February 28, 2022
ބްރޯޑްކާސްޓްކުރުމުގެ ދާއިރާ ކުރިއަރުވައި، ދާއިރާގެ ދެމެހެއްޓެނިވި ތަރައްޤީއަށް އެހީތެރިކަން ހޯދުމާއި ގުޅޭގޮތުން ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް (ރިޓަޔަރޑް) އަތާރް މުޚްތާރާއެކު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު މަޝްވަރާކުރައްވައިފިއެވެ.
ޕާކިސްތާން ހައިކޮމިޝަންގައި ބޭއްވި މި ބައްދަލުވުމުގައި، ކޮމިޝަންގެ ދައުރާއި، ބްރޯޑްކާސްޓްކުރުމުގެ ދާއިރާގެ ކުރިއެރުމަށް ހުރި ގޮންޖެހުންތަކުގެ މަޢުލޫމާތު ޕާކިސްތާން ސަފީރަށް ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ ދެއްވިއެވެ. އިތުރަށް ވާހަކަދައްކަވަމުން ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ ވަނީ ބްރޯޑްކާސްޓް ދާއިރާއަށް މިވަގުތު އެންމެ ބޭނުންވަނީ ފަންނީ މީހުން އުފެއްދުންކަން ފާހަގަކުރައްވާ، އެކަމާ ގުޅޭގޮތުން ޕާކިސްތާން ހައިކޮމިޝަނާ ގުޅިގެން، ޕާކިސްތާން ސަރުކާރުގެ އެހީގައި ފަންނީ މީހުން ބިނާކުރުމުގެ ޓްރެއިނިންގ ޕްރޮގްރާމްތަކެއް އިންތިޒާމްކޮށްދެއްވުން އެދިވަޑައިގެންފައެވެ.
މި ބައްދަލުވުމުގައި ބްރޯޑްކާސްޓްކުރުމުގެ ދާއިރާ ހަރުދަނާކުރުމަށް އެހީތެރިކަން ބޭނުންވާ ދާއިރާތައް ފާހަގަކޮށް ކޮމިޝަނުން ތައްޔާރުކޮށްފައިވާ ޕްރޮޕޯޒަލް ސަފީރުގެ އަރިހަށް އެރުވުނެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ޓްރެއިނިންގ ޕްރްގްރާމްތައް ހިންގުމަށްޓަކައި ޕާކިސްތާނުގެ މީޑިއާ އިންސްޓިޓިއުޓްތަކާއެކު ފަހުމުނާމާ އެކުލަވާލުމުގެ މުހިންމުކަން މި ބައްދަލުވުމުގައި ދެފަރާތުންވެސް ފާހަގަކުރެއްވިއެވެ.
މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ސަފީރު އަތާރް މުޚްތާރް ވަނީ، ތަރައްޤީގެ އެކި މަސައްކަތްތަކުގައި ރާއްޖެއާއި ޕާކިސްތާނަކީ ވަރަށް ގާތް ދެ ޤައުމުކަން ފާހަގަކުރައްވައި، ދެ ޤައުމު ގުޅިގެން ކުރަމުންދާ ބައެއް މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ދެއްވާފައެވެ. އަދި ރާއްޖޭގެ އެކި ދާއިރާތަކަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާކަމަށް ވިދާޅުވެ، ކޮމިޝަނުން އެދިފައިވާގޮތަށް ބްރޯޑްކާސްޓްކުރުމުގެ ދާއިރާގެ ތަރައްޤީއަށް އެހީތެރިވެދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މި ބައްދަލުވުމުގއި ކޮމިޝަންގެ ފަރާތުން ބައިވެރިވެވަޑައިގަތީ، ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާގެ އިތުރުން، ނައިބު ރައީސް އަޙްމަދު ގައިސްއާއި، ކޮމިޝަނަރ އަމްޖަދު ވަޙީދާއި، ކޮމިޝަނަރ އާމިނަތު އަމީނާއާއި، ޑިރެކްޓަރ، ޕްލޭނިންގ އެންޑް ޕްރޮޖެކްޓްސް މަރިޔަމް ޒީނިޔާ އަދި އިންޓަރނޭޝަނަލް ރިލޭޝަންސް އޮފިސަރ މުޙައްމަދު ޞަފްވާން އަޙްމަދު އާދިލެވެ.