ދިއުމާ ދެމެދު މީޑިއާއިން ގެނެސްދޭ މަޢްލޫމާތާއި ޚަބަރުތައް ގެނެސްދެވޭ ގޮތާ ވަރަށް ބޮޑަށް ގުޅި ލާމެހިފައި ވެއެވެ. އެހެންކަމުން މުޖުތަމަޢުގެ އަމަންއަމާންކަމާއި ސުލްހަވެރިކަމަށް މަގުފަހިވާ ގޮތަށް މީޑިއީގެ ޢަމަލުތައް ބެހެއްޓުމަކީ މީޑިއާގެ އެންމެ މުހިއްމު އެއް ދައުރުކަމާމެދު ދެބަސްވާނޭ ފަރާތެއް ނުހުންނާނެއެވެ.
“ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ދިވެހިރާއްޖޭގެ ޤާނޫނޫ އަސާސީން ކަށަވަރުކޮށްދޭ ހައްގެއް ކަމުގައި ވީހިނދު މި ޙައްގުގެ ބޭނުން ޒިންމާދާރުގޮތުގައި އެންމެ ފުޅާކޮށް ކުރުމުގެ މިނިވަންކަން ރާއްޖޭގެ މީޑިއާގެ ފަރާތްތަކަށް ލިބިގެންވެއެވެ. ވަކ ފަރުދުންނަށް އަމަޒުކޮށް ކިޔޭ ފާޑުކިޔުމަކީ މީހުންގެ މެދުގައި ނަފުރަތު އެފުދުމުގެ ފެށުމަކަށްވެއެވެ. އެހެންނަމަވެސް ބިނާކުރަނިވި ފާޑުކިޔުމަކީ އެންމެންވެސް ދެކޭގޮތުގައި ޒިންމާދާރުކުރުވުން އިތުރުކުރުވެގެން ދާނޭ ކަމެކެވެ. އެހެންކަމުން ބްރޯޑްކާސްޓަރުން އެ ފަރާތްތަކަށް ލިބިފައިވާ މި ޚިޔާލު ފާޅުކުރުމުގެ ހައްޤުގެ ބޭނުންކުރާއިރު މުޖުތަމަޢުގައި ފިތުނަ އުފެދި ބައިބައިވެދާނެ ކަހަލަ ވާހަކަތައް ފެތުރުމުގެ ބަދަލުގައި ޤައުމީ މަސްލަހަތު ކުރިއަށްނެރެ ރައްޔިތުންގެ މެދުގައި ހަމަޖެހުމާއި އެއްބައިވަންތަކަން އާލަކުރަނިވި ގޮތެއްގައި މަސައްކަތްކުރުން މުހިއްމެވެ. އަދި ފާޑުކިޔަން ޖެހިއްޖެ ހާލަތެއްގައި ހަޤީޤަތް އޮޅުންފިލުވައި، އިންސާފުވެރިކޮށް، ނުފޫޒުން އެއްކިބާވެ ހުރެ އެ ޚަބަރެއް ނުވަތަ މަޢްލޫމާތެއް ގެނައުން މުޙިއްމެވެ.
“މި ދެންނެވި ގޮތް ނޫން ގޮތަކަށް ނޫސްވެރިންގެ އަމަލުތައް ބެހެއްޓުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ވެސް އެއިން ނުރަނގަޅު އަސަރުތަކެއް ކޮށްފާނޭ ކަމެކެވެ. ނޫސްވެރީންނާ ދޭތެރޭ ވަކި ބައެއްގެ ނުރުހުންތެރިކަން އަމާޒުވަނިވި ކަންކަމުން ނޫސްވެރީން ދުރުވާން އެބަ ޖެހެއެވެ. ވަކި ހަބަރެއް ގެނެސްދޭއިރު އެ ހަބަރެއް ހުށަހަޅާލެވޭ ގޮތަކީ އެ ޚަބަރު އަމާޒުވާ ފަރާތްތަކުން ނޫސްވެރީންނާ ދޭތެރޭގައި ދެކޭ “ތަސައްވަރު ބަދަލުވެގެން ދާކަމީ އެނގެން އޮންނަ ހަޤީޤަތެކެވެ. އެ ތަސައްވަރު އެއީ ރަނގަޅު ތަސައްވަރަކަށް ވާންޖެހެއެވެ. މީޑިއާއަކީ ޒިންމާދާރުކަމާއެކީ ކޮންޓެންޓް ގެނެސްދޭ ވަސީލަތަކަށް ހެދިގެން ނޫނީ މި ދެންނެވި ތަސައްވުރު ރަނގަޅުކުރެވޭނޭ ގޮތެއް ނެތެވެ.
