May 8, 2025
ޝަކުވާ ހުށަހެޅި ތާރީޙް: 23 ސެޕްޓެންބަރު 2024
ހުލާސާ: މިއީ، ޗެނަލް 13ގެ 7 ޖުލައި 2024 ވަނަ ދުވަހުގެ ރޭ 21:00 ހާއިރު ގެނެސްދިން “މަޑިސީލަ” ޕްރޮގްރާމްގެ ކޮންޓެންޓް (މުޅި ކޮންޓެންޓް) ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފްވާ ކަމަށް ފާހަގަކޮށް އިންޓަރނަލް މައްސަލައެއްގެ ގޮތުގައި ބަލާފައިވާ މައްސަލަ އެކެވެ.
ނިންމި ގޮތް: ޗެނަލް 13 ގެ 7 ޖުލައި 2024 ވަނަ ދުވަހުގެ ރޭ 21:00 ހާއިރު ގެނެސްދިން “މަޑިސީލަ” ޕްރޮގްރާމްގެ ކޮންޓެންޓް (މުޅި ކޮންޓެންޓް) ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފްވާ ކަމަށް ބެލެވޭކަމަށް ފާހަގަކޮށް އިންޓަރނަލް މައްސަލައެއްގެ ގޮތުގައި ކޮމިޝަންގެ އިސްނެގުމުގެ މަތީން ބަލަމުންދާ މި ޝަކުވާއާ ގުޅިގެން، ޤާނޫނީ ހަމަތަކުގެ މަތިން ތަޙްޤީގުގެ އެންމެހައި އިޖުރާޢަތުތައް ފުރިހަމަކޮށް މައްސަލައިގެ ތަޙުޤީގަށް ލިބިފައިވާ މަޢުލޫމާތަށް ނަޒަރުކުރާއިރު،
މި މައްސަލައިގައި، ވަކިފަރާތަކަށް ބުރަނުވެ މުސްތަޤިއްލު ތަޙްޤީގެއް ކުރުމުގެގޮތުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އެންމެހާ ޙައްޤުތައް މައްސަލަ ރައްދުވި ފަރާތަށް ލިބިދެވުނުކަން ކަށަވަރުކޮށް، މައްސަލަ ރައްދުވާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް ޖަވާބުދާރިވުމަށް ފުރުޞަތު ދީފައިވާކަމާއި،
މީޑީއާ ރިންގް ޕްރައިވެޓް ލިމިޓެޑް އިން މައްސަލައަށް ޖަވާބުދާރީވެފައިނުވާތީ މައްސަލަ ބަލާފައިވަނީ އެފަރާތުގެ ބަސް ނުހިމަނައިކަމާއި،
ޗެނަލް13 ގެ 7 ޖުލައި 2024 ވަނަ ދުވަހުގެ ރޭ 21:00 ހާއިރު ގެނެސްދިން “މަޑިސީލަ” ޕްރޮގްރާމްގެ ކޮންޓެންޓްގައި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ 20 ވަނަ ހަމައިގެ 10 ވަނަ ނަންބަރު ” މުޖުތަމަޢުގެ އަދަބު އަޙްލާޤުގެ މިންގަނޑުކަމަށް އާންމު ގޮތެއްގައި ޤަބޫލުކުރާ މިންގަނޑުތައް ހިފެހެއްޓުން” ، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ 20 ވަނަ ހަމައިގެ 02 ވަނަ ނަންބަރު ” އިޖުތިމާޢީ މިންގަނޑުތަކަށް ނުފެތޭ ބަސްމަގު އަދި އިޝާރާތްތައް ބޭނުންނުކުރުން” އަދި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ 03 ވަނަ ހަމައިގެ 01 ވަނަ ނަންބަރުގައި ” މީހެއްގެ ނުވަތަ ބައެއްގެ ޙުރުމަތް ކެނޑިދާފަދަ ނުވަތަ އިއްޒަތާއި ޤަދަރަށް އުނިކަމެއް އަތުވެދާފަދަ ނުވަތަ ނިކަމެތިކަމެއް ލިބިދާނެ ބަސްތަކާއި މަންޒަރާއި އަޑު ބްރޯޑްކާސްޓްނުކުރުން” އާ ޚިލާފު ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފައިވާކަމަށް ތަޙްގީޤަށް ސާބިތުވާކަމަށް ކަނޑައަޅައި،
ކޯޑް އޮފް ޕްރެކްޓިސްގެ 2 ވަނަ ހަމައިގެ (1) ވަނަ ނަންބަރު، 2 ވަނަ ހަމައިގެ (2) ވަނަ ނަންބަރު އަދި 3 ވަނަ ހަމައިގެ (1) ވަނަ ނަންބަރާއި ޚިލާފް ކޮންޓެންޓް މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑްގެ “ޗެނަލް 13” އިން ބްރޯޑްކާސްޓްކޮށްވާތީ، ޗެނަލް 13ގެ ޕްރޮގްރާމްތައް ކޯޑް އޮފް ޕްރެކްޓިސްގެ ހަމަތަކާ އެއްގޮތްވާގޮތުގެ މަތިން ކުރިމަގުގައި ބައްޓަންކުރުމަށާއި، ކޮންޓެންޓުތައް ފޮނުވުމުގައި އިތުރަށް ސަމާލުވުމަށާއި، ކޮމިޝަނުން އަންގާ އެންގުތަކަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށް، ޤާނޫނު ނަންބަރު 2010/16 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ 44 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް އިލްތިމާސްކޮށް ނަސޭހަތްތެރިވުމަށާއި،
ޗެނަލް13 ގެ 7 ޖުލައި 2024 ވަނަ ދުވަހުގެ ރޭ 21:00 ހާއިރު ގެނެސްދިން “މަޑިސީލަ” ޕްރޮގްރާމްގެ ކޮންޓެންޓްގައި، މުޖުތަމަޢުގެ އަދަބު އަޙްލާޤުގެ މިންގަނޑުކަމަށް އާންމު ގޮތެއްގައި ޤަބޫލުކުރާ މިންގަނޑުތަކާއި، އިޖުތިމާޢީ މިންގަނޑުތަކަށް ނުފެތޭ ބަސްމަގު ހިމެނޭ ކޮންޓެންޓް އާންމުކޮށް ބްރޯޑްކާސްޓްކޮށްފައިވާތީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު ގެ 44 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގެ ދަށުން ތިރީގައިވާ ނަކަލާއި އެއްގޮތަށް މަޢާފަށް އެދި ބަޔާނެއް ނެރުމަށާއި، އެއްވެސް ޝަރުތެއް ނެތި މި ބަޔާން 14 މޭ 2025 ވާ ބުދަ ދުވަހުގެ ކުރިން، އެއް ރޭ 08:00 އާއި 09:00 އާ ދެމެދު ޗެނަލް 13 އިން ޢާންމުކޮށް ބްރޯޑްކާސްޓްކުރުމަށް މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް އެންގުމަށް މި މައްސަލަ ބެލި ކޮމިޝަނުގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން މައްސަލަ ނިންމީއެވެ.
23 އެޕްރީލް 2025