އެޑްވައިޒަރީ – ކޮވިޑް-19 އާ ގުޅިގެން މަޢުލޫމާތު އާންމުކުރުމުގައި ޢަމަލުކުރަންވީ ގޮތް

March 16, 2020

 

އެޑްވައިޒަރީ

ނަންބަރ:427-BUR/CIR/2020/8

ކޮވިޑް-19 އާ ގުޅިގެން މަޢުލޫމާތު އާންމުކުރުމުގައި ޢަމަލުކުރަންވީ ގޮތް

ދިވެހިރާއްޖޭގައި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައިވާ މިދަނޑިވަޅުގައި، ޢާންމުންގެ މެދުގައި ހާސްކަމާއި ނުތަނަވަސްކަން އުފެދޭ ގޮތަށް ސާބިތު ނުހިފޭ މަޢުލޫމާތު ގެނެސްދިނުމުން އެއްކިބާވުމަށާއި، މިކަމާ ގުޅޭ އެންމެހައި ކޮންޓެންޓް ގެނެސްދިނުމުގައި ޒިންމާދާރު ނޫސްވެރިކަން ކުރިއަށް ނެރުމަށް ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކުރަމެވެ.

މީގެއިތުރުން، ކޮވިޑް-19 އާއި ބެހޭ ގޮތުން މަޢުލޫމާތު ގެނެސްދިނުމާއި މަޢުލޫމާތު ފޯރުކޮށްދިނުމުގައި އަންނަނިވި ކަންތައްތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެދެމެވެ.

  • ބްރޯޑްކާސްޓަރުން ގެނެސްދޭ މަޢުލޫމާތަކީ ކަމާ ބެހޭ އިދާރާތަކުން މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމަށް ފަހު (ވެރިފައިކޮށްފައި) ގެނެސްދޭ މަޢުލޫމާތަކަށްވުން.
  • މަޢުލޫމާތު ގެނެސްދިނުމުގައި ސިއްޙީ ދާއިރާގެ މާހިރުންނާއި ފަންނީ ބޭފުޅުންގެ ބައިވެރިވުމާއި ލަފާގެ މަތިން ގެނެސްދިނުން
  • ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް ކޮވިޑް-19 އާއި ގުޅޭ މަޢުލޫމާތު ނުފެތުރުން

އަދި މި ހައްސާސް ދަނޑިވަޅުގައި ބްރޯޑްކާސްޓަރުން ގެނެސްދޭ ކޮވިޑް-19 ގެ ޚަބަރާއި މަޢުލޫމާތު މި ކޮމިޝަނުން ވަރަށް ގާތުން މޮނިޓަރކުރަމުން ގެންދާނެކަމާއި ޤާނޫނާއި ގަވާއިދުގެ އިމުން ބޭރުން ކޮންޓެންޓް ގެނެސްދޭ ބްރޯޑްކާސްޓަރުންނާމެދު ފިޔަވަޅު އަޅާނޭ ވާހަކަ ވެސް ދަންނަވަމެވެ.

މީގެ އިތުރުން، ކޮވިޑް-19 ގެ މަޢުލޫމާތުތައް ވީހާވެސް އަވަހަށް، ފަސޭހަކަމާއި ހަމަހަމަކަމާއެކު ހުރިހާ ބްރޯޑްކާސްޓަރުންނަށް ފޯރުކޮށްދިނުމަށް މިފުރުސަތުގައި ކަމާ ބެހޭ އިދާރާތަކަށް އިލްތިމާސްކުރަމެވެ.

ކޮވިޑް 19ގެ މިޙާލަތުގައި ރައްޔިތުންނަށް ސައްޙަ މަޢުލޫމާތު ފޯރުކޮށްދީ، ހޭލުންތެރިކުރުމަށް ބްރޯޑްކާސްޓަރުން ކުރަމުންދާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ޝުކުރުއަދާކުރަމެވެ. އަދި ބްރޯޑްކާސްޓަރުންނަށް ކޮމިޝަނުން ދޭންޖެހޭ އެއްބާރުލުމާއި އެހީތެރިކަން ދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަންވެސް މިފުރުސަތުގައި އަރުވަމެވެ.

16 މާރޗް 2020