ބްރޯޑްކާސްޓްކުރާ މީޑިއަމްތައް މުރާޖަޢާކުރުމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާއެކު ކޮމިޝަނުން މަޝްވަރާކޮށްފި

January 30, 2020

ބްރޯޑްކާސްޓްކުރުމާއި ރީބްރޯޑްކާސްޓްކުރުމުގެ މީޑިއަމްތައް މުރާޖަޢާކޮށް އަދި ޚާއްޞަކޮށް އިންޓަރނެޓް މެދުވެރިކޮށް ބްރޯޑްކާސްޓްކުރާ ކޮންޓެންޓް ރެގިއުލޭޓްކުރާނެ ގޮތަކާ ގުޅޭގޮތުން، ކަމާގުޅޭ ބައެއް ފަރާތްތަކާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބައްދަލުކޮށް، ޚިޔާލުހޯދައި، މަޝްވަރާކޮށްފިއެވެ.

މިއަދު ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި، މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ، އިންޓަރނެޓް މެދުވެރިކޮށް ބްރޯޑްކާސްޓްކުރާ ކޮންޓެންޓް ރެގިއުލޭޓްކުރުމަށްޓަކައި، އިންޓަނެޓަކީ ބްރޯޑްކާސްޓް މީޑިއަމެއްގެ ގޮތުގައި ކަނޑައެޅިދާނެތޯއާއި، އިންޓަރނެޓް މެދުވެރިކޮށް ބްރޯޑްކާސްޓްކުރާ ކޮންޓެންޓް ރެގިއުލޭޓުކުރުމުގެ ޤާބިލްކަން ލިބިފައިވޭތޯއާއި، އަދި އެއްވެސް ބާވަތެއްގެ ލައިސަންސެއް ނެތި، އިންޓަރނެޓް މެދުވެރިކޮށް ބްރޯޑްކާސްޓްކުރާ އެއްވެސް ފަރާތަކަށް ވަކި ގަވާއިދަކަށް އަމަލުކުރުމަށް އެންގުމާ ގުޅޭ ގޮތުންނެވެ.

ވަރަށް ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކޮށް، މަޝްވަރާ ކުރި މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ ވިދާޅުވީ، ޒަމާނާއެކު ބްރޯޑްކާސްޓްކުރުމުގެ ދާއިރާއަށް އަންނަ ތަރައްޤީއާއި އައު ވިސްނުންތަކަށް އަހުލުވެރިވެ، އެފަދަ ކަންކަމުގެ ފައިދާ ހެޔޮގޮތުގައި ހޯދުމަށްޓަކައި، ކަމާގުޅޭ ފަރާތްތަކުގެ މަޝްވަރާ ހޯދުމަކީ ކޮމިޝަންގެ ވިސްނުން ކަމަށާއި، މިފަދަ ހުރިހާ ކަމެއްގައިވެސް ބްރޯޑާކާސްޓަރުންނާއި ކަމާގުޅޭ އެހެން ފަރާތްތަކުގެ މަޝްވަރާއާއި އެއްބާރުލުން ހޯއްދަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި، ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް، ޕަބްލިކް ސަރވިސް މީޑިއާ، އަދި ރީބްރޯޑްކާސްޓަރުން ކަމުގައިވާ ދިރާގާއި މީޑިއާނެޓްގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމިޝަންގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާގެ އިތުރުން، ނައިބު ރައީސް އަޙްމަދު ގައިސްއާއި، ކޮމިޝަނަރ އާމިނަތު ސަރާޙަތު ޢިއްޒަތާއި، ކޮމިޝަނަރ އަމްޖަދު ވަޙީދާއި، ކޮމިޝަނަރ ޢަލީ ޔޫސުފް އަދި ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ނާސިހެވެ.