ބަޖެޓްގެ ދަތިކަމާއި، ޤާނޫނީ ޒިންމާއަދާކުރުމަށް ހުރި ދަތިތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ ކޮމިޝަނުން މަޝްވަރާކޮށްފި

September 13, 2020

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ލިބިފައިވާ ބަޖެޓުން ބްރޯޑްކާސްޓިންގ ދާއިރާގެ ތަރައްޤީއަށާއި އަދި ކޮމިޝަން އިދާރީ ގޮތުން ހިންގުމަށް ހުރި ދަތިކަމާއި، ކޮމިޝަންގެ ޤާނޫނީ ޒިންމާއަދާކުރުމަށްޓަކައި ބްރޯޑްކާސްޓް ކުރުމުގެ ޤާނޫނު އިޞްލާޙް ކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ ކޮމިޝަން މެމްބަރުން ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ ފާހަގަކުރެއްވިގޮތުގައި، ކޮމިޝަނަށް ކޮންމެ އަހަރަކު ފާސްކުރާ ބަޖެޓަކީ މުސާރަދިނުމަށާއި އޮފީސް ހިންގުމަށްދެވޭ ކުޑަ ބަޖެޓެއްކަމުން ދާއިރާގެ ތަރައްޤީއަށާއި ކޮމިޝަންގެ ހިންގުން ހަރުދަނާ ކުރުމަށް އެކުލަވާލާފައިވާ ކޮމިޝަންގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ކަނޑައަޅާފައިވާ ޕޮލިސީތަކާއި ސްޓެރެޓެޖީތައް ހިންގުމަށް ޚަރަދުކުރާނެ ބަޖެޓެއް އެއްވެސް އަހަރަކު ނުލިބޭ ކަމުގައެވެ.

އަދި ކޮމިޝަންގެ މުވައްޒަފުންނަށް ވަޒީފާއާއި މުސާރައިގެ ކުރިއެރުން ދިނުމަށާއި އަދި ކޮމިޝަން ހިންގަމުންދާ އޮފީސް އިމާރާތަށް ބޭނުންވާ މަރާމާތުގެ ކަންކަން ކުރުމަށްވެސް މިހާރު ލިބިފައިވާ ބަޖެޓުން ނުފުދޭ ކަމަށް ވިދާޅުވެ، ސަރުކާރުގެ ފަރާތުން މިކަންކަމަށް އަވަސް ޙައްލެއް ހޯއްދަވައިދެއްވުމަށް މިބައްދަލުވުމުގައި ކޮމިޝަންގެ މެމްބަރުން، ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދިވަޑައިގެންނެވިއެވެ.

މިކަންކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީއާއެކުވެސް މަޝްވަރާކޮށްފައިވާ ކަމަށް ވިދާޅުވެ، ބްރޯޑްކާސްޓިންގ ދާއިރާގައި މަސައްކަތްކުރާ ނޫސްވެރިން ތަމްރީންކުރުމަކީ ކޮމިޝަންގެ މިދައުރުގައި އެންމެ އިސްކަމެއް ދީގެން ކުރަމުންދާ އެއް މަސައްކަތްކަމަށާއި، ދާއިރާގެ ތަރައްޤީއަށް ބޭނުންވާ ތަމްރީންތައް ހިންގުމަށްޓަކައި މި ދާއިރާ ތަރައްޤީކުރުމަށް އެހީތެރިކަން ފޯރުކޮށްދޭ ބައިނަލްއަޤްވާމީ އެކި ފަރާތްތަކުގެ އެހީތެރިކަމަށާއި ފަންޑިން ހޯދުމަށް މަސައްކަތްކުރައްވާކަމަށްވެސް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.

ރިސޯޓުތަކާއި ގެސްޓްހައުސްތަކުގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދެވޭނީ ކޮމިޝަނުން ލައިސަންސް ހޯދައިގެން ކަމާއި، ނަމަވެސް ގިނަ ރިސޯޓުތަކެއްގައި މި ޚިދުމަތް ލައިސަންސެއް ނެތި ދެމުންދާ ކަމުގެ ކަންބޮޑުވުން، މިބައްދަލުވުމުގައި ކޮމިޝަން މެމްބަރުން ފާޅުކުރެއްވިއެވެ. އަދި ބޭރުގެ ޓީވީ ޗެނަލްތަކުގެ ރައިޓްސް ނެތި ބައެއް ރިސޯޓުތަކުން ރީބްރޯޑްކާސްޓްކުރަމުންދާ ކަމުގެ ޝަކުވާ ކޮމިޝަނަށް ލިބިފައިވާ ކަމާއި، މިއީ ބައިނަލްއަޤްވާމީ ކޮޕީރައިޓްސްގެ މައްސަލައެއް ކަމުގައިވެސް މެމްބަރުން ވިދާޅުވިއެވެ. މީގެއިތުރުން، ލައިސަންސް ނެތި ރީބްރޯޑްކާސްޓްކުރުމުގެ ސަބަބުން ލައިސަންސް ފީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ އާމްދަނީ ނުލިބޭކަމާއި، ގަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓްކުރުމުގެ މައްސަލަތައް ބެލުމަށް ބަޖެޓުގެ އެހީތެރިކަމުގެ އިތުރުން ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށްވެސް، ކޮމިޝަން މެމްބަރުން ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވިއެވެ.

