August 13, 2018
“އިންތިޚާބީ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާބެހޭ އުޞޫލު” ގެޒެޓްކުރުމަށްފަހު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު އާންމުކޮށްފިއެވެ.
މި އުސޫލަކީ، ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 30 ވަނަ މާއްދާގެ ދަށުން، އިންތިޚާބެއްގެ ދުވަސްވަރު، އެ އިންތިޚާބެއްގައި ބައިވެރިވާ ކެންޑިޑޭޓުންނަށާއި، އެ ކެންޑިޑޭޓުން ނިސްބަތްވާ ސިޔާސީ ޕާޓީތަކަށް ޚާއްޞަކޮށްގެން؛ އެ ކެންޑިޑޭޓުންނާއި، ސިޔާސީ ޕާޓީތަކަށް ތާއީދު ހޯދުމުގެ ގޮތުން ޕްރޮގްރާމާއި އިޝްތިހާރު ފޮނުވުމަށް ވަގުތު ދިނުމުގައި ބްރޯޑްކާސްޓަރުން ޢަމަލުކުރަންވީ ހަމަތައް ކަނޑައެޅުމާއި، އެ ހަމަތަކާ ޚިލާފުވާކަމަށް ބެލެވޭ ބްރޯޑްކާސްޓަރުންނާމެދު ޝަކުވާ ހުށަހެޅޭނެ ނިޒާމެއް ޤާއިމުކުރުމާއި، ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތައް ބެލުމާއި، އެ ހަމަތަކާ ޚިލާފުވާ ބްރޯޑްކާސްޓަރުންނާމެދު ފިޔަވަޅުއެޅުމުގެ އުޞޫލެއް އެކުލަވާލައި އާންމުކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ލާޒިމްކޮށްފައިވާތީ އެކުލަވާލާފައިވާ އުސޫލެކެވެ.
މި އުސޫލު އެކުލަވައިލާފައި ވަނީ، 10 ޖުލައި 2018 ގައި މި އުސޫލުގެ ފުރަތަމަ ދެލިކޮޕީ އެކުލަވައިލުމަށް ފަހު އާއްމުކޮށް ޚިޔާލުހޯދުމަށް ހުޅުވާލުމަށް ފަހު، އިލެކްޝަންސް ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނާ އެކު މަޝްވަރާކޮށް، މީގެ އިތުރުން ބްރޯޑްކާސްޓަރުންނާ އެކު ދެ ފަހަރެއްގެ މަތީން ބައްދަލުކޮށް އެ ފަރާތްތަކުގެ ޚިޔާލުހޯދުމަށް ފަހު ބައެއް އިސްލާހުތައް ހިމެނުމަށްފަހުގައެވެ. އަދި މި އުސޫލަށް އެޓަރނީ ޖެނެރަލްގެ ލަފާވެސް ހޯދާފައިވެއެވެ.
މި އުސޫލަށް އަމަލުކުރަން ފެށުމާއެކު، މި އުސޫލާ އެއްގޮތްވާ ގޮތުގެމަތިން، ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށްޓަކައި ހިލޭ ދޫކުރުމަށް ނުވަތަ ވިއްކުމަށް ބްރޯޑްކާސްޓަރުން ޚާއްޞަކުރާ ވަގުތުތަކާއި، އެ ވަގުތުތައް ވިއްކާނަމަ، ވިއްކާކަމާއި ވިއްކާ އަގުތައް، އިންތިޚާބުގައި ބައިވެރިވާ ކެންޑިޑޭޓުންގެ ނަންތައް އިލެކްޝަންސް ކޮމިޝަނުން އިޢުލާން ކުރާ ވަގުތުން ފެށިގެން ގިނަވެގެން 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި ބްރޯޑްކާސްޓަރު އިޢުލާންކުރަން ޖެހެއެވެ. އަދި އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓަކަށް ނުވަތަ، އެ ކެންޑިޑޭޓަކު ނިސްބަތްވާ ސިޔާސީ ޕާޓީއަކަށް ތާއީދު ހޯދުމަށްޓަކައި ޚާއްޞަކޮށްފައިވާ ވަގުތެއް ކެންޑިޑޭޓަކު ނުވަތަ، އެ ކެންޑިޑޭޓަކު ނިސްބަތްވާ ސިޔާސީ ޕާޓީއަކުން ބޭނުންވާނަމަ، އެކަމަށް އެދި އެ ބްރޯޑްކާސްޓަރަކަށް ހުށަހެޅޭނެ ފަސޭހަ ނިޒާމެއް ބްރޯޑްކާސްޓަރު ޤާއިމްކުރުމަށްފަހު، މި މުއްދަތުގެ ތެރޭގައި މި ނިޒާމް ބްރޯޑްކާސްޓަރު އިޢުލާންކުރަންޖެހެއެވެ. އަދި މި މައުލޫމާތު މި މުއްދަތުގެ ތެރޭގައި ކޮމިޝަނަށް ހުށަހެޅުމަށް ވެސް ކޮމިޝަނުން ހަނދާންކޮށްދެއެވެ.