ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-04/2014)

April 20, 2014

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-04/2014)

ޝަކުވާ ނަމްބަރު: CAC-4/2014

 

ޝަކުވާ ހުށެހެޅި ތާރީޙް: 05 މާރިޗް 2014

ހުލާސާ: މިއީ، ދިޓީވީ އިން 3 އަދި 4 މާރިޗް 2014ވަނަ ދުވަހުން ފެށިގެން ހުއްޓުމެއް ނެތި ހ.ރަންރިނބުދޫގޭ އަހްމަދު ނާޝިދުގެ ފޮޓޯ އެކޮޅުކޮޅުން ފެންނަ ގޮތަށް ޓެލެކާސްޓް ކުރަމުންދާކަމަށާއި، އަދި ނިއުސްފީޑް ބާގެ އެއްފަރާތުގައި ފޮޓޯ އެކޮޅުކޮޅުން ޖެހުމުގެ އިތުރުން ނިއުސްފީޑަށް އަރުވަމުންގެންދިއަ ޚަބަރުގައި ވައްކަމުގެ ތުހުމަތު އަޅުވައި ޓެކްސްޓެއް ގެނެސްދީފައިވާކަމަށް އަދި ޝަކުވާހުށަހެޅި ފަރާތުގެ އަގު ރައްޔިތުންގެ ކުރިމަތީ ވައްޓާލާފައިވާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: 3 އަދި 4 މާރިޗް 2014ވަނަ ދުވަހު، ހ.ރަންރިނބިދޫގޭ އަޙްމަދު ނާޝިދުގެ ފޮޓޯ އެކޮޅުކޮޅުން ޖަހައިގެން ދިޓީވީއިން ބްރޯޑްކާސްޓްކޮށްފައި ވަނީ އެ ފަރާތުގެ އިއްޒަތާއި ގަދަރަށް އުނިކަން އަންނަ ގޮތަށް ކަމަށް ނިންމައި، އަދި މިއީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ތިންވަނަ ހަމައިގެ (1) އާ ޚިލާފު ކަމެއް ކަމަށް ކުރިންވެސް ނިންމާފައި އޮތް ކަމަކަށް ވާތީ އާއި މި ކަންކަމަށް ފިޔަވަޅު އެޅުމުން ވެސް އެއްވެސް އިސްލާހެއް ނުގެނެސް އެ ކަން ތަކުރާރު ކުރަމުންދާކަމަށް ފާހަގަކުރެވޭތީ އާއި އަދި މިއީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ތިންވަނަ ހަމައިގެ (1) އާ ބްރޯޑްކާސްޓިންގ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ހަތަރު ވަނަ ފަހަރު ޚިލާފުވެގެން، “މި ފަދަ ކަމެއް ދެން ތަކުރާރު ކޮށްފިނަމަ ހަރުކަށި ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު” 13 އޭޕްރީލް 2014 ގައި ދިނުމުގެ ކުރިން ބްރޯޑްކާސްޓް ކޮށްފައިވާ ކޮންޓެންޓަކާ ގުޅިގެން

 

ހުށަހަޅާފައިވާ މައްސަލައަކަށް ވާތީ، އެ ފަދަ ހަރުކަށި އިންޒާރެއް މި މައްސަލައިގައި ދެވެން ނެތް ކަމަށް ކަނޑައަޅައި، ނަމަވެސް މި ފަދަ ކަމެއް ދެން ތަކުރާރު ކޮށްފިނަމަ ހަރުކަށި ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ)ގެ 2ގެ ދަށުން، ބްރޯޑްކާސްޓިންގ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދިނުމަށް މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ނިންމީއެވެ.

20 އޭޕްރީލް 2014