ބްރޯޑްކާސްޓްކުރުމުގެ ދާއިރާ ތަރައްޤީކުރުމާ ގުޅޭގޮތުން ޖަޕާން ސަފީރާ މަޝްވަރާކުރައްވައިފި

March 20, 2022

ބްރޯޑްކާސްޓްކުރުމުގެ ދާއިރާ ކުރިއަރުވައި، ދާއިރާގެ ދެމެހެއްޓެނިވި ތަރައްޤީއަށް އެހީތެރިކަން ހޯދުމާއި ގުޅޭގޮތުން ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗި މިދޮރި އާއެކު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު މަޝްވަރާކުރައްވައިފިއެވެ.

ރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީގައި ބޭއްވި މި ބައްދަލުވުމުގައި، ކޮމިޝަންގެ ދައުރާއި، ބްރޯޑްކާސްޓްކުރުމުގެ ދާއިރާގެ ކުރިއެރުމަށް ހުރި ގޮންޖެހުންތަކުގެ މަޢުލޫމާތު ޖަޕާން ސަފީރަށް ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ ދެއްވިއެވެ. ކޮމިޝަންގެ ރައީސް ވަނީ ބްރޯޑްކާސްޓް ދާއިރާއަށް މިވަގުތު އެންމެ ބޭނުންވަނީ ފަންނީ މީހުން އުފެއްދުންކަން ފާހަގަކުރައްވާ، އެކަމާ ގުޅޭގޮތުން ޖަޕާން އެމްބަސީއާ ގުޅިގެން، ޖަޕާން ސަރުކާރުގެ އެހީގައި ފަންނީ މީހުން ބިނާކުރުމުގެ ޓްރެއިނިންގ ޕްރޮގްރާމްތަކެއް އިންތިޒާމްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުވުމުގައި ބްރޯޑްކާސްޓްކުރުމުގެ ދާއިރާ ހަރުދަނާކުރުމަށް އެހީތެރިކަން ބޭނުންވާ ދާއިރާތައް ފާހަގަކޮށް ކޮމިޝަނުން ތައްޔާރުކޮށްފައިވާ ޕްރޮޕޯޒަލް ސަފީރުގެ އަރިހަށް އެރުވުނެވެ.

މީގެއިތުރުން، ބްރޯޑްކާސްޓްކުރުމުގެ ދާއިރާގެ އަގުވަޒަންކުރުމަށާއި، ވާދަވެރި ސިނާޢަތަކަށް ހެދުމުގެ ގޮތުން ތަޢާރަފްކުރުމަށް ހަމަޖެހިފައިވާ “ބްރޯޑްކާސްޓްކުރުމުގެ އެވޯޑް”އާ ބެހޭ މަޢުލޫމާތުވެސް މި ބައްދަލުވުމުގައި ކޮމިޝަނުން ޙިއްސާކުރެއްވިއެވެ.

މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ސަފީރު ތަކެއުޗި މިދޮރި ވަނީ، މިއީ ރާއްޖެއާއި ޖަޕާނުގެ ގުޅުމަށް 55 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވައި، ތަރައްޤީގެ އެކި މަސައްކަތްތަކުގައި ދެ ޤައުމުގެ މުހިންމު ގުޅުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި ބްރޯޑްކާސްޓްކުރުމުގެ ދާއިރާ ތަރައްޤީކުރުމަށް ކުރެވިދާނެ ކަންތައްތަކާ މެދު މަޝްވަރާކުރައްވައި،  ކޮމިޝަނުން އެދިފައިވާގޮތަށް ބްރޯޑްކާސްޓްކުރުމުގެ ދާއިރާގެ ތަރައްޤީއަށް އެހީތެރިވެދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ކޮމިޝަންގެ ފަރާތުން ބައިވެރިވެވަޑައިގަތީ، ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާގެ އިތުރުން، ކޮމިޝަނަރ އާމިނަތު އަމީނާ އަދި ކޮމިޝަނަރ ޝިފްލާ އިބްރާހީމެވެ.