January 22, 2023
މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ ރިޔާސީ އިންތިޚާބާ ގުޅިގެން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަން ގުޅިގެން ކުރަން ހުރި މަސައްކަތްތަކާމެދު ދެ މުއައްސަސާއިން މަޝްވަރާކޮށްފިއެވެ.
މިއަދު ހެނދުނު އިލެކްޝަންސް ކޮމިޝަނުގައި ބޭއްވި ބައްދަލުވުމުގައި، ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ ފާހަގަކުރެއްވިގޮތުގައި، ރިޔާސީ އިންތިޚާބާ އަދިވެސް އެހެނިހެން ޤައުމީ އިންތިޚާބުތަކާ ގުޅިގެން ކޮމިޝަނުން ކުރާ މައިގަނޑު އެއް މަސައްކަތަކީ އިލެކްޝަން ކަވަރޭޖް މޮނިޓަރިންގ ކަމުގައެވެ. މިއަހަރުގެ ރިޔާސީ އިންތިޚާބު ބާއްވާނެ ތާރީޚް އިލެކްޝަންސް ކޮމިޝަނުން މިހާރު އިޢުލާންކުރައްވާފައިވާތީ، އިލެކްޝަން ކަވަރޭޖް މޮނިޓަރިންގެ މަސައްކަތް ފެށުމަށް ކޮމިޝަނުން ވަމުންދާ ތައްޔާރީތަކުގެ މަޢުލޫމާތު މި ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް ދެއްވިއެވެ.
އިންތިޚާބުގެ ދުވަސްވަރު ނޫސްވެރިކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރިއަށްގެންދިއުމަށް ދެ މުވައްސަސާގެ ދައުރާ މެދުވެސް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ. މިގޮތުން ދެ މުވައްސަސާގެ އިތުރުން، ކަމާގުޅޭ އެހެން ފަރާތްތަކާ ގުޅިގެން މީޑިއާއާއި ނޫސްވެރިންނަށް ޚާއްޞަ ތަމްރީން ޕްރޮގްރާމްތައް ހިންގުމާ ގުޅޭގޮތުން މިއަދުގެ ބައްދަލުވުމުގައި ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ. މީގެއިތުރުން، އިންތިޚާބުތަކާބެހޭ ޤާނޫނުން ލަޒިމުކުރާ ކަންތައްތަކުގެ ތެރެއިން ދެ މުއައްސަސާ ގުޅިގެން ތަންފީޒުކުރުމަށް ހުރި ކަންތައްތައް ކުރުމުގައި އެއްބާރުލުމާއި އެހީތެރިކަން ދޭނެ ގޮތްތަކާމެދުވެސް މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ބައިވެރިވެވަޑައިގަތީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤާއި ބައެއް އެހެން މެމްބަރުންނެވެ.
ކޮމިޝަންގެ ފަރާތުން ބައިވެރިވެވަޑައިގަތީ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާގެ އިތުރުން، ނައިބު ރައީސް މުޙައްމަދު ފަޒީނާއި، ކޮމިޝަނަރ އަމްޖަދު ވަހީދާއި، ކޮމިޝަނަރ އާމިނަތު އަމީނާއާއި، ކޮމިޝަނަރ ޝިފްލާ އިބްރާހީމާއި ސެކްރެޓަރީ ޖެނެރަލް މަރިޔަމް ޒީނިޔާއާއި ޑިރެކްޓަރ، މޮނިޓަރިންގ އެންޑް ލައިސަންސިންގ އިބްރާހީމް އަޝްރަފެވެ.