May 27, 2013
އެޝިއާ ޕެސިފިކް އިންސްޓިޓިއުޓް ފޯ ބްރޯޑްކާސްޓް ޑެވެލޮޕްމަންޓް (އޭ.އައި.ބީ.ޑީ) އިން ބޭއްވުމަށް ހަމަޖެހިފައިވާ “އޭޝިއާ މީޑިއާ ސަމިޓް 2013” ގައި ބައިވެރިވެވަޑައިގަތުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަހީބު ރޭ އިންޑޮނޭޝިޔާ އަށް ފުރާވަޑައިގެންފި އެވެ.
އިންޑޮނޭޝިއާގެ މަނާޑޯގައި މި މަހުގެ 29-31 އަށް ބާއްވާ “އޭޝިއާ މީޑިއާ ސަމިޓް 2013” އަކީ އޭޝިއާ އަދި ޕެސިފިކް ސަރަހައްދު ޤައުމުތަކުގެ ބްރޯޑްކާސްޓް ދާއިރާގައި މަސައްކަތްކުރައްވާ ތަޖުރިބާކާރުންނާ އެކު ބްރޯޑްކާސްޓިންގ ދާއިރާ ތަރައްޤީއަށް އެޅޭނެ ފިޔަވަޅުތަކާއި ބްރޯޑްކާސްޓިންގ ދާއިރާއަށް ހުރި ގޮންޖެހުންތައް ދެނެގަތުމާއި ކަމާ ގުޅޭ ތަޖްރިބާ އަދި ބެސްޓް ޕްރެކްޓިސް ހިއްސާކުރުމުގެ ގޮތުން ބާއްވާ ސަމިޓެކެވެ.
މި ސަމިޓްގައި ދިވެހިރާއްޖޭގެ އިތުރުން އޭ.އައި.ބީ.ޑީގެ 49 މެންބަރު ޤައުމުން ޖުމްލަ 384 މަންދޫބުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.
މި ސަމިޓުގެ ތެރޭގައި ކުރިއަށްދާ ވޯކްޝޮޕްތަކުގެ ތެރެއިން “ސްމޯލް ރޭޑިއޯ އެންޑް ޓީވީ ސްޓޭޝަންސް: ސަރވިންގ ދެއާ އޯޑިއަންސް ބެޓާ؟” ގައި ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަހީބު ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
“އޭޝިއާ މީޑިއާ ސަމިޓް 2013” ގައި ބައިވެރިވެވަޑައިގަތުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަނުގެ ރައީސް ކުރައްވާ ދަތުރުގެ ހުރިހާ ކަމެއް ހަމަޖައްސަވައިދެއްވައިފައި ވަނީ އޭ.އައި.ބީ.ޑީގެ ފަރާތުންނެވެ.