February 22, 2023
ބްރޯޑްކާސްޓްކުރުމާއި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތާ ގުޅުން ހުރި ގިނަ ދާއިރާތަކަކުން އެއްބާރުލުން ދިނުމަށް ފާދިއްޕޮޅު ހިންނަވަރު ރަށު ކައުންސިލާއެކު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
ފަހުމުނާމާގައި ސޮއިކުރުން އޮތީ ކޮމިޝަނުން ފާދިއްޕޮޅަށް މިހާރު ކުރަމުންދާ ބްރޯޑްކާސްޓް އިންޑަސްޓްރީ މޮނިޓަރިންގ ދަތުރުގައި މިއަދު ހިންނަވަރަށް ކުރި ޒިޔާރަތުގައެވެ.
ހިންނަވަރު ރަށު ކައުންސިލް އިދާރާގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ކޮމިޝަންގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ ކޮމިޝަންގެ ރައީސް މަރްޔަމް ވަހީދާއެވެ. ހިންނަވަރު ރަށު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ޙަސަން ޝާފިޢުއެވެ.
ރާއްޖޭގެ ރަށު ކައުންސިލަކާ އެކު ކޮމިޝަނުން ސޮއިކުރި މިފަދަ ފުރަތަމަ ފަހުމުނާމާގައި އެއްބާރުލުން ދިނުމަށް ކަނޑައަޅާފައިވާ ދާއިރާތަކަކީ، ބްރޯޑްކާސްޓްކުރުމާއި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ފުޅާކުރުމަށް ކޮމިޝަނުން ކުރަމުންގެންދާ މަސައްކަތަށް އެއްބާރުލުން ދިނުމާއި، ބްރޯޑްކާސްޓްކުރުމާއި ރީބްރޯޑްކާސްޓްކުރުމުގެ ކަންކަން ރެގިއުލޭޓް ކުރުމުގައި ކޮމިޝަނުން ކުރަމުންގެންދާ މަސައްކަތަށް އެއްބާރުލުން ދިނުމާއި، ބްރޯޑްކާސްޓްކުރުމާއި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތާއި ގުޅިގެން މައްސަލަތައް ބެލުމުގައި ކޮމިޝަނަށް އެއްބާރުލުން ދިނުމުގެ އިތުރުން މި ދެ ދާއިރާއަށް ޢާންމުން ހޭލުންތެރިކަން އިތުރުކުރުމަށް ދެ ފަރާތް ގުޅިގެން މަސައްކަތްކުރުމެވެ.
ފަހުމުނާމާގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތާއެކު ކޮމިޝަނުން ހިންނަވަރު ރަށު ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި ކޮމިޝަންގެ ދައުރާ ގުޅޭގޮތުން ކޮމިޝަންގެ ޓީމުން މަޢުލޫމާތު ޙިއްސާކުރެއްވިއެވެ. އަދި ކޮމިޝަނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުންކަމުގައިވާ ރީބްރޯޑްކަސްޓްކުރުމުގެ ލައިސަންސް ނެތި ރަށްރަށުގައި މި ޚިދުމަތް ދިނުމުން ހުށަހެޅޭ މައްސަލަ ބެލުމުގައި ހުރި ދަތިތަކުގެ ކަންބޮޑުވުންތައްވެސް ކޮމިޝަން ޓީމުން ފާޅުކުރެއްވި އެވެ.
މީގެއިތުރުން ކޮމިޝަނުން ކޮމިއުނިޓީ ބްރޯޑްކާސްޓިންގ ޚިދުމަތް ރަށްރަށުގައި ތަޢާރަފްކުރުމަށް ކުރަމުންދާ މަސައްކަތާ ގުޅޭ ގޮތުންވެސް ހިންނަވަރު ރަށު ކައުންސިލާއެކު މަޝްވަރާކުރެއްވިއެވެ.
ހިންނަވަރު ރަށު ކައުންސިލާއެކު ބޭއްވި ފަހުމުނާމާގައި ސޮއިކުރުމުގެ ރަސްމިއްޔާތާއި ބައްދަލުވުމުގައި ކޮމިޝަންގެ ފަރާތުން ބައިވެރިވެވަޑައިގަތީ، މިހާރު ފާދިއްޕޮޅަށް ކުރަމުންދާ ދަތުރު ޓީމްގައި ހިމެނިވަޑައިގަންނަވާ ކޮމިޝަން ރައީސްގެ އިތުރުން، ނައިބު ރައީސް މުޙައްމަދު ފަޒީނާއި ސެކްރެޓަރީ ޖެނެރަލް މަރްޔަމް ޒީނިޔާއާއި ކޮމްޕްލެއިންޓްސް ކޯޑިނޭޓަރ ޙައްވާ ޒާހިރާ އަދި މޮނިޓަރިންގ އޮފިސަރ މުޙައްމަދު ޒަޢީމެވެ.