އިތުރު ބްރޯޑްކާސްޓަރުންނާއެކު ކޮމިޝަނުން ބައްދަލުވުންތައް ބާއްވައިފި

December 23, 2019

ބްރޯޑްކާސްޓިންގ ޚިދުމަތް ދިނުމަށް ހުރި ދަތިތަކާއި އަދި ބްރޯޑްކާސްޓް ދާއިރާގެ ކުރިމަގާ ގުޅޭގޮތުން ބްރޯޑްކާސްޓަރުންނާ މަޝްވަރާކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ފަށައިފައިވާ ސިލްސިލާގެ އިތުރު ބައްދަލުވުންތަކެއް މިއަދު ބާއްވައިފިއެވެ.

މިގޮތުން މިއަދުގެ ފުރަތަމަ ބައްދަލުވުން ބޭއްވީ އަލްކައުން ޓީވީއާއެކުއެވެ. އަލްކައުން ޓީވީގެ ޗެއަރމަން އިބްރާހީމް ފަރީދު އަޙްމަދު، މިއަދުގެ ބައްދަލުވުމުގައި ފާހަގަކުރެއްވި ގޮތުގައި، ކޮމިޝަނާ އެ ސްޓޭޝަނާ ދެމެދު އަބަދުވެސް ރަގަޅު ގުޅުމެއް އޮންނަ ކަމަށާއި، ކޮމިޝަންގެ  އެއްބާރުލުން އަބަދުވެސް އެ ސްޓޭޝަނަށް ލިބޭ ކަމުގައެވެ.

ބްރޯޑްކާސްޓިންގ ޚިދުމަތް ދެމުންދާގޮތާމެދު ވާހަކަފުޅު ދައްކަވަމުން، އިބްރާހީމް ފަރީދު އަޙްމަދު ފާހަގަކުރެއްވި ގޮތުގައި، އެ ސްޓޭޝަނުން އިސްކަމެއް ދެނީ ދީނީ ކޮންޓެންޓް ގެނެސްދިނުމަށް ކަމަށާ އަދި އެ ކޮންޓެންޓަކީ ޤައުމުގެ ސުލްޙަ މަސަލަސްކަން ދެމެހެއްޓުމަށާއި، އިޖްތިމާޢީ ގުޅުންތައް ހަރުދަނާ ކުރުމަށް ގެނެސްދޭ ކޮންޓެންޓް ކަމުގައި ވިދާޅުވިއެވެ.

އިބްރާހީމް ފަރީދު އަޙްމަދު އިތުރަށް ވިދާޅުވީ، ވޭތުވެދިޔަ އަހަރުތަކުގައި، ބައެއް ސްޓޭޝަންތަކުގެ ޢިމާރާތަށާއި މުދަލަށް ގެއްލުން ލިބިފައިވާކަން ފާހަގަކުރައްވައި، ސްޓޭޝަންތައް ހިންގުމަށް ރައްކާތެރި މާޙައުލެއް ޤާއިމްކޮށްދިނުމަށް، ކޮމިޝަނާއި ކަމާގުޅޭ އެހެން އިދާރާތައް ގުޅިގެން މަސައްކަތްކޮށްދެއްވުމަށް ބައްދަލުވުމުގައި އެދިވަޑައިގެންނެވިއެވެ.

އަލްކައުން ޓީވީއާ ބައްދަލުކުރެއްވުމަށް ފަހު، ކޮމިޝަންގެ މެމްބަރުން ވީ މީޑިއާއެކު ބޭއްވި ބައްދަލުވުމުގައި އެތަނުގެ ޗީފް ކޮންޓެންޓް އޮފިސަރ މުޙައްމަދު ޒަހީނާއި ޕްރޮޑަކްޝަން ކޯޑިނޭޝަން ޙުސައިން ނިޔާޒު ފާހަގަކުރެއްވި މައިގަނޑު ކަންބޮޑުވުންތަކަކީ، ބްރޯޑްކާސްޓިންގގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ދިނުމަށް ހުރި މާލީ ގޮންޖެހުންތަކާއި، ޗެނަލް ރައިޑްކުރުމަށް ބްރޯޑްކާސްޓަރުން އަތުން ނަގާ ފީ ބޮޑުވުމެވެ.

މިކަންތައްތަކާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ވީމީޑިއާގެ އިސް އޮފިޝަލުން އެދިވަޑައިގެންނެވީ، ދެމެހެއްޓެނިވި ގޮތެއްގައި ބްރޯޑްކާސްޓިންގގެ ޚިދުމަތް ދިނުމަށް ކޮމިޝަނުން އިސްނަގައިގެން، ލުއި ފަސޭހަ، ހަރުދަނާ އުސޫލުތަކެއް ޤާއިމްކޮށްދެއްވުމަށާއި، މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ޤާބިލްކަމާއި ފެންވަރު މަތިކޮށްދިނުމަށް އިތުރު ތަމްރީނާއި ތަޖުރިބާ ހޯދޭނެ ގޮތްތައްވެސް ހަމަޖައްސަވައިދެއްވުމަށެވެ. އަދި ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ގަވާއިދާ ޚިލާފުވުމުން ސްޓޭޝަންތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުމުގެ ބަދަލުގައި، އެހެން އުސޫލެއް ކަނޑައަޅައި، އެ އުސޫލުގެ ދަށުން ފިޔަވަޅު އެޅުމަށްވެސް އެދިވަޑައިގަތެވެ.

މި ދެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޝަންގެ މެމްބަރުން ވިދާޅުވީ، މި ބައްދަލުވުންތަކުގައި ފާޅުކުރާ ހުރިހާ ކަންބޮޑުވުންތަކަށް އަލިމަގެއް ހޯދުމަށް ކޮމިޝަނުން މަސައްކަތްކުރައްވާނެ ކަމުގައެވެ. އަދި ބްރޯޑްކާސްޓްކުރުމުގެ ދާއިރާގައި ފަންނީ މީހުން މަދުވުމަކީ ކަންބޮޑުވުމެއްކަން ފާހަގަކުރައްވައި، ކޮމިޝަނުން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރާނެ އެއް މަސައްކަތަކީ މި ދާއިރާއަށް ބޭނުންވާ އުފެއްދުންތެރި މީހުން ބިނާކުރުމަށް ބޭނުންވާ ތަމްރީނާއި ތަޖުރިބާގެ ފުރުސަތުތައް ހޯދައިދިނުން ކަމުގައި މެމްބަރުން ވިދާޅުވިއެވެ.

މިއަދުގެ މި ދެ ބައްދަލުވުމުގައި، ކޮމިޝަން ރައީސް މަރިޔަމް ވަހީދާގެ އިތުރުން، ނައިބު ރައީސް އަޙްމަދު ގައިސްއާއި، ކޮމިޝަނަރ ޒީނާ ޒާހިރާއި، ކޮމިޝަނަރ ޢަލީ ޔޫސުފް އަދި ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ނާސިހު ބައިވެރިވެވަޑައިގަތެވެ.