October 7, 2013
ރާއްޖޭ ޓީވީ ހިންގާ އިމާރާތުގައި ރޯކޮށްލުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ތިރީގައި މިވަނީ މިކަމާ ގުޅިގެން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ނެރުނު ބަޔާނެވެ.
“ރާއްޖެޓީވީ ހިންގާ އިމާތާރުގައި ރޭ ފަތިހު ބަޔަކު ރޯކޮށްލުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ. މިއީ ޑިމޮކްރަސީގެ މައިގަނޑު އަސާސެއް ކަމުގައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިނަވަންކަމާ ދެކޮޅަށް ބަޔަކު ހިންގި ވަރަށް ފިނޑި އަމަލެއް ކަމުގައި މި ކޮމިޝަނުން ދެކެމެވެ.
“ރާއްޖެ ޓީވީގެ އިމާރާތަށް ގެއްލުން ދިން މައްސަލަ އަވަހަށް ތަހްގީގުކޮށް، އެކަން ކުރި ބަޔަކާ ދޭތެރޭ ޤާނޫނީ ފިޔަވަޅު އެޅުމަށް ކަމާ ބެހޭ ފަރާތްތަކަށް މި ކޮމިޝަނުން ގޮވާލަމެވެ. އަދި މި ދަނޑިވަޅުގައި ހުރިހާ ބްރޯޑްކާސްޓަރުންނަށް ސަލާމަތާއި ރައްކާތެރިކަން ފޯރުވައިދިނުމަށް ސަލާމަތީ ބާރުތަކަށް މި ކޮމިޝަނުން ގޮވާލަމެވެ.
“މީގެ އިތުރުން ރާއްޖެޓީވީ އޮންއެއަރ އަލުން އަނބުރާ ފެށުމަށް ރާއްޖޭގެ ބްރޯޑްކާސްޓަރުންގެ ފަރާތުން، ހާއްސަކޮށް ޕަބްލިކް ސާރވިސް ބްރޯޑްކާސްޓަރުގެ ފަރާތުން ވެދެއްވެން އޮތް އެހީތެރިކަމެއް މި ދަނޑިވަޅުގައި ވެދެއްވުމަކީ ވެސް މި ކޮމިޝަންގެ އެދުމެކެވެ.
“ރާއްޖެ ޓީވީ ހުއްޓުވުމަށް ބަޔަކު މަސައްކަތްކުރަމުންދާ ކަމަށް ބުނެ މި އަހަރުގެ ޖުލައި މަހުގެ ފަހުކޮޅު ރާއްޖެ ޓީވީން މި ކޮމިޝަނަށް އެންގުމުން އެ މައުލޫމާތު މި ކޮމިޝަނުން ވާނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހިއްސާކޮށްފަ އެވެ. އަދި ރާއްޖެ ޓީވީ ހުއްޓުވާނެ ކަމަށް ބުނެ އިންޒާރުދީ، މި ކޮމިޝަނަށް ލިބޭ ފޯން ކޯލަކާ ބެހޭ މައުލޫމާތު ވެސް މީގެ ހަފުތާއެއް ކުރިން ވާނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހިއްސާކޮށްފަ އެވެ. އަދި ރާއްޖޭ ޓީވީ ހުއްޓުވަން ސަރުކާރުން މަސައްކަތްކުރާ ކަމަށް ބުނެ މީޑިއާގައި ފަތުރަމުންދާ ޑޮކިއުމަންޓަކާ ބެހޭ މައުލޫމާތު ވެސް އިއްޔެ ވާނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހިއްސާކޮށްފަ އެވެ. އަދި މި ކަންކަން ތަހުގީގުކޮށްދެއްވައި، ހަމަޖެހިފައި އޮންނަ އުސޫލުން ފިޔަވަޅު އަޅުއްވައިދެއްވުމަށް ވެސް މޯލްޑިވްސް ޕޮލިސް ސަރވިސްގައި ވާނީ ދަންނަވައިފަ އެވެ.
“މި މައްސަލަތަކުގައި ކުރިއެރުންތައް ލިބިފައިވާ މިންވަރެއް މޯލްޑިވްސް ޕޮލިސް ސަރވިސް އިން މި ކޮމިޝަނަށް އަންގަވައިފައިނުވާތީ ކޮމިޝަނުން ހިތާމަކުރަމެވެ.
“ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރިހާ މުވައްސަސާތަކުން ވެސް އެއްބާރުލުން ދެއްވުމަށް މި ކޮމިޝަނުން އިލްތިމާސްކުރަމެވެ. އަދި މިހާރު އުފެދިފައިވާ ސިޔާސީހަލަބޮލިކަމުގެ ތެރޭގައި، ބަދަލުހިފުމުގެ ރޫހު އުފެދި، ބްރޯޑްކާސްޓް މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށް ހަމަލާ ރައްދުނުކުރުމަށާއި ބްރޯޑްކާސްޓިންގ ސްޓޭޝަންތަކާއި، އެ ފަރާތްތަކުގެ މުދަލާއި ތަކެއްޗަށް ގެއްލުން ލިބޭ ގޮތަށް އަމަލުތައް ނުބެހެއްޓުމަށް ވެސް ހުރިހާ ފަރާތްތަކަށް މި ކޮމިޝަނުން އިލްތިމާސްކުރަމެވެ.“