October 4, 2013
ރާއްޖޭގެ ބްރޯޑްކާސްޓިން ދުވަހުގެ ގޮތުގައި ފުރަތަމަ ފަހަރަށް މިއަދުދުވަހެއް ފާހަގަކުރާއިރު، ދިވެހި ރާއްޖޭގެ ސިޔާސީ ވެށި މި ވަނީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށާއި މި ހުތޫރަތްތެރި ދަނޑިވަޅުގައި، ގައުމުގެ މަސްލަހަތު އިސްކޮށް، ރައްޔިތުން އެކަތިގަނޑަކަށް ހެދުމުގައި ޒިންމާދާރުކަމާ އެކު ހުރިހާ ބްރޯޑްކާސްޓަރުން މަސައްކަތް ކޮށްދެއްވުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު އިލްތިމާސް ދަންނަވައިފި އެވެ.
ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މި ގޮތަށް އިލްތިމާސްކުރެއްވީ ރާއްޖޭގެ ބްރޯޑްކާސްޓިން ދުވަހުގެ މުނާސަބާތުގައި މިއަދު ދެއްވި ހިތާބެއްގަ އެވެ.
ތިރީގައި މި ވަނީ ރާއްޖޭގެ ބްރޯޑްކާސްޓިން ދުވަހުގެ މުނާސަބާތުގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު ދެއްވި ހިތާބެވެ.
“ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގ ދުވަހުގެ ތަޙުނިޔާ އާއި މުބާރަކުބާދު ރާއްޖޭގެ ބްރޯޑްކާސްޓް ދާއިރާގައި މަސައްކަތްކޮށްދެއްވާފައިވާ ހުރިހާ ފަރާތްތަކާއި މިހާރު ރާއްޖޭގައި ހަރަކާތްތެރިވާ އެންމެހާ ބްރޯޑްކާސްޓަރުންނަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ނައިބު ރައީސާއި ކޮމިޝަނަރުންނާއި މުވައްޒަފުންގެ ނަމުގައި އަރިސްކުރަން. މި މުނާސަބު ދުވަހުގައި ރާއްޖޭގެ ބްރޯޑްކާސްޓަރުން ކުރައްވާ މަސައްކަތްތައް ފާހަގަކޮށް، އެ ފަރާތްތަކަށް ޝުކުރުއަދާކޮށް އެ ފަރާތްތަކުގެ އަގުވަޒަންކުރާކަމުގައިވެސް ދަންނަވަން.
“ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ ހަތަރު ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގ ދުވަސް ކަމުގައި ކަނޑައަޅައި، ޤައުމީ ފެންވަރުގައި އެ ދުވަސް ފާހަގަކުރަން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ނިންމި މަގްސަދަކީ ޤައުމު ބިނާކުރުމާއި، ޑިމޮކްރެސީ އާލާކުރުމާއި، ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށްމަޢުލޫމާތު މުއްސަނދި ކުރުމުގައި ބްރޯޑްކާސްޓަރުން އަދާކުރާ މުހިއްމުދައުރުގެ އަގު ވަޒަންކުރުމާއި، މި ސިނާޢަތުގެ ތަރައްޤީއަށް މަގުފަހިކުރުން. ބްރޯޑްކާސްޓިންގ ދުވަހުގެ ގޮތުގައި އޮކްޓޫބަރު މަހުގެ ހަތަރު ވަނަ ދުވަސް ފާހަގަކުރުމަށް ކޮމިޝަނުން ނިންމީ، ރާއްޖޭގެ ވައިގެ ސަރަހައްދުގެ ތެރެއަށް، ބްރޯޑްކާސްޓްކުރުމުގެ ނަމުގައި، ރޭޑިއޯ ފްރީކުއެންސީއެއް ބޭނުންކޮށްގެން އެންމެ ފުރަތަމަ އަޑު ފޮނުވައިފައި ވަނީ 1961 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 4 ވަނަ ދުވަހުގައި ކަމަށް ދިވެހި ތާރީޚުގައި ލިޔެފައިވާތީ، އެކަމާ ބެހޭ ގޮތުން ބްރޯޑްކާސްޓަރުންނާއެކު ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ފަހު. އެ ދުވަހު ރޭޑިއޯ ބްރޯޑްކާސްޓްކޮށްފައި ވަނީ މާލޭ ރޭޑިއޯގެ ނަމުގައި.
