ޗެނަލް 13ގެ ޕްރޮގްރާމްތަކުގައި ބޭނުންކުރާ ބަސްމަގު މުޖުތަމަޢުގެ އަދަބު އަޚުލާޤުގެ މިންގަނޑަށް ފެއްތުމަށް ކޮމިޝަނުން ނަސޭޙަތްތެރިވެއްޖެ

April 7, 2020

ޗެނަލް 13ގެ ޕްރޮގްރާމްތަކުގައި ބޭނުންކުރާ ބަސްމަގު މުޖުތަމަޢުގެ އަދަބު އަޚުލާޤުގެ މިންގަނޑަށް ފެއްތުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ނަސޭޙަތްތެރިވެ، އެ ޗެނަލަށް ސިޓީ ފޮނުވައިފިއެވެ.

ތިރީގައި މިވަނީ މިކަމާ ގުޅިގެން ކޮމިޝަނުން މިއަދު އެ ޗެނަލަށް ފޮނުވި ސިޓީގެ މުހިންމު ބައިތަކެވެ.”ޗެނަލް 13 އިން ބްރޯޑްކާސްޓްކުރާ ޕްރޮގްރާމްތައް ހުށަހަޅާ ޕްރެޒެންޓަރުން، އަދި ޚާއްސަކޮށް ޗެނަލް 13އިން ގެނެސްދޭ “ހަޖަމު” ޕްރޮގުރާމުގައި މުޖުތަމަޢުގެ އަދަބު އަޚުލާޤުގެ މިންގަނޑު ކަމަށް އާންމު ގޮތެއްގައި ޤަބޫލުކުރާ މިންގަނޑުތަކާއި އިޖްތިމާއީ މިންގަނޑުތަކަށް ނުފެތޭ ބަސްމަގު ބޭނުންކުރަމުން ދާކަމަށް މި ކޮމިޝަނަށް ފާހަގަކުރެވި އަދި މީސްމީޑިއާ މެދެވެރިކޮށް ކޮމިޝަނުގެ ސަމާލުކަމަށް މިކަން އައިސްފައިވާތީ ދަންނަވަމެވެ.

ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ގަވާއިދާއި ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑާ އެއްގޮތްވާ ގޮތުގެ މަތީން ޗެނަލް 13 އިން ބްރޯޑްކާސްޓްކުރާ ޕްރޮގްރާމްތައް ބައްޓަންކުރުމަށާއި، އެޕްރޮގްރާމްތައް ހުށަހަޅާ ފަރާތްތަކުގެ ބަސްމަގު މުޖުތަމަޢުގެ އަދަބު އަޚުލާޤުގެ މިންގަނޑު ކަމަށް އާންމު ގޮތެއްގައި ޤަބޫލުކުރާ މިންގަނޑުތަކާއި އެއްގޮތްވާގޮތުގެ މަތީން ބެހެއްޓުމަށް ބާރުއަޅައި އެކަމަށް އިސްކަންދީގެން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށާ އަދި ބްރޯޑްކާސްޓްކުރާ މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރެވިގެން ކޮންޓެންޓު ގެނެސްދިނުމަށް އެދި ނަސޭޙަތްތެރިވަމެވެ. އަދި މި މިންގަނޑާ ޚިލާފަށް ޕްރޮގްރާމުތައް ބްރޯޑްކާސްޓްކުރަމުންދާ ކަމަށް ވާނަމަ، މި ކޮމިޝަނުން މައްސަލަ ބެލުމަށްފަހު ކަނޑައެޅިފައިވާ އުސޫލުން ފިޔަވަޅު އަޅާނެ ވާހަކަވެސް ދަންނަވެމެވެ.”