October 20, 2016
ޤާނޫނު ނަންބަރު 2011/09 (ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަން ދިނުމުގެ ޤާނޫނު) ގެ ދަށުން ހަދާފައިވާ ދިވެހިބަހަށް އިސްކަންދިނުމުގެ ގަވާއިދަށް ދައުލަތުގެ މުއައްސަސާތައް އަހުލުވެރިކުރުމަށްޓަކައި ދިވެހިބަހުގެ އެކެޑަމީން ކުރިއަށްގެންދާ ޕްރޮގްރާމުގެ ދަށުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާ މިއަދު ދިވެހިބަހުގެ އެކެޑަމީން ބައްދަލުކުރައްވައި މަޢުލޫމާތު ދެއްވައިފިއެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފު ޢަލީ ފާހަގަކުރެއްވި ގޮތުގައި، މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން، ބްރޯޑްކާސްޓިންގ ދާއިރާއިން ދިވެހި ބަހަށް އިސްކަން ދިނުމުގެ ގޮތުން ބާރުއެޅުމަށް ކޮމިޝަނުން ކޮށްދެވޭނީ ކޮންކަމެއްތޯ ސާފުކުރައްވައި، މި ގަވާއިދުގެ ދަށުން ދިވެހި ބަސް ކުރިއެރުވުމަށް މަސައްކަތްކޮށްދިނުމަށް އެދިވަޑައިގެންނެވިއެވެ. އަދި ދިވެހި ބަސް ކުރިއަރުވައި ބްރޯޑްކާސްޓްކުރުމުގެ ދާއިރާއަށް ބޭނުންވާ ދިވެހި ބަހާ ބެހޭ އެކި ތަމްރީނުތައް ބޭއްވުމަށް ކޮމިޝަނާ ގުޅިގެން މަސައްކަތްކުރުމަށް ދިވެހިބަހުގެ އެކެޑަމީގެ އެހީތެރިކަން ލިބޭނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. މީގެއިތުރުން، އޮފީސްތަކުގަޔާއި ޤައުމީ ފެންވަރުގައި ދިވެހި ބަހަށް އިސްކަންދިނުން ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަން ޖެހޭކަން ފާހަގަކުރައްވައި، މިކަމަށްޓަކައި އެކެޑަމީން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު އެކެޑަމީގެ ރައީސް ދެއްވިއެވެ.
ކޮމިޝަންގެ ނައިބު ރައީސް މުޙައްމަދު އަސްލަމު ދެއްކެވި ވާހަކަފުޅުގައި، ދިވެހިބަހުގެ ކުރިއެރުމާއި ތަރައްޤީއަށް އިސްކަންދީގެން ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު ދެއްވައި، އެކެޑަމީން އެކުލަވާލާފައިވާ ދިވެހިބަހަށް އިސްކަންދިނުމުގެ ގަވާއިދު ތަންފީޒުކުރުމަށް އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވިއެވެ. އަދި ބްރޯޑްކާސްޓް ދާއިރާގައި ދިވެހިބަހުގެ ފެންވަރު މަތިކުރުމަށްޓަކައި އެކެޑަމީއާ ގުޅިގެން މަސައްކަތްކުރުމަށް އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމަށްވެސް ވިދާޅުވިއެވެ.
ޤާނޫނު ނަންބަރު 2011/09 (ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަން ދިނުމުގެ ޤާނޫނު) ގެ ދަށުން ހަދާފައިވާ ދިވެހިބަހަށް އިސްކަންދިނުމުގެ ގަވާއިދަށް އަމަލުކުރަން ފަށާނީ 29 ޑިސެމްބަރ 2016 ގައެވެ.
މިއަދުގެ ބައްދަލުވުމުގައި ދިވެހިބަހުގެ އެކެޑަމީގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެކެޑަމީގެ ރައީސް އަޝްރަފު ޢަލީއާއި، އެސިސްޓެންޓް ޑިރެކްޓަރ މުޙައްމަދު ފައުޒާނާއި އެޑްމިން އޮފިސަރ ޙުސައިން ޙިޒާމެވެ. ކޮމިޝަންގެ ފަރާތުން ބައިވެރިވެވަޑައިގަތީ ކޮމިޝަންގެ ނައިބު ރައީސް މުޙައްމަދު އަސްލަމާއި ކޮމިޝަނަރ ޒީނާ ޒާހިރާއި ކޮމިޝަނަރ ސަރާޙަތު އިއްޒަތާއި ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ނާސިޙުގެ އިތުރުން ކޮމިޝަންގެ އިސް މުވައްޒަފުންނެވެ.