January 30, 2019
ކޮމަންވެލްތުގައި އަލުން ބައިވެރިވުމަށް ރާއްޖޭގެ ފަރާތުން އެދިފައިވާތީ، މި ކަމާގުޅޭގޮތުން އެސެސްމެންޓެއް ހެއްދެވުމަށް ދިވެހިރާއްޖެއަށް މިހާރު ވަޑައިގެން އުޅުއްވާ ކޮމަންވެލްތް ސެކްރެޓޭރިއެޓްގެ ޓީމުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާ ބައްދަލުކޮށްފިއެވެ.
މިއަދު މެންދުރުފަހު ކޮމިޝަންގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، ކޮމިޝަންގެ މެންޑޭޓާއި ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކާއި އަދި ބްރޯޑްކާސްޓްކުރުމުގެ ދާއިރާގައި ކޮމިޝަނުން އަދާކުރަމުންދާ ދައުރުގެ މަޢުލޫމާތު ކޮމަންވެލްތްގެ ސެކްރެޓޭރިއެޓް ޓީމާ ކޮމިޝަނުން ޙިއްސާކުރިއެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބު ފާހަގަކުރެއްވިގޮތުގައި، ބްރޯޑްކާސްޓިންގ ދާއިރާއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ ބްރޯޑްކާސްޓަރުން ނެތުންކަމާއި ކޮމިޝަނުން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރަމުންދާ އެއް މަސައްކަތަކީ ބްރޯޑްކާސްޓްކުރުމުގެ ދާއިރާއަށް ބޭނުންވާ އުފެއްދުންތެރި މީހުން ބިނާކުރުން ކަމުގައި ވިދާޅުވިއެވެ. މި ގޮތުން ކޮމަންވެލްތުގެ އެހީގައި ފަންނީ މީހުން ބިނާކުރުމުގެ ފަންނީ އެހީ ކުރިމަގުގައި މި ދާއިރާއަށް ލިބިގެންދާނޭކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވެ، ބްރޯޑްކާސްޓް ދާއިރާގެ ޓްރެއިނިންގ ޕްރޮގްރާމްތަކެއް އިންތިޒާމްކޮށްދެއްވުން އެދި ކޮމިޝަނުން ތައްޔާރުކޮށްފައިވާ ޕްރޮޕޯޒަލްގެ މަޢުލޫމާތު ޙިއްޞާކުރައްވައި ހުށަހެޅުއްވިއެވެ.
ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބުގެ އިތުރުން ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ނާސިޙާއި ޑިރެކްޓަރ، ޕްލޭނިންގ އެންޑް ޕްރޮޖެކްޓްސް ޢާއިޝަތު ޝާހީން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ.