October 4, 2015
މިއަދު ފާހަގަކުރަމުންދާ ރާއްޖޭގެ ބްރޯޑްކާސްޓިންގ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބު ދުވަހުގެ ތަހުނިޔާ ފޮނުއްވައިފިއެވެ. ތިރީގައިމިވަނީ ދުވަހުގެ މުނާސަބަތުގައި މުޙައްމަދު ޝަހީބު ދެއްވާފައިވާ ޚިޠާބެވެ.
“މިއަދު އަޅުގަނޑުމެން މި ފާހަގަކުރާ ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ އެންމެހާ ބްރޯޑްކާސްޓަރުންނަށާއި ބްރޯޑްކާސްޓް ދާއިރާގައި މަސައްކަތްކޮށްދެއްވާފައިވާ އެންމެހައި ފަރާތްތަކަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ނައިބު ރައީސާއި ކޮމިޝަނަރުންނާއި އެންމެހައި މުވައްޒަފުންގެ ނަމުގައި ނުހަނު އިޚްލާސްތެރިކަމާ އެކު ތަޙުނިޔާ އާއި މުބާރަކުބާދު އަރިސްކުރަން.
ރާއްޖޭގެ ބްރޯޑްކާސްޓަރުން ކުރައްވާ ހީވާގި، އުފެއްދުންތެރި މަސައްކަތްތައް ފާހަގަކޮށް އެ ފަރާތްތަކަށް ޝުކުރު އަދާކޮށް އެ ފަރާތްތަކުގެ އަގުވަޒަންކުރާ ކަމުގައިވެސް އަޅުގަނޑު ދަންނަވަން.
ބްރޯޑްކާސްޓިންގ ދުވަސް ފާހަގަކުރުމުގެ މަގްސަދަކީ ޤައުމު ބިނާކުރުމާއި، ޑިމޮކްރެސީ އާލާކުރުމާއި، ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް މަޢުލޫމާތު މުއްސަނދި ކުރުމުގައި ބްރޯޑްކާސްޓަރުން އަދާކުރާ މުހިއްމު ދައުރުގެ އަގު ވަޒަންކުރުމާއި، މި ސިނާޢަތުގެ ތަރައްޤީއަށް މަގުފަހިކުރުން.
ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާ އަށް ބަލާއިރު މި ދާއިރާއަށް ވެސް އަންނަނީ ޒަމާނީ ތަރައްޤީގެ ފޮނިމީރުކަން ލިބެމުން. މި ދާއިރާގައި ޕަބްލިކް ސާރވިސް ބްރޯޑްކާސްޓަރުގެ އިތުރުން ގިނަ އަދަދެއްގެ ޕްރައިވެޓް ބްރޯޑްކާސްޓަރުން ހަރަކާތްތެރިވަމުންދޭ. މިގޮތުން ރާއްޖޭގައި ބްރޯޑްކާސްޓްކުރުމަށް މިހާތަނަށް 26 ކުންފުންޏަކަށް 44 ލައިސަންސް ވަނީ ދޫކޮށްފައި. އެއީ 32 ޓީވީ ޗެނަލާއި 12 ރޭޑިއޯ ޗެނަލް. އަދި މީގެ އިތުރުން، ކޭބަލް ޓީވީ ޚިދުމަތް ފޯރުވައިދިނުމަށް ލައިސަންސް ދޫކޮށްފައިވާ 117 ކުންފުނި ހިމެނޭ.
ރާއްޖޭގައި އުފެއްދުންތެރި ބްރޯޑްކާސްޓަރުން މަސައްކަތްކުރާ ކަމުގެ އަލިގަދަ ހެއްކަކީ ބައިނަލްއަޤްވާމީ ފެންވަރުގަ އާއި ޤައުމީ ފެންވަރުގައި ހޯދަމުން އަންނަ ބޮޑެތި ކާމިޔާބީތައް. އެގޮތުން، “އޭޝިއާ-ޕެސިފިކް އިންސްޓިޓިއުޓް ފޮރ ބްރޯޑްކާސްޓިންގ ޑިވެލޮޕްމަންޓް”ގެ “ރޭޑިއޯ އެވޯޑްސް 2015” އިން ޕަބްލިކް ސަރވިސް މީޑިއާގެ ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމެއް ވަނީ ރަން ވަނަ އެއް ޙާސިލްކޮށްފައި. މީގެ އިތުރުން، އޭޝިއާ-ޕެސިފިކް އިންސްޓިޓިއުޓް ފޮރ ބްރޯޑްކާސްޓް ޑިވެލޮޕްމަންޓް (އޭ.އައި.ބީ.ޑީ)ގެ އެގްޒެކެޓިވް ބޯޑްގެ ޗެއަރޕާސަންގެ މަގާމަށް ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރ އިންތިޚާބުވުމަކީ ވެސް ފާހަގަކޮށްލެވޭ ކާމިޔާބީ އެއް. މިފަދަ ކާމިޔާބީތަކަކީ ބްރޯޑްކާސްޓަރަށް ލިބޭ ރީތި ނަމަކާއި ޝަރަފެއްގެ އިތުރުން ރާއްޖޭގެ މުޅި ބްރޯޑްކާސްޓް ދާއިރާއަށް ލިބޭ އުފަލަކާއި ފަޚްރެއް.
މި އަހަރަކީ ރާއްޖޭގެ މިނިވަންކަމުގެ ރަންޔޫބިލް ފާހަގަކުރަމުން އަންނަ އަހަރު ކަމަށްވާއިރު، ރާއްޖޭގެ ބްރޯޑްކާސްޓިން އަކީ ރާއްޖޭގެ މިނިވަންކަމަށް ވުރެ ވެސް ދޮށީ އެއްޗެއްކަމުގައި ދަންނަވަންޖެހޭ. އެހެނީ ރާއްޖޭގައި ބްރޯޑްކާސްޓްކުރަން ފަށައިފައި ވަނީ މީގެ 53 އަހަރު ކުރިން، 1962 ވަނަ އަހަރުގައި. ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާ މިނިވަންކަމާއެކު މި ހިސާބަށް އައުމަށް މަގުފަހިވެފައި މިވަނީ މި ދާއިރާގައި ހިކުމަތްތެރިކަމާއެކު ބުރަ މަސައްކަތްތަކެއް ކޮށްދެއްވި އަދި ކޮށްދެއްވަމުން ގެންދަވާ ގިނަ ފަރާތްތަކެއްގެ ތަޖުރިބާ އާއި ހުނަރުގެ ސަބަބުން ކަމުގައި އަޅުގަނޑު ފާހަގަކުރަން.
ރާއްޖޭގެ ބްރޯޑްކާސްޓް ދާއިރާގެ ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި މީހުން ބިނާކުރުމަކީ މި ކޮމިޝަނުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެއް. އެގޮތުން މި ވޭތުވެދިޔަ އަހަރުވެސް ބައިނަލްއަޤްވާމީ ދެ ޖަމިއްޔާއަކާ ގުޅިގެން ވަރަށް ކާމިޔާބު ދެ ވާރކްޝޮޕް ކޮމިޝަނުން ވަނީ ހިންގާފައި.