“ދިވެހި ރާއްޖޭގެ އަޑުގެ ޚިދުމަތް ރަސްމީކޮށް ފަށައިފައި ވަނީ 1962 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ގައި. އަދި އޭގެ 16 އަހަރުފަހުން، 1978 ވަނަ އަހަރުގެ މާޗު މަހުގެ 29 ގައި، ޓެލެވިޒަން މޯލްޑިވްސް އުފެދި ރާއްޖޭގެ ދައުލަތުގެ ޓީވީ އަދި ރޭޑިއޯގެ ހިދުމަތް ރައްޔިތުންނަށް ލިބެންފެށި.
“ރާއްޖޭގެ ބްރޯޑްކާސްޓިންގެ ދާއިރާ ތަރައްގީވަމުން އައިސް، 2005 ވަނަ އަހަރަކީ ރާއްޖޭގެ ބްރޯޑްކާސްޓިން އަށް ތާރީޚީ އަހަރެއް. މިގޮތުން އަމިއްލަ ފަރާތަކަށް ޓެލެވިޒަން ޗެނަލެއް ހިންގުމުގެ ހުއްދަ 2005 ވަނަ އަހަރުގެ މޭ މަހުގެ 6 ވަނަ ދުވަހު ސަރުކާރުން ވަނީ ދެއްވައިފައި. އެއާއެކު އެޓޯލް ޓެލެވިޒަންގެ ނަމުގައި ޗެނަލެއް ހިންގަން ފެށި. އޭގެ ފަހުން، ބްރޯޑްކާސްޓިން ދާއިރާގައި އަމިއްލަ ފަރާތްތަކަށް ބައިވެރިވުމުުގެ ފުރުސަތު 2007 ވަނަ އަހަރު އާންމުކޮށް ހުޅުވާލުމުން، 14 ޖޫން 2007 ގައި ތިން ކުންފުންޏަކަށް ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ވަނީ ދޫކޮށްފައި. އެއީ ދެ ރޭޑިއޯ ޗެނަލާއި ޓީވީ ޗެނަލެއް. އޭގެ ފަހުން ތަފާތު ޗެނަލްތައް އައީ އުފެދެމުން. އަދި ކުރީގެ ދައުލަތުގެ ޓީވީ އަދި ރޭޑިއޯ 2012 ވަނަ އަހަރު، ރައްޔިތުންގެ ޓީވީ އަދި ރޭޑިއޯ އަކަށް ގާނޫނެއްގެ ދަށުން ބަދަލުވެ، ޕަބްލިކް ސާރވިސް ބްރޯޑްކާސްޓަރެއްގެ ގޮތުގައިވަނީ ހިދުމަތް ދޭން ފަށާފަ.
“ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގެ ތަރައްޤީއަށްޓަކައި ބްރޯޑްކާސްޓްކުރުމުގެ ގާނޫނެއް 2010 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 22 ވަނީ ތަސްދީގު ކުރައްވައިފައި. އަދި އެ ޤާނޫނު ތަންފީޒުކޮށް، ބްރޯޑްކާސްޓިންގ ދާއިރާ ކުރިއެރުވުމަށްޓަކައި، ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ ދަށުން އުފެއްދި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް، 2011 ވަނަ އަހަރުގެ އޭޕްރިލް 4 ގައި ވަނީ މެންބަރުން އައްޔަނުކުރައްވައި، ކޮމިޝަނުގެ މަސައްކަތްތައް ފަށައިފައި.
“ރާއްޖޭގައި ބްރޯޑްކާސްޓްކުރުމަށް މިހާތަނަށް 33 ކުންފުންޏަކަށް ލައިސަންސް ވަނީ ދޫކޮށްފައި. އެއީ 23 ޓީވީ ޗެނެލާއި 10 ރޭޑިއޯ ޗެނަލް. އަދި މީގެ އިތުރުން ކޭބަލް ޓީވީ ޚިދުމަތް ފޯރުވައިދިނުމަށް ލައިސަންސް ދޫކޮށްފައިވާ 57 ކުންފުނި ހިމެނޭ.
“މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ވަނީ މި ކޮމިޝަނަށް ލަފާދިނުމަށާއި ރާއްޖޭގެ ބްރޯޑްކާސްޓް ކުރުމުގެ ޤަވާއިދުތަކާއި ސިޔާސަތުތަކާއި އުޞޫލުތައްކަނޑައެޅުމުގައި ބްރޯޑްކާސްޓަރުންނާއި ސްޓޭކްހޯލްޑަރުންގެ ލަފަޔާއި މަޝްވަރާ ހޯދުމަށް ބްރޯޑްކާސްޓް އެޑްވައިޒަރީ ކޮމިޓީއެއްވެސް އުފައްދައިފަ.
