ކޮމިޝަންގެ މެމްބަރުކަމަށް އާމިނަތު އަމީނާ ޢައްޔަނުކުރައްވައިފި

June 14, 2020

ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރުކަމަށް ހައްދުންމަތީ ކުނަހަންދޫ ހަނދުވަރީގެ، އާމިނަތު އަމީނާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ޢައްޔަން ކުރައްވައިފިއެވެ.

އާމިނަތު އަމީނާ ކޮމިޝަންގެ މެމްބަރުކަމުގެ މަޤާމަށް ޢައްޔަނުކުރެއްވި ކަމުގެ ލިޔުން ހަވާލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ފަސް އަހަރުގެ ދައުރަކަށް އަލަށް ކޮމިޝަންގެ މެމްބަރުކަމަށް އާމިނަތު އަމިނާ ޢައްޔަނުކުރެއްވީ، ކޮމިޝަންގެ މެމްބަރު ކަމުގެ މަޤާމެއް ހުސްވެފައިވާތީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރި އިޢުލާނާ ގުޅިގެން އެކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ  ދިރާސާއިން އެންމެ މަތިން މާކްސްހޯއްދަވައި، ރުހުން ދިނުމަށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ވޯޓަށް އެއްސެވުމަށްފަހު  ބައިވެރިވެވަޑައިގެންނެވި 63 މެމްބަރުންގެ އިއްތިފާޤުން ހޮވިވަޑައިގެންނެވުމުންނެވެ.