June 13, 2019
އޭޝިޔާ ޕެސިފިކް އިންސްޓިޓިއުޓް ފޯ ބްރޯޑްކާސްޓް ޑިވެލޮޕްމަންޓް (އޭ.އައި.ބީ.ޑީ) އިން ކެމްބޯޑިއާގެ ސިމް ރީޕްގައި ޖޫން 12- 14 އަށް ބާއްވާ އޭޝިޔާ މީޑިއާ ސަމިޓް 2019 ގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބު ބައިވެރިވެވަޑައިގެންފިއެވެ.
އޭޝިޔާ މީޑިއާ ސަމިޓަކީ އޭ.އައި.ބީ.ޑީ މެންބަރޝިޕް އޮންނަ މުއައްސަސާތަކާއި ދުނިޔޭގެ ގިނަ ބްރޯޑްކާސްޓަރުންނާއި ކަމާގުޅޭ މާހިރުން އެއް ޕްލެޓްފޯމެއްގައި ބްރޯޑްކާސްޓް ސިނާއަތުގެ ތަރައްޤީއަށާއި މި ދާއިރާއާ ގުޅޭ އައު ޚިޔާލުތަކާއި ތަޖުރިބާ ހިއްސާކުރުމަށް ކޮންމެ އަހަރަކު އޭ.އައި.ބީ.ޑީން އިންތިޒާމްކޮށް ބާއްވާ ފޯރަމެކެވެ. މިގޮތުން މި އަހަރުގެ ފޯރަމްގެ ތީމަކީ ‘ޑިޖިޓައިޒޭޝަން؛ މީޑިއާ ކްރެޑިބިލިޓީ’ އެވެ.
ދުނިޔޭގެ 40 ޤައުމަކުން 600 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވާ މި ސަމިޓް ފެށުމުގެ ކުރިން، 11 ޖޫން ގައި އޮތް ޕްރީ ސަމިޓް ވާރކްޝޮޕް “ކްރިއޭޓިންގ އިމްޕެކްޓްފުލް ކޮންޓެންޓް އިން ޑިޖިޓަލް އީރާ” ގައި ވެސް ކޮމިޝަންގެ ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ސަމިޓްގައި ބައިވެރިވެޑައިގެން މި ސަމިޓްގެ ތީމާ ގުޅޭގޮތުން “މީޑިއާ ކްރެޑިބިލިޓީ އިން ދަ ޑިޖިޓަލައިޒޭޝަން އެރާ – ދަ މޯލްޑިވްސް އެކްސްޕީރިއަންސް” މި މައުލޫއަށް ރާއްޖޭގެ ނަޒަރުން ކޮމިޝަންގެ ރައީސް ވާހަކަފުޅު ދައްކަވާނެއެވެ.
މީގެ އިތުރުން، މި ސަމިޓުގެ ހަވާސާގައި، ބައެއް ޤައުމުތަކުގެ މީޑިއާ ގުޅޭ މުއައްސަސާތަކުގެ ވެރިންނާ ކޮމިޝަނުގެ ރައީސް ބައްދަލުކުރައްވައި އެ ޤައުމުތަކުން ލިބެން ހުރި ތަމްރީނުގެ ފުރުޞަތުތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.
މިއަހަރުގެ އޭޝިޔާ މީޑިއާ ސަމިޓުގައި ރާއްޖެއިން ބައިވެރިވި ވަފްދުގައި، ކޮމިޝަނުގެ ރައީސްގެ އިތުރުން ޕީ.އެސް.އެމްގެ ޑިޕއުޓީ މެނެޖިންގ ޑިރެކްޓަރ މުހައްމަދު ޝަމީމާއި އިތުރު ދެ މުވައްޒަކު ބައިވެރިވިއެވެ.