އެކަށީގެންވާ ބަޖެޓެއް ލިބިފައިނެތުމުން، ހިންގުމަށް ގޮންޖެހުންތަކެއް ހުރުމާއެކުވެސް، ލިބިފައިވާ ވަސީލަތްތައް ބޭނުންކޮށްގެން ދާއިރާގެ ތަރައްޤީއަށް ކޮމިޝަނުން ކުރަމުންދާ ބައެއް މަސައްކަތްތަކުގެ ތަފްސީލު، ކޮމިޝަންގެ މެމްބަރުން ރައީސުލްޖުމްހޫރިއްޔާއަށް މިބައްދަލުވުމުގައި ދެއްވިއެވެ.

މިގޮތުން، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުން ދިވެހިރާއްޖޭގައި ތަޢާރަފުކުރުމަށް ލާޒިމްކުރާ، ކޮމިއުނިޓީ ބްރޯޑްކާސްޓިންގގެ ޚިދުމަތް، ތަޢާރަފުކުރުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށްގެން ވަގުތީ ގޮތުން މި ޚިދުމަތްދިނުމުގެ އަޖުމަބެލުމުގެ މަޝްރޫޢުގެ މަޢުލޫމާތާއި، ދިވެހި މީޑިއާގައި އިސްލާމީ ޝަޚުޞިއްޔަތާއި ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑާއި އުސޫލުތައް ދަމަހައްޓައި ދިވެހި ނޫސްވެރީންނަކީ ޤާބިލު ބައެއް ކަމުގައި ހެދުމުގެ މަޤްޞަދުގައި ކޮމިޝަނާއި އިސްލާމިކް ޔުނިވަރސިޓީ ގުޅިގެން ކުރުމަށް ރާވާފައިވާ މަސައްކަތްތަކުގެ ތަފްސީލު މިބައްދަލުވުމުގައި ކޮމިޝަންގެ މެމްބަރުން ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ.

މިއަދުގެ ބައްދަލުވުމުގައި ކޮމިޝަނުގެ ފަރާތުން ޙިއްސާކުރި ކަންބޮޑުވުންތަކަށް ދާއިމީ ޙައްލެއް ގެނެސްދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

މި ބައްދަލުވުމުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، ރާއްޖޭގައި ގިނަ އަދަދެއްގެ ޓީވީއާއި ރޭޑިއޯ އަދި އޮންލައިން ނޫސްތައް ހަރަކާތްތެރިވަމުންދާކަމީ، މިނިވަން ނޫސްވެރިކަމަށް ލިބިފައިވާ ވަރަށް ބޮޑު ކާމިޔާބީއެއް ކަމުގައެވެ. އަދި ރާއްޖޭގެ ނޫސްވެރިކަން އެހެން ހަރުފަތަކަށް ގެންދިއުމަށް، ތަމްރީނާއި ތަޖުރިބާ ލިބިފައިވާ އުފެއްދުންތެރި މީހުން ބޭނުންވާކަމަށް ވިދާޅުވެ، ނޫސްވެރިކަމުގެ ހަމަތަކާއި، އުސޫލުތަކަށް ޢަމަލުކުރުމާއެކު ޒިންމާދާރު ނޫސްވެރިކަމެއް ކުރުމުގެ މުހިންމު ކަމުގެ މައްޗަށްވެސް މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އަލިއަޅުވާލެއްވިއެވެ.

ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާގެ އިތުރުން، މި ބައްދަލުވުމުގައި ނައިބު ރައީސް އަޙްމަދު ގައިސްއާއި ކޮމިޝަނަރ އަމްޖަދު ވަޙީދާއި ކޮމިޝަނަރ ޢަލީ ޔޫސުފާއި ކޮމިޝަނަރ އާމިނަތު އަމީނާ އާއި އެކްޓިންގ ސެކްރެޓަރީ ޖެނެރަލް ޢާއިޝަތު ޝާހީން އަދި ޕަބްލިކް ރިލޭޝަންސް ކޯޑިނޭޓަރ އަޙްމަދު އަރުޝަދު ޢަލީ ބައިވެރިވެވަޑައިގަތެވެ.