ބްރޯޑްކާސްޓް ދާއިރާގެ ތަރައްޤީ އާއި ކުރިއެރުމަށްޓަކައި ކޮމިޝަނުން އަންނަނީ ދުރާލާ ރާވައިގެން ބޮޑެތި މަސައްކަތްތަކެއް ކުރަމުން. އެގޮތުން މިވަގުތު ކުރަމުން އަންނަ އެންމެ މުހިންމު އެއް މަސައްކަތަކީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުން ކޮމިޝަނަށް ލާޒިމްކުރާ، ރާއްޖޭގައި ކޮމިއުނިޓީ ބްރޯޑްކާސްޓިންގ ތަޢާރަފްކުރުމަށްޓަކައި އެކުލަވާލަންޖެހޭ ގަވާއިދު އެކުލަވާލުމުގެ މަސައްކަތް. އޮސްޓްރޭލިއާގެ ފަންނީ މާހިރެއްގެ އެހީތެރިކަމާއެކު ކުރާ މި މަސައްކަތަކީ މިއީ ރާއްޖޭގެ ބްރޯޑްކާސްޓް ދާއިރާއަށް އިތުރުކުރެވޭ އައު ބައެއް ކަމުން، އެންމެ އެދެވިގެންވާ ގޮތުގައި މިކަން ފަށައިގަތުމަށްޓަކައި ގިނަ ގޮންޖެހުންތަކެއް ހުރުމާއެކު، ކޮމިޝަނުން މި ގެންދަނީ ކޮމިއުނިޓީ ބްރޯޑްކާސްޓިންގ ތަޢާރަފްކުރުމަށްޓަކައި ބްރޯޑްކާސްޓްކުރުމުގެ ޤާނޫނަށް ގެންނަންޖެހޭ އިސްލާޙްތައް ގެނައުމުގެ މަސައްކަތް ކުރަމުން.
ރެގިއުލޭޓަރެއްގެ ދުރުމިން ބަލާއިރު ބްރޯޑްކާސްޓަރުން ފޮނުވާ ކޮންޓެންޓުގެ ޒިންމާދާރުކަން މިނޭނޭ އެންމެ ބޮޑު އެއް މިންގަނޑަކީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާ އެއްގޮތަށް ކޮންޓެންޓް ފޮނުވާތޯ ބެލުން. ބްރޯޑްކާސްޓް ދާއިރާއާ ގުޅޭގޮތުން މިހާތަނަށް 375 ޝަކުވާ ކޮމިޝަނަށް ވަނީ ލިބިފައި. މީގެ ތެރެއިން 127 ޝަކުވާ އަކީ ބްރޯޑްކާސްޓްކުރެވޭ ކޮންޓެންޓާ ގުޅުން ހުރި ޝަކުވާ. އަދި 248 ޝަކުވާ އަކީ ލައިސަންސް އަދި ޚިދުމަތާ ގުޅޭގޮތުން ހުށަހަޅާފައިވާ ޝަކުވާ.
ދުނިޔޭގައި ކުރިއަރައިފައިވާ ބްރޯޑްކާސްޓިންގެ ދާއިރާގެ ނިސްބަތުން ބަލާއިރު ރާއްޖެ އަށް ބޭނުންވެފައިވާ ތަރައްގީ އާއި ފުރުސަތުތައް ވަރަށް ގިނަ. ފަންނީ ގޮތުންނާއި، ތަޖުރިބާގެ ގޮތުން، އިލްމީ ގޮތުންނާއި ފިކުރީ ގޮތުން. އެހެންކަމުން މި ރޮނގުތަކާއި މިނޫން ރޮނގުތަކުން ބަލައި، ބްރޯޑްކާސްޓިންގެ ރޮނގުން ކުރިއަށް އަޅަންޖެހޭ ފިޔަވަޅުތަކަކީ ކޮބައިތޯ ވިސްނައި އެކަންކަން ކަނޑައެޅުމަށް އެކަށީގެންވާ ދުވަހަކީ ރާއްޖޭގެ ބްރޯޑްކާސްޓިންގެ ދުވަސް ކަމާ މެދު ޝައްކެއް ނެތް.
ހަމަ ކަށަވަރުން ވެސް މުސްތަގުބަލު ރާވަން އެންމެ ރަނގަޅީ މާޒީއިން އިބުރަތް ލިބިގެން. މާޒީގެ ތަޖުރިބާ އާއި، މާޒީގެ ދަތިކަމާއި ގަދަ ވޭނާއި ހިތްދަތިކަމަކީ، މުސްތަގުބަލުގެ ކުރިއެރުމާއި ފާގަތިކަމާއި، އުފާވެރިކަމުގެ ތަޅުދަނޑި. މިކަން ކަށަވަރުވަނީ ފަންނީގޮތުން އެންމެ އަގުކުރެވޭ އެއްޗަކީ ތަޖުރިބާ ކަމަށް ވާހިނދު، އިންސާނާގެ ތަޖުރިބާއަކީ ފައިސާއިން އަގުނުދެވޭ އެއްޗެއް ކަމަށް ދުނިޔެ ބަލައިގަނެ، ތަޖުރިބާގެ އަލީގައި ކުރިއަށް ހިނގަމުންދާތީ.
