January 9, 2019
ބައެއް ރަށްރަށުގައި ގަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓިންގގެ ޚިދުމަތް ދެމުންދާތީ ހުށަހެޅޭ މައްސަލަތައް ބެލުމުގައި، ކައުންސިލްތަކުން ހޯދަންޖެހޭ މައުލޫމާތު ލިބުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ލޯކަލް ގަވަރންމަންޓް އޮތޯރިޓީއާއެކު، މަޝްވަރާކޮށްފިއެވެ.
މިއަދު ބޭއްވި ބައްދަލުވުމުގައި ކޮމިޝަނުން ފާހަގަކުރި އެންމެ ބޮޑު ކަންބޮޑުވުމަކީ، ބައެއް ރަށްރަށުގައި ގަވާއިދާ ޚިލާފަށް ދެމުންދާ ރީބްރޯޑްކާސްޓިންގގެ މައްސަލަތައް ބެލުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް ބައެއް ރަށު ކައުންސިލްތަކުން ލިބެންވާ އެއްބާރުލުން ނުލިބޭ ކަމުގެ ކަންބޮޑުވުމެވެ.
އަދި، މި މައްސަލަތައް ބެލުމަށް އެލް.ޖީ.އޭ.އާ ރަށު ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށާއި، ބައެއް ރަށްރަށުގައި ގަވާއިދާ ޚިލާފަށް ދެމުންދާ ރީބްރޯޑްކާސްޓިންގެ ޚިދުމަތްތަކާ ގުޅޭ މައްސަލަތައް ބެލުމަށް މިކަމުގެ ސަބަބުން ދަތިވެފައި ކަމުގައި ކޮމިޝަނުން ފާހަގަކުރިއެވެ.
މި ބައްދަލުވުމުގައި، އެލް.ޖީ.އޭ.ގެ ފަރާތުން ވެސް ކޮމިޝަނަށް ބޭނުންވާ މައުލޫމާތު ލިބުމުގައި ފާހަގަކުރެވިފައިވާ ދަތިތަކުގެ ވާހަކަ ހާމަކޮށް މިކަންކަން ހައްލުކުރުމާ ބެހޭގޮތުން ކުރެވިދާނެ ކަންކަމާމެދު ޚިޔާލުފާޅުކޮށް އިތުރަށް މަޝްވަރާކުރިއެވެ.
ކޮމިޝަންގެ ފަރާތުން، މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ، ކޮމިޝަނަރ ފާޠިމަތު ޒައިނާއާއި ކޮމިޝަނަރ ޒީނާ ޒާހިރާއި ކޮމިޝަނަރ އަމްޖަދު ވަހީދާއި ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ނާސިޙެވެ.