November 7, 2013
ރިސޯޓްތަކުގައި ރީބްރޯޑްކާސްޓް ކުރާނަމަ ޤާނޫނު ނަމްބަރ16 /2010 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ވާ ފަދައިން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ހޯދުމަށްފަހު ޚިދުމަތްދިނުމަށް ކޮމިޝަނުން މިއަދު އިލްތިމާސްކޮށްފިއެވެ.
ތިރީގައި މި ވަނީ މި ކަމާ ގުޅިގެން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު ނެރުނު ސަރކިއުލާ އެވެ.
“ޤާނޫނު ނަމްބަރ16 /2010 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ ދަށުން ރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމުގެ (ކޭބްލް ޓީވީ) ޚިދުމަތެއް ދޭންވާނީ މި ކޮމިޝަނުން ހޯދާ ލައިސަންސްއެއްގެ ދަށުންނެވެ. އަދި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު (2012/R-20) ގައި ވާގޮތުން ޓޫރިސްޓް ރިސޯޓްތަކުގައި ވެސް ދެވޭ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތަކީ އެ ޚިދުމަތެއް ދިނުމަށް ލައިސަންސް ހޯދަން ޖެހޭ ކަމެކެވެ.
“މި ގޮތުން ތިޔަ ރިސޯޓްގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދޭކަމުގައި ވާނަމަ އެކަން މި ކޮމިޝަނަށް އަންގަވައި އަދި ލަސް ނުކުރައްވާ ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގައިވާ ގޮތުގެ މަތީން ލައިސަންސް ހޯދުމަށް އެދި ހުށަހެޅުއްވުމަށް ވެސް ދަންނަވަމެވެ.
“އަދި ދަންނަވަމެވެ. ލައިސަންސެއް ނެތި ރީބްރޯޑްކާސްޓްކުރުމަކީ ޤަނޫނާއި ޤަވާއިދާ ޚިލާފު ކަމެއް ކަމުގައި ވުމާއެކު މި ފަދަ ފަރާތްތަކާ މެދު މި ކޮމިޝަނުން ފިޔަވަޅު އަޅަމުން އަންނަކަމުގައި ވެސް ތިޔަ ފަރާތުގެ މައުލޫމާތައްޓަކައި ދަންނަވަމެވެ.”