May 21, 2014
ދުނިޔޭގައި ވަރަށް ފުޅާ ދާއިރާއެއްގައި ސެޓަލައިޓްގެ ޚިދުމަތްދޭ ހޮންކޮންގުގެ އޭ.ޕީ.ޓީ ކޮމްޕެނީން އިންތިޒާމްކޮށްގެން މާލޭގައި ބޭއްވި ސެޓަލައިޓާ ބެހޭ މައުލޫމާތު ހިއްސާކުރުމުގެ ވޯކްޝޮޕް، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބު މިއަދު އިފްތިތާހުކޮށްދެއްވައިފި އެވެ.
ރާއްޖޭގެ ވަރަށް ގިނަ ބްރޯޑްކާސްޓަރުން ބައިވެރިވެގެން ޓްރޭޑަރސް ހޮޓެލްގައި ބޭއްވި އެއް ދުވަހުގެ “ސެޓަލައިޓް ނޮލެޖް ޝެއަރިން ވޯކްޝޮޕް” އިފްތިތާހުކޮށްދެއްވަމުން ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް ވިދާޅުވީ 2011 ވަނަ އަހަރުގެ އެޕްރީލް މަހު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން އުފެދުމާއެކު، ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާ ތަރައްޤީ ކުރުމަށް ވަރަށް ހާއްސަ އަހަމިއްޔަތެއް ދެއްވާފައިވާނެ ކަމަށެވެ. އަދި ވާދަވެރި މާހައުލެއްގައި ޚިދުމަތްތައް ފޯރުކޮށްދެވުމަކީ ބްރޯޑްކާސްޓިންގ ސިނާއަތް ތަރައްޤީވުމަށް އޮތް މައިގަނޑު އެއްކަން ކަމަށް ޝަހީބުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
ރާއްޖޭގެ ސަރަހައްދަށް ސެޓަލައިޓް ހިދުމަތްދޭ ފަރާތްތައް ބެލުމުގައި މުހިންމުކަން ދޭންޖެހޭ ތިން ކަމެއް ކޮމިޝަންގެ ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. މިގޮތުން، ރާއްޖޭގެ ސަރަހައްދަށް ސެޓަލައިޓް ހިދުމަތް ފޯރުކޮށްދޭ ފަރާތެއް ކަމަށްވުން ފުރަތަމަ ކަމަކަށް ފާހަގަކުރެއްވިއެވެ. ދެވަނަ ކަމަކީ ފެންވަރު ރަނގަޅު ޑިޖިޓަލް ހިދުމަތެއް ލިބެން ހުރި މިންވަރު ކަމަށާއި އަދި ތިން ވަނަ ކަމެއްގެ ގޮތުގައި ހިދުމަތުގެ އަގަށް ބަލާނެ ކަމަށް ވެސް ޝަހީބު ވިދާޅުވިއެވެ.
ސެޓަލައިޓް ޓެކްނޮލިޖީގެ ރޮނގުން ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާ ތަރައްގީ ކުރުމަށް ބޭނުންވާ އަގުހުރި މުހިއްމު މައުލޫމާތުތަކެއް މިއަދުގެ ވޯކްޝޮޕުގެ ބައިވެރިންނަށް ލިބެގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ވެސް ޝަހީބު ވިދާޅުވިއެވެ.
ރާއްޖޭގެ ވަރަށް ގިނަ ބްރޯޑްކާސްޓަރުން އޭ.ޕީ.ޓީގެ ސެޓަލައިޓް ބޭނުންކުރަމުން އަންނަކަން ފާހަގަ ކުރައްވައި، ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާއަށް އޭޕީޓީން ދޭ ހިދުމަތުގެ އަގުވަޒަންކުރައްވައި ކޮމިޝަންގެ ރައީސް އޭ.ޕީ.ޓީ އަށް ޝުކުރު އަދާކުރެއްވި އެވެ. އަދި ރާއްޖޭގެ ކަމާ ގުޅުން ހުރި ފަރާތްތަކަށް ސެޓަލައިޓް ޓެކްނޮލޮޖީގެ ރޮނގުން މަޢުލޫމާތު ފޯރުކޮށްދިނުމަށް، އެ ފަރާތުން އިސްނަގައިގެން މިފަދަ މުހިއްމު ފޯރަމެއް އިންތިޒާމްކުރި ކަމަށްޓަކައި އޭ.ޕީ.ޓީ އަށް މަރުހަބާ ވިދާޅުވި އެވެ.
އޯބިޓަށް ފޮނުވާފައިވާ އޭޕީޓީގެ ތިން ސެޓަލައިޓުން ދުނިޔޭގެ އާބާދީގެ 75 ޕަސަންޓަށް ހިދުމަތް ފޯރުކޮށްދެ އެވެ. މިއިން ސެޓަލައިޓެއްގެ އަގަކީ ދެ ބިލިއަން އެމެރިކާ ޑޮލަރެވެ.