May 15, 2013
ދިވެހިރާއްޖޭގެއަޑުގެ މީޑިއަމް ވޭވް ފްރިކުއެންސީ އިން ބްރޯޑްކާސްޓްކުރުން ހުއްޓުވުމަށް މަސައްކަތްކުރުމަކީ ރައްޔިތުންނަށް ލިބިދީފައިވާ މައުލޫމާތު ލިބިގަތުމުގެ ހައްޤަށް އުނިކަމެއް އަންނާނެ ކަމެއް ކަމަށާއި އަދި އެ ފްރިކުއެންސީ ހުއްޓުވުމުގެ ބަދަލުގައި އެންޓަނާތައް އެހެން ތަނަކަށް ބަދަލުކުރުމަށް މަގުފަހިކޮށްދެއްވުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދު ޙަސަން އަށް ލަފާ އަރުވައިފި އެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ރައީސުލްޖުމްހޫރިއްޔާ އަށް ލަފާއަރުވައިފައި މި ވަނީ ލޮނުޒިޔާރާތްކޮޅުގައި ހުރި ދިވެހިރާއްޖޭގެއަޑުގެ އެންޓަނާތަކާއި ޓްރާންސްފޯމަރުތަކުގެ ސަބަބުން، އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ސިއްހީ މައްސަލަތަކާ ދިމާވާކަން ދިރާސާތަކުން ދައްކާފައިވާތީ ކަމަށް ބުނެ، ދިވެހިރާއްޖޭގެ އަޑުން ބޭނުންކުރާ 1449 މެގަހާޓްސް މީޑިއަމް ވޭވް ފްރިކުއެންސީ ހުއްޓާލެއްވުމަށް ފެނިވަޑައިގަންނަވާ ކަމަށް 30 އެޕްރީލް 2013 ގައި ބޭއްވެވި ވަޒީރުންގެ މަޖިލިހުން ނިންމަވައި، ހަމަޖައްސަވަންޖެހޭ ކަންކަން ހަމަޖެއްސެވުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން އަށް 2 މޭ 2013 ގައި އަންގަވައިފައިވާ ސިޓީގެ ކޮޕީ ކޮމިޝަނަށް ލިބުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އަށް ފޮނުވި ސިޓީއެއްގަ އެވެ.
ތިރީގައި މި ވަނީ، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދު ޙަސަން އަށް 9 މޭ 2013 ގައި ފޮނުއްވައިފައިވާ ސިޓީގެ މުހިންމު ބައިތަކެވެ.
“މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން (އެމް.ބީ.ސީ) އިން ހިންގާ “ދިވެހި ރާއްޖޭގެއަޑު”ގެ 1449 މެގަހާޓްޒް މީޑިއަމް ވޭވް ފްރިކުއެންސީ ހުއްޓާލުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ހަވާލާ ދެވުނު ސިޓީއިން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަނަށް އަންގަވާފައިވާތީ މި ކަމާ ގުޅޭގޮތުން މި ކޮމިޝަނުގެ ކަންބޮޑުވުންތަކެއް ހުރުމާއެކު، އަދި ޤާނޫނު ނަމްބަރ 16/2010 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގައި ބަޔާންކުރާ މަޤްސަދުތައް ހާސިލްކުރުމަށް މަސައްކަތްކުރުމަކީ މި ކޮމިޝަނުން ކުރަންޖެހޭ ކަމެއްކަން އެނގެން އޮންނާތީ އާއި ބްރޯޑްކާސްޓިންގ ދާއިރާއާ ބެހޭ މައްސަލަތަކުގައި ސަރުކާރަށް ލަފާ ދިނުމަކީ އެ ޤާނޫނުގެ 4 ވަނަ މާއްދާގެ (ބ) ގައި މި ކޮމިޝަނުގެ މަސްއޫލިއްޔަތެއްގެ ގޮތުގައި ކަނޑައަޅާފައި އޮންނަ ހިނދު، މި މައްސަލައާ މެދު މި ކޮމިޝަނުން ދެކޭގޮތުގެ ލަފައެއް އެރުވުމަށް މި ފުރުޞަތުގެ ބޭނުން ކުރަމެވެ.