މިއަދު އަޅުގަނޑުމެން އެންމެ ގަބޫލުކުރަންވީ އެންމެ ބޮޑު ހަގީގަތަކީ މިއަދު މިއޮތް މީޑިއާގެ ހާލަތު. ޚާއްސަކޮށް ބްރޯޑްކާސްޓް މީޑިއާގެ އަދުގެ ހާލަތު.
އަދުގެ ނޫސްވެރިންނާއި، ބްރޯޑްކާސްޓަރުންނަކީ، ރިސްކުގައި މަސައްކަތްކުރަމުންދާ ބައެއް. ކެނޑިނޭޅި ލިބެމުންދާ އިންޒާރުތަކުގެ ތެރޭގައި ބިރުވެރިކަން ތަހައްމަލްކުރަމުންދާ ބައެއް. އެހެންކަމުން ރާއްޖޭގެ ބްރޯޑްކާސްޓިން މީޑިއާގެ ވެށި މިވަނީ، ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައި.
ޑިމޮކްރެސީގެ ހަތަރު ވަނަ ބާރުކަމުގައި މީޑިއާ ވީހިނދު، އަދި މީޑިއާގެ އެންމެ ފަހި ވަސީލަތަކީ ބްރޯޑްކާސްޓިން ކަމަށް ވީހިނދު ރާއްޖޭގެ މިހާލަތު އަލުން މުރާޖިއާކޮށް އަޅާންޖެހޭ ފިޔަވަޅުތައް އެޅުމަކީ މިއަދާ މުނާސަބުކަމެއް. މިއަދުގެ މުނާސަބަތުގައި ކުރާންވެފައި އޮތް ކަމެއް.
ރާއްޖޭގެ މަސްރަހު ނުތަނަވަސްވަމުންދާ ކޮންމެ ހާލަތެއްގައި އެކަން އެންމެ ބޮޑަށް ފެންނަމުން ދަނީ މީޑިއާ އިން. ރައްޔިތުންގެ ޝުޢޫރު ހާމަވެގެންދަނީ މީޑިއާއިން. ރައްޔިތުންގެ ޝުއޫރު ހާމަވާން ޖެހޭނީ ވެސް މީޑިއާއިން. ރައްޔިތުންނާއި ވެރިން ގުޅުވައިދެނީ މީޑިއާއިން.
ގައުމުގެ އެއްވެސް މީހަކު ހިތްހަމަ ނުޖެހިއްޖެ ކޮންމެ ހިނދަކު، އިންސާފު ނުލިބިއްޖެ ކަމަށް ހީވާ ކޮންމެ ހިނދަކު، އެހީތެރިކަމެއް ބޭނުންވެއްޖެ ކޮންމެ ހިނދަކު، ވާގި ހޯދަމުންދަނީ މީޑިއާ އިން. މިފަދަ ކަންކަމުން ކަށަވަރުވެގެން ދަނީ މީޑިއާގެ ދައުރުގެ ފުޅާކަމާއި، މީޑިއާގެ އެހީތެރިކަމުގެ ބޮޑުކަމާއި، މީޑިއާގައި އޮންނަން ޖެހޭ ބާރު.
