ބްރޯޑްކާސްޓިންގގެ ދާއިރާތަކުން ޤައުމީ އިނާމު ހޯއްދެވި ފަރާތްތަކުގެ ޝަރަފުގައި ފަރިއްކޮޅެއް ދެއްވައިފި

January 9, 2021

ރާއްޖޭގައި ބްރޯޑްކާސްޓިންގގެ ޚިދުމަތާ އަދި އެ ޚިދުމަތާ ގުޅޭ ދާއިރާތަކުން ޤައުމީ އިނާމު 2020 ގައި އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ޝަރަފުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އެ ބޭފުޅުންނަށް ފަރިއްކޮޅެއް ދެއްވައިފިއެވެ.

މި ފަރިއްކޮޅުގައި ވާހަކަދައްކަވަމުން ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ ފާހަގަކުރެއްވިގޮތުގައި، ރާއްޖޭގައި ބްރޯޑްކާސްޓިންގގެ ޚިދުމަތް މިހަރުފަތަށް ވާސިލްވުމަށް އެތައް ބައެއްގެ ބޮޑެތި އަގުނުކުރޭ މަސައްކަތްތަކެއް ވާކަމުގައެވެ. މިއަހަރު މި އިނާމު ލިބިވަޑައިގެންވި އެންމެހާ ބޭފުޅުން ދާއިރާގެ ކުރިމަގަށް ކޮށްދެއްވާފައިވާ ޚިދުމަތް ފާހަގަކުރައްވައި، ޤައުމީ އިނާމު ހޯއްދެވީތީ އެބޭފުޅުންނަށް ހޫނު މަރުހަބާއެއް ވިދާޅުވިއެވެ.

ބްރޯޑްކާސްޓިންގ ދާއިރާގެ މާޒީއާއި ކުރިމަގާ ގުޅޭގޮތުން ވަރަށް މުހިންމު މަޢުލޫމާތާއި ބިނާކުރަނިވި ޚިޔާލުތައް ހުރިހާ ފަރާތްތަކަކުންވެސް މި ބައްދަލުވުމުގައި ހިއްސާކުރެއްވި.އެވެ.

މި ފަރިއްކޮޅުގައި ކޮމިޝަންގެ ފަރާތުން ބައިވެރިވެވަޑައިގަތީ، ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާގެ އިތުރުން، ނައިބު ރައީސް އަޙްމަދު ގައިސްއާއި، ކޮމިޝަނަރ އަމްޖަދު ވަހީދާއި، ކޮމިޝަނަރ ޢަލީ ޔޫސުފާއި، ކޮމިޝަނަރ އާމިނަތު އަމީނާއާއި ސެކްރެޓަރީ ޖެނެރަލް ޑރ. މުޙައްމަދު އިބްރާޙީމެވެ.