“ރާއްޖޭގެ ބްރޯޑްކާސްޓް ދާއިރާ އެންލޮގް އިން ޑިޖިޓަލް ޓެކްނޮލޮޖީއަށް ގެންދިއުމަށް ނެޝަނަލް ރޯޑް މެޕް ޓީމެއް އެކުލަވާލައި އެ ޓީމުގެ މަސައްކަތްވެސް ވަނީ ފަށައިފައި.
“ރާއްޖޭގެ އެހެން ދާއިރާތަކެކޭ ވެސް އެއްފަދައިން ބްރޯޑްކާސްޓްކުރުމުގެ ދާއިރާގައި ވެސް ދިމާވެފައިވާ އެންމެބޮޑު މައްސަލައަކީ މި ދާއިރާއިން ތައުލީމާއި ތަމްރީނާއި ތަޖުރިބާ ލިބިފައިވާ މީހުން މަދުވުން. އިމާރާތްތައް އޭގެ ތަރަހައިގެ މަތީގައި ބިނާވެފައިވާ މިސާލުގައި، މި ދާއިރާގައި ވެސް ފަންނީ މިންތަކާއި އިންތައް ބިނާވާންޖެހެނީ ތައުލީމާއި ތަމްރީނާއި ތަޖުރިބާގެ މައްޗަށް. އެހެންކަމުން ބްރޯޑްކާސްޓްކުރުމުގެ ހުރިހައި ކަމެއް ވެއްޓަށް ފެތޭ ފަންނީ މިންގަނޑަކުން ހެޔޮވަރުކޮށް މުޖުތަމައުގެ ރުހުން ލިބޭނޭ ހަމަތަކެއްގެ މައްޗަށް ބިނާކުރުމަށްޓަކައި، މިދާއިރާއަށް ވަނީ ތައުލީމާއި ތަމްރީނާއި ތަޖުރިބާ އިންތިހާ ދަރަޖައަށް ބޭނުންވެފައި. އެހެންކަމުން ދައުލަތުގެ ބަޖެޓް އެކުލަވައިލެއްވުމުގައި މިކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވައި، މީހުން ބިނާކޮށް ހަރުދަނާކުރުމަށްޓަކައި ކަމާބެހޭ މުވައްސަސާތަކަށް މާލީ އެހީތެރިކަން ލިބޭނޭކަމާ މެދު އަޅުގަނޑު ޝައްކެއް ނުކުރަން.
“ރެގިއުލޭޓަރެއްގެ ދުރުމީން ބަލާއިރު ބްރޯޑްކާސްޓަރުން ފޮނުވާ ކޮންޓެންޓުގެ ޒިންމާދާރުކަން މިނޭނޭ އެއްމެ ބޮޑު އެއް މިންގަނޑަކީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ އެއްގޮތަށް ފޮނުވޭތޯ ބެލުން. ބްރޯޑްކާސްޓް ދާއިރާއާ ގުޅޭގޮތުން މިހާތަނަށްް162 ޝަކުވާ ލިބި، 125 ޝަކުވާ ވަނީ ކޮމިޝަނުން ބަލައި ނިމިފައި.
“ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާއި ކޮމިޝަނުން އެކުލަވާފައިވާ އެންމެހައި ގައިޑްލައިންތަކަށް ޒިންމާދާރުކަމާއެކު ހުރިހާ ބްރޯޑްކާސްޓަރުންވެސް އަމަލުކުރުމަކީ ރާއްޖޭގެ ބްރޯޑްކާސްޓްކުރުމުގެ ސިނާއަތް ހަރުދަނާވެގެން ދާނޭ ކަމެއް.
“ނޫސްވެރިކަމުގެ މިނިވަންކަމަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 28 ވަނަ މާއްދާއިން ކަށަވަރު ކޮށްދީފައިވާ ވަރަށް އަގުބޮޑު އަދި އެހާމެ ޒިންމާދާރު އަސާސެއް. މިނިވަންކަމުގެ ޙުދޫދުގެ ތެރެއިން ފާޅުކުރެވޭ ޚިޔާލުތައް ޒިންމާދާރުކަމާއެކީ ރައްޔިތުންނަށް ފޯރުވައިދިނުމަކީ މީޑިއާގެ އެންމެ މުހިއްމު އެއް މަސްއޫލިއްޔަތު.
