ކޮވިޑް-19ގެ ޙާލަތާ ގުޅިގެން ބްރޯޑްކާސްޓަރުންނަށް ދިމާވެފައިވާ ދަތިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުގެ ކިބައިން ކޮމިޝަނުން އެދެފި

June 9, 2020

ކޮވިޑް-19ގެ ޙާލަތާ ގުޅިގެން ބްރޯޑްކާސްޓް ސްޓޭޝަންތައް ހިންގުމަށާއި މާލީ ގޮތުން ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުގެ ކިބައިން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އެދެފިއެވެ.

ތިރީގައި މިވަނީ މިކަމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް ކޮމިޝަނުން މިއަދު ފޮނުވާފައިވާ ސިޓީގެ މުހިންމު ބައިތަކެވެ.

އެނގިވަޑައިގެންފައިވާނޭ ފަދައިން ބްރޯޑްކާސްޓް ދާއިރާއަކީ ރައްޔިތުންނަށް ޚަބަރާއި މައުލޫމާތު ފެތުރުމުގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭ މީޑިއާގެ ވަސީލަތްކަމުން، ބްރޯޑްކާސްޓަރުންގެ ޚިދުމަތްތައް މެދުނުކެނޑި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ދެވޭނޭ މަގުފަހިކުރުމަކީ ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކުރުމަށް ކުރެވޭނޭ މުހިއްމު ކަމެއްކަމަށް ދެކެމެވެ. އަދި މިއީ ސަރުކާރަށާއި ރައްޔިތުންނަށް އޭގެ ސަބަބުން ގިނަގުނަ ފައިދާތަކެއް ކުރާނޭ ކަމެއްކަމަށް ވެސް ފެނެއެވެ.

“ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބްރޯޑްކާސްޓިންގ ސިނާޢަތަށް ދިމާވި ގޮންޖެހުންތައް ދެނެގަތުމުގެ ގޮތުން ބްރޯޑްކާސްޓަރުންނާއެކު ކުރެވުނު މުޢާމަލާތްތަކުގެ ތެރޭގައި، އެ ފަރާތްތަކުގެ މާލީ ޙާލަތު ވަޒަންކުރުމަށް ސާވޭއެއްގެ ހިންގައި އަދި ބައެއް ބްރޯޑްކާސްޓަރުންނާއެކު ބައްދަލުވުމެއް ވަނީ ބޭއްވިފައެވެ. މި ގޮތުން އެއްކުރެވުނު މަޢުލޫމާތުގެ ތެރޭގައި، ކޮވިޑް-19 ގެ ޙާލަތާ ގުޅިގެން މާލީ ގޮތުން ކުރިމަތިވި ގޮންޖެހުންތަކުގެ ސަބަބުން ބައެއް ސްޓޭޝަންތަކުގެ ހިންގުމަށް ބުރޫއަރައި އަދި މުވައްޒަފުންގެ މުސާރަ ދިނުމުގައި އަދި ތަނުގެ ކުލި ދެއްކުމުގައި ބޮޑެތި ދަތިތަކެއް އެ ފަރާތްތަކުން ތަޙައްމަލުކުރަން ޖެހިފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. އަދި މި ޙާލަތުން އަރައިގަތުމަށް ބްރޯޑްކާސްޓަރުންނަށް ސަރުކާރުގެ ފަރާތުންނާއި އެކި އިދަރާތަކާއި ކުންފުނިތަކުން އެހީތެރިކަން ބޭނުންވާ ކަމަށްވަނީ ފާހަގަކުރެވިފައެވެ.

ވީމާ، ބްރޯޑްކާސްޓަރުންނަށް ދިމާވެފައިވާ މާލީ ދަތިކަމުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން ރިލީފް ޕެކެޖެއް ނުވަތަ ލުއި ލޯނުގެ ޕެކެޖެއް އެ ފަރާތްތަކަށް ލިބޭނޭ ގޮތެއް ސަރުކާރުން ހަމަޖައްސަވައިދެއްވާތޯ އެދި ދެންނެވީމެވެ.”

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިތުރަށް، ބްރޯޑްކާސްޓަރުންނަށް މި ދަތި ޙާލަތުން އަރައިގަތުމަށް ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ކޮށްދެއްވިދާނޭ މަސައްކަތްތައް ކޮށްދެއްވުމަށް އެދި މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށްވެސް ކޮމިޝަނުން މިއަދު ސިޓީ ފޮނުވާފައިވެއެވެ.

އަދި ކޮވިޑް-19 ގެ ސަބަބުން ބްރޯޑްކާސްޓަރުންނަށް ދިމާވެފައިވާ މާލީ ދަތިކަމުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން އިޝްތިހާރުތަކާއި ސްޕޮންސަރޝިޕް މެދުނުކެނޑި ހަމަހަމަކަމާއެކު ހުރިހާ ބްރޯޑްކާސްޓަރުންނަށް ލިބޭނޭ ގޮތް ހަމަޖައްސަވައި ދެއްވުމަށް އެދި ސަރުކާރު ޙިއްސާވާ ކުންފުނިތަކަށްވެސް ކޮމިޝަނުން މިއަދު ސިޓީ ފޮނުވާފައިވެއެވެ.

މީގެއިތުރުން، ކޮވިޑް-19 އާ ގުޅިގެން ބްރޯޑްކާސްޓަރުންނަށް ކުރިމަތިވި ގޮންޖެހުންތަކާ ގުޅޭ ގޮތުން ކޮމިޝަނުން ތައްޔާރުކޮށްފައިވާ ރިޕޯޓްވެސް މި ހުރިހާ ފަރާތްތަކަށް ފޮނުވާފައިވެއެވެ.