އިސްވެ ދެންނެވި ފަދައިން ކަމުގެ ހަގީގަތް އޮތްކަމުގައި ވިޔަސް އެކަންކަމުން އެންމެ ހެޔޮ ނަތީޖާ ގައުމަށް ލިބެމުންދާނީ، ރާވައި ތަރުތީބުކުރެވިފައިވާ ހަމަތަކާއި އުސޫލުތަކުން އެކަންކަން ކުރެވިގެން. ކަނޑައެޅިފައި އޮންނަ ގާނޫނާއި ގަވާއިދާއި، ކަންކަން ހިންގަން އޮންނަ އިޖުރާތުތަކުގެ ތެރެއިން އަމަލުކޮށްގެން. ހަމަ އެހެންމެ ހުޅުވައިލެވިފައިވާ ސިކުނޑިއަކުން ކަންކަން ވަޒަންކޮށް އިހުތިރާމް ކުރެވޭ ސުލޫކީ މިނަކުން މިންކުރެވިގެން. މިމަގުން މިކަންކަން ނުދާނަމަ އިސާހިތަކު އޮންނާނީ، ފަހިކޮށް ހުރި ހުރިހައި ކަމެއް ދަތިކޮށް ދިމާވެ، އުނދަގޫތައް ތަހައްމަލްކުރަން ޖެހިފައި. ހަމަ ކަށަވަރުން ވެސް އެއީ ފަހަތަށް އެޅޭ ފިޔަވަޅެއް.
އާދެ، ބްރޯޑްކާސްޓަރުންނަކީ، ދުނިޔޭގެ ދުރު ގާތްކޮށްދޭ މީހުން. ބްރޯޑްކާސްޓަރުންނަކީ ރަށްރަށާއި އަތޮޅުތަކުގެ މެދުން ދެމިފައިވާ މާސިންގާ ކަނޑުތައް ހަނިކޮށްދޭ މީހުން. ބްރޯޑްކާސްޓަރުންނަކީ، އެކެއްގެ ހިތުގެ ވޭނާއި ކެކުޅުން އަނެކާއަށް ހާމަކޮށްދޭ މީހުން. ބްރޯޑްކާސްޓަރުންނަކީ ބާރުގަދަ މީހާގެ ފައިދަށުވެގެން ޗިސްވެފައި އޮންނަ މީހާ އޭނާގެ ހައްގު މަގާމަށް ގެންގޮސްދޭ މީހުން. ހުރިހައި މާނައެއްގައި ފަރުދުންނާއި މުޖުތަމައުގެ އެހީތެރިން.
ހުޅުވިފައިވާ ދުނިޔެއެއްގައި މިކަންކަން ގަބޫލުކުރެވި ބަލައިގަނެފައިވާތީ އެކަންކަން އެގޮތުގައި ހިފަހައްޓައި، ނަގަހައްޓައި، ކުރިއެރުވުމަކީ ރާއްޖޭގެ ބްރޯޑްކާސްޓިންގެ ދުވަހުގެ މުނާސަބާގައި ކުރަން އެންމެ ހައްގުކަން ބޮޑު މަސައްކަތް ކަމާ މެދު ޝައްކެއް ނެތް. އެހެންކަމުން މިއަދުގެ ޝުއޫރަކީ މިކަންކަން ނަގަހައްޓައި ބްރޯޑްކާސްޓިންގެ ރޮނގުން މުސްތަގުބަލް ކަނޑައެޅުން ކަމުގައި ހެދުމަކީ ކުރަންޖެހޭ ކަމެއް.
އަޅުގަނޑުމެން ކަށަވަރު ކުރަންޖެހޭނީ އަޅުގަނޑުމެންގެ ކަންކަން އިންތިޒާމްކޮށް ރާވައި ހިންގައި ކުރިއަރުވައި ތަރައްގީ ކުރުމަކީ އަޅުގަނޑުމެން ކުރަންޖެހޭ ކަމެއްކަން. މިކަންކަމުން މަންފާ ހޯދޭނީ އަޅުގަނޑުމެން އެރޮނގުގައި މަސައްކަތް ކުރި މިންވަރެއްގެ މައްޗަށް. އެހެންކަމުން މިއަދާ މުނާސަބުވެގެން ރާއްޖޭގެ ހާލަތަށް ރިއާޔަތްކޮށް އަޅުގަނޑުމެން ކުރާން ހުރި މަސައްކަތްތައް ވަރަށް ގިނަ.
