މޯލްޑިވްސް މީޑިއާ ކައުންސިލަށް އަލަށް ހޮވިވަޑައިގެންނެވި މެމްބަރުންނަށް ކޮމިޝަނުން މަރުޙަބާ ކިޔައިފި

January 22, 2023

މިއަދު އެމް.އެމް.ސީ.ގައި ބޭއްވި މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ، ކައުންސިލަށް އަލަށް ހޮވިވަޑައިގެންނެވި މެމްބަރުންނަށް ހޫނު މަރުޙަބާއެއް ވިދާޅުވެ، އަލަށް ގުޅިވަޑައިގެންނެވި މެމްބަރުންގެ ސަބަބުން މީޑިއާގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް އަންނާނޭ ކަމަށް ވިދާޅުވިއެވެ.

ކައުންސިލްގެ ނިމިދިޔަ ދައުރާ އެކުގައިވެސް ކޮމިޝަނުން ރާއްޖޭގެ މީޑިއާގެ ޚާއްޞަކޮށް ނޫސްވެރިކަމުގެ ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރައްވައި، ރާއްޖޭގެ މީޑިއާގެ ކުރިއެރުވުމަށް ކައުންސިލްގެ މި ދައުރާއެކުވެސް ގިނަ މަސައްކަތްތަކެއް ކުރުމަށް އުއްމީދުކުރައްވާ ކަމުގައި ކޮމިޝަން މެމްބަރުން މިބައްދަލުވުމުގައި ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް އަޙްމަދު މުސްޠަފާ، ދެ އިދާރާ ގުޅިގެން މީޑިއާގެ ތަރައްޤީއަށް މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާ، ރާއްޖޭގެ މީޑިއާގެ ތަރައްޤީއަށް ކޮމިޝަނުން ކުރާ މަސައްކަތްތަކުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

މީޑިއާގެ މިނިވަންކަމަށާއި ޒިންމާދާރު ނޫސްވެރިކަން ކުރިއެރުވުމަށާއި އަދި މި ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ދެ ފަރާތް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.

މިއަދު ބޭއްވި މި ބައްދަލުވުމުގައި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ފަރާތުން ބައިވެރިވެވަޑައިގަތީ ކައުންސިލްގެ ރައީސް އަޙްމަދު މުސްޠަފާއާއި ކައުންސިލް މެމްބަރު މުޙައްމަދު އަފްރާޙްގެ އިތުރުން ސެކްރެޓަރީ ޖެނެރަލް ޑރ. އިބްރާހީމް ސަމީރާއި ޑިރެކްޓަރ ޖެނެރަލް ޑރ. ފާޠިމަތު މުނާއެވެ.

ކޮމިޝަންގެ ފަރާތުން ބައިވެރިވެވަޑައިގަތީ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާގެ އިތުރުން، ނައިބު ރައީސް މުޙައްމަދު ފަޒީނާއި، ކޮމިޝަނަރ އަމްޖަދު ވަހީދާއި، ކޮމިޝަނަރ އާމިނަތު އަމީނާއާއި، ކޮމިޝަނަރ ޝިފްލާ އިބްރާހީމާއި ސެކްރެޓަރީ ޖެނެރަލް މަރިޔަމް ޒީނިޔާއެވެ.