ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-13/2019)

October 14, 2019

ޝަކުވާ ނަންބަރު: CAC-13/2019

ޝަކުވާ ހުށަހެޅި ތާރީޙް: 08 އޮގަސްޓް 2019

ހުލާސާ: މިއީ، ށ. މަރޮށީގައި ގަވާއިދާ ޚިލާފަށް އެއާރޓެލް ޗެނަލްތައް ހިމަނައިގެން ރީބްރޯޑްކާސްޓްކުރުން (ކޭބަލްޓީވީ) ގެ ޚިދުމަތް ދެމުންގެންދާ ކަމަށާއި، ކުރިން ށ. މަރޮށީގައި އެއާރޓެލް މެދުވެރިކޮށް ރީބްރޯޑްކާސްޓްކުރުން (ކޭބަލްޓީވީ) ގެ ޚިދުމަތްދެމުން ގެންދިޔައީ ނާދިލް މުއްތަހިދީން ޖަމްއިއްޔާގެ ނާދީ ކޭބަލް ނެޓްގެ ނަމުގައި ކަމަށާއި މިހާރު އެޚިދުމަތް ދެމުން އަންނަނީ ބަޑީސްނެޓް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ކަން ބަޔާންކޮށް، މި މައްސަލަ ބަލައި ފިޔަވަޅު އަޅުއްވައިދެއްވުން އެދި ހުށަހަޅާފައިވާ މައްސަލައެކެވެ.

 

ނިންމި ގޮތް: މި މައްސަލައާ ގުޅިގެން ޤާނޫނީ ހަމަތަކުގެ މަތިން ތަޙްޤީޤުގެ އެންމެހައި އިޖުރާޢުތައް ފުރިހަމަކޮށް ކޮމިޝަނުގެ ތަޙްޤީޤަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު؛

ބަޑީސްނެޓް ޕްރައިވެޓް ލިމިޓެޑުން ޖަވާބުދާރީވެ ފޮނުވި ސިޓީގައި، އެފަރާތުން ށ.މަރޮށީގައި ދެމުންގެންދަނީ އިންޓަރނެޓްގެ ޚިދުމަތެއްކަމާއި އެފަރާތުން ފޯރުކޮށްދޭ އިންޓަރނެޓް ޕެކޭޖްއާއެކު ސްޓްރީމް ސާވިސްއަކުން ފެންނަން ހުންނަ ޗެނަލްތަކަކީ އިންޓަރނެޓްގެ ޒަރީއާއިން ފެންނަ ޗެނަލްތަކެއްކަމަށް ބުނެފައިވާތީ އަދި،

މިލަދުންމަޑުލުއުތުރުބުރީ މަރޮށީ ކައުންސިލުގެ އިދާރާއިން ފޮނުވި ސިޓީގައި، ބަޑީސްނެޓް ޕްރައިވެޓް ލިމިޓެޑުން “އިންޓަނެޓް ޓީވީ ސެޓްޓޮޕް ބޮކްސް” މެދުވެރިކޮށް ޚިދުމަތް ދެމުން އަންނަކަމަށް މައުލޫމާތު ދީފައިވާތީ،

މިއީ، ޤާނޫނު ނަންބަރު  16/2010(ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ރީބްރޯޑްކާސްޓް ކުރުމުގެ ޚިދުމަތަކަށް ނުވާތީ، މި މައްސަލައަކީ ކޮމިޝަންގެ އިޙްތިޞާޞުގައި ހިމެނޭ މައްސަލައެއް ނޫންކަމުން މި މައްސަލަ އިތުރަށް ބަލާނެ ޖާގައެއް ނެތްކަމަށް ކަނޑައަޅައި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ނިންމީއެވެ.

14 އޮކްޓޯބަރު 2019