ބްރޯޑްކާސްޓިންގެ ހެޔޮ ވެއްޓަކަށް ފަހިކުރެވޭ ގާނޫނުތަކާއި ގަވާއިދު، މިކަންކަމުން އަމާންކުރެވިފައިވާ މަސައްކަތުގެ ވެއްޓެއް، މިފަދަ ވެއްޓަކަށް އޮޅުކުރެވިފައިވާ ގާބިލް މީހުން މިއީ އަޅުގަނޑުމެން ހޯދައި ލިބިގަންނަން ޖެހޭ ކަންކަން.
މިއަދު އަޅުގަނޑުމެން އިތުރަށް ދައްކައިދޭން ޖެހޭ ކަމަކީ ބްރޯޑްކާސްޓިން އަކީ ޒުވާނުންނަށް ވަޒީފާގެ މުސްތަގުބަލް އޮތް، އަމާން، ފަހި ވެއްޓެއް އޮތް، އުޖާލާ މުސްތަގުބަލެއް އޮތް ފަންނީ ދާއިރާއެއްކަން. އެހެންކަމުން މިކަންކަމަށް އޮތް ހުރިހައި ހުރަހެއް ނައްތާލައި، މިރޮނގުގައި އަރާންޖެހޭ ހަރުފަތްތަކުން އަރައި، މިމަގުގައި އުފުލަންޖެހޭ ކޮންމެ ބުރައެއް އުފުލައި، ދިވެހިރާއްޖޭ ބްރޯޑްކާސްޓިންގެ ފަހި ފެހި މުސްތަގުބަލެއް ހޯދުމަށް އަޅުގަނޑު މިއަދު އިލްތިމާސްކުރަން.
މި ޤައުމުގެ ދީނީ ވަހުދަތާއި އިންސާނީ ކަރާމާތް ރައްކާތެރިކުރުމާއި ޤައުމިއްޔަތު ދިރުވުމާއި ދެމެހެއްޓެނިވި ގޮތެއްގައި މިކަންކަން އާލާ ކުރުމަށްޓަކައި އަދާކުރެވޭނެ ދައުރާ މެދު ރާއްޖޭގެ ހުރިހާ ބްރޯޑްކާސްޓަރުން ވެސް ސަމާލުވުމަށް އަޅުގަނޑު ދަންނަވަން. ޚަބަރާއި މަޢުލޫމާތު ފޯރުކޮށްދިނުމުގައި ޢާންމު މަސްލަހަތަށް އިސްކަންދީގެން، ޢާންމުންގެ ވިސްނުމާ ޚިޔާލާއި އަޑު އިއްވާލުމުގެ ފުރުސަތު ލިއްބައިދޭ ދާއިރާއަކަށް ހެދުމަށް މިހާރަށް ވުރެ ވެސް އިތުރަށް މަސައްކަތްކުރުމަށް އަޒުމް ކަނޑައެޅުމަށް ވެސް މިފުރުސަތުގައި އަޅުގަނޑު އިލްތިމާސް ދަންނަވަން.
އަޅުގަނޑުގެ އުންމީދަކީ، ހިންދު ކަނޑުގެ އުނގުގައިވާ މި ރީތި ރަށްތަކަކީ ދުނިޔޭގެ އެންމެ ކުރިއަރައިފައިވާ ބްރޯޑްކާސްޓިންގެ ވެށި ކަމުގައި ވުން. އަޅުގަނޑުގެ ދުއާ އަކީ ކީރިތިﷲ އަޅުގަނޑުމެންގެ އުންމީދުތައް ހާސިލްކޮށްދެއްވައި ކާމިޔާބާއި އުފާވެރިކަން މިންވަރުކޮށްދެއްވުން. ގަދަ ކީރިތިވަންތަ ﷲ އަޅުގަނޑުމެންގެ ދުއާ އައްސަވައިވޮޑިގެން އިޖާބަކޮށްދެއްވާށި! އާމީން.”