ކޮމިޝަންގެ ރައީސް ކުޅުދުއްފުށީ ސިޓީ ކައުންސިލާ ބައްދަލުކުރައްވައިފި

October 10, 2021

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ ކުޅުދުއްފުށީ ސިޓީ ކައުންސިލާ މިއަދު ބައްދަލުކުރައްވައި ދެ ފަރާތް ގުޅިގެން ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި ކުޅުދުއްފުށީ ސިޓީ ކައުންސިލާ އަދި ކޮމިޝަން ގުޅިގެން މިއަހަރުގެ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ނޫސްވެރިކަމާ ބެހޭ ތަމްރީން ޕްރޮގްރާމެއް ބޭއްވުމަށްޓަކައި ކުޅުދުއްފުށި ސިޓީއަށް ކޮމިޝަނުން ކުރަމުންދާ މިދަތުރުގައި، ބޭއްވި މި ބައްދަލުކުރެއްވުމުގައި ދެ ފަރާތް ގުޅިގެން ކުރެވޭނެ މަސައްކަތްތައް ދެނެގަނެ، އެކަންކަމާ ގުޅޭ ފަހުމުނާމާއެއް އެކުލަވާލުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ރަށްރަށުގައި ގަވާއިދާ ޚިލާފަށް ދޭ ރީބްރޯޑްކާސްޓިންގގެ ޚިދުމަތް ހުއްޓުވުމުގައި އެއްބާރުލުން ދިނުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.

އަދި ކުޅުދުއްފުށި ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި، އެ ކޮމިޓީން ކުރައްވާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ކޮމިޝަންގެ ރައީސާ އެ ކޮމިޓީގެ ފަރާތުން ހޯއްދަވައި، އަންހެނުން ބާރުވެރިކުރުވުމުގައި ބްރޯޑްކާސްޓިންގ ދާއިރާގެ ދައުރާގުޅޭގޮތުންނާއި ކޮމިއުނިޓީ ބްރޯޑްކާސްޓިންގއާ ބެހޭގޮތުން ކޮމިޝަންގެ ރައީސް މި ބައްދަލުވުމުގައި މަޢުލޫމާތު ދެއްވިއެވެ.