“ވޭތުވެދިޔަ އަހަރު އެންމެ ބޮޑަށް ފަވާލެވިފައިވާ ޚަބަރުތަކަށް ބަލާއިރު ދެ ޓީވީ ސްޓޭޝަނެއްގެ ނޫސްވެރިންތަކަކަށް ބަޔަކު ހަމަލާދީ އަނިޔާކުރުން ވެގެން ދިޔައީ މުޅި ޤައުމަށް ސިހުން ލިބުނު ކަމަކަށެވެ. ޤާނޫނޫ އަސާސީން ކަށަވަރުކޮށްދޭ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅާ ނޫސްވެރިންގެ ހިތުގައި ބިރުވެރިކަން އުފައްދާ އެ މީހުންނަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން އަނިޔާކުރުމަކީ ނުހަނު ހިތާމަހުރި އަދި އެހާމެ ކަންބޮޑުވާ ކަމެކެވެ. މި ފަދަ އަނިޔާތައް ލިބުމަކީ ސީރިއަސް މައްސަލައެއް ކަމުން މި ފަދަ އަނިޔާތައް ހުއްޓުވުމަށާއި މިފަދަ އަނިޔާކުރާ ފަރާތްތަކާ މެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން އަބަދުވެސް އިލްތިމާސްކުރަމެވެ.
“ހުރިހާ ބްރޯޑްކާސްޓަރުން ވެސް، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ޤަވާއިދާއި އަދި ކޯޑް އޮފް ޕްރެކްޓިސް އާއި ތަޢާރަޒުނުވާ ގޮތަށް ކޮންޓެންޓް ބެހެއްޓުމަކީ މުހިއްމު ކަމެކެވެ. އަދި ވަކި ސިޔާސީ ޕާޓީއެއް ނުވަތަ ވަކި ސިޔާސީ ފިކުރެއް ޕްރޮމޯޓްކުރުމަށް މަސައްކަތްކުރުމަކީ މިނިވަން މީޑިއާ ކަމުގައި ނުބެލެވެއެވެ. އިންސާފުވެރިކާމާއި ތެދުވެރިކަމާ އެކު ދެފުށް ފެންނަ ގޮތަށް ޒިންމާދާރުކަމާ އެކު މަސައްކަތްތައް ބެހެއްޓުން މުހިއްމެވެ.
“ހަމަ މިއާ އެކު ސަރުކާރުގެ މުއައްސަސާތަކާއި ސިޔާސީ ޕާޓީތަކުންވެސް ވަކި ބްރޯޑްކާސްޓަރަކާ މެދު ވަކި ގޮތެއް ނުހަދައި، ހުރިހާ މީޑިއާ އަށް ވެސް ހަމަހަމަ ފުރުސަތު ދިނުން މުހިއްމެވެ. އަދި ހަރުދަނާ ޑިމޮކްރަސީއެއް އަޅުގަނޑުމެންގެ މި ޤައުމުގައި ބިނާކުރުމަށާއި ދެމެހެއްޓުމަށް ހުރިހާ ފަރާތެއްގެ އެއްބާރުލުން ނުހަނު ބޭނުންވެއެވެ.
“މީޑިއާއަށް ކުރިމަތިވާ ނުރައްކާ ނުވަތަ ތްރެޓްތަކަކީ ކޮބައިތޯ ދެނެގަތުމަށް ވޭތުވެދިޔަ އަހަރު މި ކޮމިޝަނުން އިސްނަގައިގެން ދިރާސާއެއް ކޮށް އެ ދިރާސާ ރިޕޯޓް “ތްރެޓް އެނޭލިސިސް ރިޕޯޓް” މިހާރު ވަނީ އާއްމުކޮށްފައެވެ. މި ރިޕޯޓުގައި ރާއްޖޭގައި ނޫސްވެރިކަމަށް ކުރިމަތިވި ނުރައްކަލާއި ނުފޫޒާއި ގޮންޖެހުންތަކަށް އަލިއަޅުވާލައިފައި ވާނެއެވެ. އަދި މި ކަންކަމުގެ އަލީގައި، ރަނގަޅުކުރަން ފެންނަ ކަންކަން ފާހަގަކޮށް ރެކޮމެންޑޭޝަންތަކެއް ވެސް ޝާއިއުކޮށްފައިވާނެއެވެ. މި ރެކޮމެންޑޭޝަނަތަކަށް ހުރިހާ ފަރާތްތަކަކުންވެސް އަމަލުކުރުމަކީ މިނިވަން ވެއްޓެއްގައި ޒީންމާދާރު ނޫސްވެރިކަމެއް އަށަގެންނެވުމަށް ކުރެވޭ މަސައްކަތަށް ކުރިއެރުމެއް ލިބިގެންދާނޭ ކަމެއް ކަމަށް ދެކެމެވެ.
“އަޅުގަނޑުގެ އުއްމީދަކީ ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ފުޅާވެ ރާއްޖޭގައި ހަރުދަނާ ޑިމޮކްރަސީއެއް ޤާއިމްވުމެވެ. އަދި ނޫސްވެރިންނަށް އެމީހުންގެ މަސްއޫލިއްޔަތު އަދާކުރުމަށް މިނިވަން ވެއްޓެއް ރާއްޖޭގައި އޮތުމުވެ. އަޅުގަނޑުގެ ދުއާ އަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު އެންމެ ޒިންމާދާރުކަމާއެކު ބޭނުންކުރުމުގެ ހެޔޮ ވިސްނުން މާތް ﷲ އަޅުގަނޑުމެންނަށް މިންވަރުކުރެއްވުމެވެ.”