ކޮމިޝަންގެ މެމްބަރުކަމަށް ޝިފްލާ އިބްރާހީމް ޢައްޔަނުކުރައްވައިފި

May 5, 2021

ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރުކަމަށް ގ. މަސްއޮޑިގެ، ޝިފްލާ އިބްރާހީމް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ޢައްޔަން ކުރައްވައިފިއެވެ.

ޝިފްލާ އިބްރާހީމް ކޮމިޝަންގެ މެމްބަރުކަމުގެ މަޤާމަށް ޢައްޔަނުކުރެއްވި ކަމުގެ ލިޔުން ހަވާލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ފަސް އަހަރުގެ ދައުރަކަށް އަލަށް ކޮމިޝަންގެ މެމްބަރުކަމަށް ޝިފްލާ އިބްރާހީމް ޢައްޔަނުކުރެއްވީ، ކޮމިޝަންގެ މެމްބަރު ކަމުގެ މަޤާމެއް ހުސްވެފައިވާތީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރި އިޢުލާނާ ގުޅިގެން އެކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ  ދިރާސާއަށް ފަހު، ރުހުން ދިނުމަށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ވޯޓަށް އެއްސެވުމަށްފަހު  71 މެމްބަރުންގެ ވޯޓާއެކު ހޮވިވަޑައިގެންނެވުމުންނެވެ.

ބްރޯޑްކާސްޓްކުރުމުގެ ދާއިރާގައި 1999 ވަނަ އަހަރު މަސައްކަތްކުރައްވަން ފެށްޓެވި ޝިފްލާ އިބްރާހީމް، އެންމެ ފުރަތަމަ އަދާކުރެއްވީ ޓެލެވިޒަން މޯލްޑިވްސްގެ އެނައުންސަރ ޓްރެއިނީއެއްގެ މަޤާމެވެ. ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރުކަމަށް ޝިފްލާ އިބްރާހީމް މިއަދު ޢައްޔަނުކުރެއްވުމާ ހަމައަށް މަސައްކަތްކުރައްވަމުން ގެންދެވީ ސަންގު ޓީވީގެ ނިއުސް އެންކަރއެއްގެ މަޤާމުގައެވެ.