ބްރޯޑްކާސްޓް އަދި ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ އިސްލާހުގެ ދެވަނަ ދެލިކޮޕީއަށް ޚިޔާލު ހޯދުމަށް އާއްމުކޮށް ހުޅުވާލުން

September 20, 2017

އިޢުލާން

ނަންބަރު: (IUL)427-PPR/427/2017/5

ބްރޯޑްކާސްޓް އަދި ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ އިސްލާހުގެ ދެވަނަ ދެލިކޮޕީއަށް ޚިޔާލު ހޯދުމަށް އާއްމުކޮށް ހުޅުވާލުން

ބްރޯޑްކާސްޓް އަދި ރީބްރޯޑްކާސްޓްކުރުމުގެ ދާއިރާއާ ގުޅޭ ގަވާއިދުތައް އިސްލާހުކުރުމުގެ މަސައްކަތް މި ކޮމިޝަނުން މި ގެންދަނީ ކުރަމުންނެވެ.

އެގިވަޑައިގެންފައިވާނޭ ފަދައިން، މިހާތަނަށް އިސްލާހުކޮށްފައިވާ ހިސާބަށް ގަވާއިދުތަކުގެ ފުރަތަމަ ދެލިކޮޕީ ވަނީ ކޮމިޝަނުން އެކުލަވާލާ އާންމުންގެ ޚިޔާލުހޯދުމަށް މި އަހަރުގެ މާރިޗު މަހު ހުޅުވާލާފައެވެ.  މިގޮތުން، މި ދެލިކޮޕީ ފުރިހަމަކުރުމުގެ ގޮތުން އިތުރު އިސްލާހުތައް ގެނެސްފައިވުމާއެކު، ދެވަނަ ދެލިކޮޕީ އާންމުންގެ ޚިޔާލު ހޯދުމަށް، މި ދެލިކޮޕީ މިހާރު ވަނީ ކޮމިޝަނުގެ ވެބްސައިޓުގައި ހިމަނާފައެވެ.

ބްރޯޑްކާސްޓް އަދި ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު އިސްލާހުކުރުމުގެ މައިގަނޑު މަޤްޞަދަކީ މިހާރު އަމަލު ކުރަމުންގެންދާ ބްރޯޑްކާސްޓްކުރުމުގެ ގަވާއިދު (2012/R-11) އަދި ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު (2012/R-20) އަކީ މީގެ ފަސް އަހަރު ކުރިން ނެރެފައިވާ ގަވާއިދުތަކަކަށްވާތީ މި ގަވާއިދުތައް ތަންފީޒުކުރުމަށް މިހާތަނަށް ދިމާވި ގޮންޖެހުންތަކަށް ހައްލު ހޯދުމާއި، އަދި ޤާނޫނު ނަންބަރު 2016/15 (އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު) ވުޖޫދަށް އައުމާއި ގުޅިގެން އެ ޤާނޫނުގެ ދަށުން މި ކޮމިޝަނުގެ މައްޗަށް ލާޒިމުކުރާ އެންމެހައި ކަންކަން ގަވާއިދުގައި ހިމެނުމެވެ.

ވީމާ، ބްރޯޑްކާސްޓް އަދި ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ އިސްލާހުގެ ދެވަނަ ދެލިކޮޕީއަށް ޚިޔާލު ދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 28 ސެޕްޓެންބަރު 2017 (ބުރާސްފަތި) 10:00ގެ ކުރިން އެ ފަދަ ކޮމެންޓްތައް މި ކޮމިޝަނުގެ އީމެއިލް: strategic@broadcom.org.mv އަށް ފޮނުވުމަށް އެދި ދަންނަވަމެވެ.

ބްރޯޑްކާސްޓް އަދި ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ އިސްލާހުގެ ދެވަނަ ދެލިކޮޕީއާއި ކޮމެންޓްކުރާ ފޯމު މި އިޢުލާނާއެކު މިވަނީއެވެ.

 

20 ސެޕްޓެންބަރު 2017