January 19, 2017
މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެމްބަރުކަމަށް ހޮވިވަޑައިގެންނެވި މެމްބަރުންނަށް މަރުޙަބާ ކިޔުމަށާއި ތަޢާރަފުވުމުގެ ގޮތުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ޚާއްސަ ބައްދަލުވުމެއް ބާއްވައިފިއެވެ.
މިއަދު ބޭއްވި މަރުޙަބާ ކިޔުމުގެ މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބު، މީޑިއާ ކައުންސިލަށް އަލަށް ހޮވިވަޑައިގެންނެވި މެމްބަރުންނަށް ހޫނު މަރުޙަބާއެއް ވިދާޅުވެ، އަލަށް ގުޅިވަޑައިގެންނެވި މެމްބަރުންގެ ސަބަބުން ކައުންސިލުން މީޑިއާގެ ދާއިރާގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް އަންނާނޭ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، ރާއްޖޭގެ މީޑިއާގެ ދާއިރާ ކުރިއެރުވުމަށް މިޑީއާ ކައުންސިލުން ކުރާ މަސައްކަތްތަކުގައި ކޮމިޝަނުން އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެ، ދެ ފަރާޓް ގުޅިގެން މީޑިއާގެ ދާއިރާއަށް ބޭނުންވާ މީހުން ބިނާކުރުމާއި އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމަށް އެކުގައި މަސައްކަތްކުރުމަށް އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައިވާހަކަ ދައްކަވަމުން މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް އަލްއުސްތާޛު ޢަބްދުލްމުޢީދު ޙަސަން ވަނީ މީޑިއާ ކައުންސިލަށް އަލަށް ހޮވިވަޑައިގެންނެވި މެމްބަރުންނަށް މަރުޙަބާކިޔުމަށް ކޮމިޝަނުން ޚާއްޞަ ބައްދަލުވުމެއް ބޭއްވީތީ ޝުކުރު އަދާކުރައްވާފައެވެ. އަދި ދެ އިދާރާ ގުޅިގެން މީޑިއާގެ ތަރައްޤީއަށް މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާ، މީޑިއާގެ ތަރައްޤީއަށްޓަކައި ދެ ފަރާތް ގުޅިގެން މަސައްކަތްކުރެއްވުމަށް ކޮމިޝަނުން އިސްކަންދެއްވާތީ އެކަމާ އުފާކުރައްވާ ކަމަށް ވިދާޅުވެ، ރާއްޖޭގެ މީޑިއާގެ ތަރައްޤީއަށް ކޮމިޝަނުން ކުރާ މަސައްކަތްތަކުގައި ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެ ކަމުގައި މީޑިއާ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ދެ މުއައްސަސާގެ މެމްބަރުންގެ ތަޢާރަފަށް ފަހު، މީޑިއާގެ މިނިވަންކަމަށާއި ޒިންމާދާރު ނޫސްވެރިކަން ކުރިއެރުވުމަށާއި އަދި މި ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ދެ ފަރާތް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.
މިއަދު ބޭއްވި މި ބައްދަލުވުމުގައި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ފަރާތުން ބައިވެރިވެވަޑައިގަތީ ކައުންސިލްގެ ރައީސް އަލްއުސްތާޛު ޢަބްދުލްމުޢީދު ޙަސަނާއި ނާއިބު ރައީސް އަޙްމަދު ޢަބީރު އިސްމާޢީލާއި ކައުންސިލް މެމްބަރުން ކަމުގައިވާ ޝައުފާ ޙުސައިނާއި، އަންވަރު އިބްރާހީމާއި، އަސްޢަދު ޝަރީފާއި، މަރިޔަމް ޚަލީލުއާއި، މުޙައްމަދު ޢާޠިމް ޢަބްދުލްހާދީއާ އަދި އަޙްމަދު މުޖުތަބާއެވެ.
ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބުގެ އިތުރުން ނައިބު ރައީސް މުހައްމަދު އަސްލަމާއި، ކޮމިޝަނަރ ފާޠިމަތު ޒައިނާއާއި، ކޮމިޝަނަރ ޒީނާ ޒާހިރާއި ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ނާސިޙު ބައިވެރިވެވަޑައިގަތެވެ.