“ދިވެހި ރާއްޖެއަށް ރޭޑިއޯގެ ޚިދުމަތް ދޭން ފެށީއްސުރެ އެ ޚިދުމަތް ދިނުމަށް ބޭނުންކުރާ މީޑިއަމް ވޭވް ފްރިކުއެންސީ ކުއްލި ގޮތަކަށް ހުއްޓާލުމަށް ނިންމަވާފައިވުމާއެކު އެ މައްސަލަ ދިރާސާކުރުމުން ތިރީގައިވާ ނުކުތާތައް މި ކޮމިޝަނަށް ފާހަގަކުރެވެއެވެ.
“މަތީގައި ބަޔާންކޮށްފައިވާ ކަންކަން އެހެން ހުރުމާއެކު، ދިވެހި ރާއްޖޭގެ އަޑުން ބޭނުންކުރާ މީޑިއަމް ވޭވް ފްރިކުއެންސީ އިން ބްރޯޑްކާސްޓްކުރުން ހުއްޓުވުމަށް މަސައްކަތްކުރުމަކީ ރައްޔިތުންނަށް ލިބިދީފައިވާ މައުލޫމާތު ލިބިގަތުމުގެ ހައްޤަށް އުނިކަމެއް އަންނާނެ ކަމެއް ކަމަށް ކަށަވަރުވާން އޮންނަ ހިނދު، އެ ފްރިކުއެންސީ ހުއްޓުވުމަކީ މި ކޮމިޝަނަށް ޤަބޫލުކުރެވޭނޭ ކަމެއް ނޫނެވެ. އަދި އެކަން ހުއްޓުވުމަކީ ޤާނޫނީ ގޮތުން މި ކޮމިޝަނަށް ފިޔަވައި އެހެން ފަރާތަކަށް ލިބިދޭ ބާރެއް ކަމަކަށް ވެސް ނުދެކެމެވެ.
“މި މައްސަލައާ ގުޅޭ ގޮތުން މި ކޮމިޝަނުން އެމް.ބީ.ސީއާ މަޝްވަރާކުރުމުން ވެސް މަތީގައި ދެންނެވި ކަންކަން ރަނގަޅަށް ސާފުވެއެވެ. އަދި މިހާރު ދިވެހި ރާއްޖޭގެ އަޑުން ޓްރާންސްމިޓްކުރަމުންދާ އެންޓަނާތައް މާލެއިން ބޭރަށް ބަދަލުކުރުމަށް ވެސް އެ ފަރާތުން މަސައްކަތްކުރަމުން އަންނަކަމާއި މި މައްސަލައަށް އޮތް ހައްލަކީ މި އެންޓެނާ ބަދަލުކުރެވޭނޭ ރަށެއް ކަނޑައަޅައި އެ މަސައްކަތަށް ހިނގާ ޚަރަދުތަކަށް ލަފާކުރެވޭ 27 މިލިއަނެއްހާ ރުފިޔާ އެމް.ބީ.ސީގެ ބަޖެޓަށް ލިބޭނޭމަގު ފަހިކޮށްދިނުން ކަމުގައި މި ކޮމިޝަނަށް ފެންނާތީ، އެ ކަމަށް ލިބެންޖެހޭ އެއްބާރުލުން ސަރުކާރުގެ ފަރާތުން ދެއްވުމަކީ މި ކޮމިޝަނުން ކުރާ އިލްތިމާސްއެކެވެ.
“މި މައްސަލައާ ގުޅޭ ގޮތުން އިތުރަށް މަޝްވަރާކޮށްލުމަށް ބޭނުންވާތީ، މި ކަމަށްޓަކައި މަނިކުފާނާ ބައްދަލުކޮށްލުމަށް އެޕޮއިންޓްމަންޓެއް ލިބޭނޭގޮތް ހަމަޖައްސަވައިދެއްވުން އެދޭ ވާހަކަވެސް ދެންނެވީމެވެ.”
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން މި ސިޓީ ވަނީ ރައްޔިތުންގެ މަޖިލީސްގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަނަށާއި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަށާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަށާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަނަށް ކޮޕީކޮށްފަ އެވެ.