March 2, 2022
ބްރޯޑްކާސްޓް ދާއިރާ ކުރިއަރުވައި ތަރައްޤީކުރުމުގެ މަޤްޞަދުގައި ބްރޯޑްކާސްޓަރުން ތަމްރީނުކުރުމާއި ފަންނީ ޤާބިލްކަން އިތުރުކުރުމަށް ހުރި ފުރުސަތުތަކާ ގުޅޭ ގޮތުން ސަޢޫދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރ މަތްރެކް ބިން ޢަބްދުﷲ އަލް އަޖަލިން އަލް ދައުސަރީ އާއެކު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު މަޝްވަރާކުރައްވައިފިއެވެ.
ސަޢޫދީ އެމްބަސީގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޝަންގެ ރައީސް މަރިޔަމް ވަޙީދާ ވަނީ ބްރޯޑްކާސްޓްކުރުމުގެ ދާއިރާއަށް މިވަގުތު އެންމެ ބޭނުންވަނީ ތަޖުރިބާ ހުރި ފަންނީ މީހުން އުފެއްދުންކަން ފާހަގަކުރައްވާ، އެކަމާ ގުޅޭގޮތުން ސަޢޫދީ އެމްބަސީއާ ގުޅިގެން، ސަޢޫދީ ސަރުކާރުގެ އެހީގައި ފަންނީ މީހުން ބިނާކުރުމުގެ ޓްރެއިނިންގ ޕްރޮގްރާމްތަކެއް އިންތިޒާމްކޮށްދެއްވުން އެދި ކޮމިޝަނުން ތައްޔާރުކޮށްފައިވާ ޕްރޮޕޯޒަލްގެ މަޢުލޫމާތު އެމްބެސެޑަރއާ ޙިއްޞާކުރައްވައި ހުށަހަޅުއްވައިފައިވެއެވެ.
މީގެއިތުރުން، ސަޢޫދީ އެމްބެސެޑަރގެ އަރިހަށް ޒިޔާރަތްކުރުމަށް ކޮމިޝަނަށް ފުރުޞަތު ދެއްވީތީ އެކަމާ ޝުކުރު އަދާކުރައްވައި، ސަޢޫދީ އެމްބަސީއިން ރާއްޖެއާ މެދު ބަހައްޓަވާ ގާތް ކަމަށާއި އަދި ރާއްޖޭގެ އެކި ދާއިރާތަކުގެ ތަރައްޤީއަށް ސަޢޫދީ ސަރުކާރުން ވެދެއްވާ އެހީތެރިކަންވެސް ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ބްރޯޑްކާސްޓް ދާއިރާގެ ތަރައްޤީއަށް ކުރަން ރާވާފައިވާ ކަންކަމާ ގުޅޭގޮތުން ސަޢޫދީ އެމްބެސެޑަރަށް މަޢުލޫމާތު ދެއްވާ، އަދި ބްރޯޑްކާސްޓް ދާއިރާއަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުންވެސް ކޮމިޝަންގެ ރައީސް ވާހަކަފުޅު ދެއްކެވިއެވެ. އަދި ރާއްޖޭގެ ބްރޯޑްކާސްޓްކުރުމުގެ ދާއިރާ ތަރައްޤީކުރުމަށް ސަޢޫދީގެ ކަމާބެހޭ މުވައްސަސާތަކާއެކު ގުޅުންތައް ޤާއިމްކުރުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ. އަދި ޙައްޖުގެ އަޅުކަން ހިނގަމުންދާގޮތް ގެނެސްދިނުމަށްޓަކައި ރާއްޖޭގެ ބްރޯޑްކާސްޓަރަކަށް ސަޢޫދީ އަރަބިއްޔާގެ ސަރުކާރުން ހަދިޔާކުރައްވާ ޙައްޖުދަތުރާ ގުޅޭގޮތުން މަޢުލޫމާތު ހޯއްދެވިއެވެ.
މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، އެމްބެސެޑަރ މަތްރެކް ބިން ޢަބްދުﷲ އަލް އަޖަލިން އަލް ދައުސަރީ، ކޮމިޝަނުން ހުށަހަޅާފައިވާ ޕްރޮޕޯޒަލްގައިވާ ކަންކަން ފަހިކޮށްދިނުމަށްޓަކައި މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ސަޢޫދީ އެމްބެސެޑަރާއި ކޮމިޝަންގެ ރައީސްގެ އިތުރުން، މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ކޮމިޝަންގެ ނައިބު ރައީސް އަޙްމަދު ގައިސް އަދި ޑިރެކްޓަރ، ޕްލޭނިންގ އެންޑް ޕްރޮޖެކްޓްސް މަރިޔަމް ޒީނިޔާއެވެ.