“ބްރޯޑްކާސްޓިން ދުވަސް މި އަހަރު ފާހަގަކުރާއިރު، ދިވެހި ރާއްޖޭގެ ސިޔާސީ ވެށި މި ވަނީ ވަރަށް ނާޒުކު ފައްތަރެއްގައި. މި ހުތޫރަތްތެރި ދަނޑިވަޅުގައި، ގައުމުގެ މަސްލަހަތު އިސްކޮށް، ރައްޔިތުން އެކަތިގަނޑަކަށް ހެދުމުގައި ބްރޯޑްކާސްޓަރުން އަދާކުރަންޖެހިފައި ވަނީ ވަރަށް ވެސް މުހިންމު މަސްއޫލިއްޔަތެއް. މި މުހިންމު ގައުމީ މަސްއޫލިއްޔަތު ޒިންމާދާރުކަމާ އެކު އަދާކުރައްވައި، މި ނުތަނަވަސްކަމުން ގައުމު ސަލާމަތްކުރެއްވުމަށް މަސައްކަތް ކޮށްދެއްވުން އެދި ރާއްޖޭގެ ހުރިހާ ބްރޯޑްކާސްޓަރުންނަށް އަޅުގަނޑު މިއަދު އިލްތިމާސް ދަންނަވަން. އަޅުގަނޑުމެންގެ މުޖުތަމައު ޖަރީކޮށްދިން ރިވެތި އާދަކާދަތަކާއި ޖާރީވަމުން އައި މުއްސަނދި ސަގާފަތާއި ޖަރީވެފައިވާ އިޖުތިމާއީ ފޭރާން ލޫދިގެން ދާހިނދު، ވީދިގެން ދާހިނދު، ހަމައެކަނި ބަހަކުން ފުއްދަވައި ނުލައްވައި، މިގައުމާއި ރައްޔިތުން، މިދީނާއި ސަގާފަތް، މިއާދަކާދަ އާއި މިވަޠަނުގެ ލޯބި، މިގައުމު އެދިގޮވާ ހިތްތަކުގެ ހަމަޖެހުން ކަށަވަރުކޮށްދެއްވައި، މިހިނދަށް އެންމެ އެދޭ ޚިދުމަތްތައް އަވަސްކޮށްދެއްވުމަށް އިޚުލާސްތެރިކަމާ އެކު އެދި ދަންނަވަން.
“ޝައްކެއްނެތް ގޮތުގައި އިޖުތިމާޢީ ފޭރާމަކީ، މުޖުތަމައުގެ ހަމަތަކުގެ މަތިން ހިތްތަކުގެ ރުހުންމައްޗަށް އުފެދިގެން ފުރިހަމަވަމުން އަންނަ އެއްޗެއް. އެއީ ދުނިޔޭގެ އެއްވެސް ފެކްޓަރީއެއްގައި ވިޔާ އެއްޗެއް ނޫން. އެހެންކަމުން އެއީ އެއްވެސް ބާޒާރަކުން ގަންނަން ލިބޭ އެއްޗެއް ވެސް ނޫން. އެހެންކަމުން މި ބޮޑު ހަގީގަތް ގަބޫލުކުރައްވައި، މިގައުމުގެ އިޖުތިމާއީ ހަމަޖެހުމަށްޓަކައި ބްރޯޑްކާސްޓަރުންގެ ޚިދުމަތްތައް މި މާނައިގެ މައްޗަށް ބައްޓަންކޮށްދެއްވައި މި މަގުސަދު ހާސިލްކޮށް ދެއްވުމަށް ތަކުރާރުކޮށް އެދި ދަންނަވަން.
“ނިންމާލުމުގެ ކުރިން، ރާއްޖޭގެ ބްރޯޑްކާސްޓް ދާއިރާއަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވި އަދި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ފުރަތަމަ ރައީސް އަލްފާޟިލް ބަދުރު ނަސީރަށް ވެސް ދުވަހުގެ ތަހުނިޔާ ދަންނަވަން. އަދި ބަދުރު ނަސީރު ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގެ ތަރައްގީއަށް ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްތަކަށް އިޙްލާސްތެރިކަމާއި ޝުކުރުދަންނަވަން. އަދި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އެންމެހާ މުވައްޒަފުންނަށް ވެސް ދުވަހުގެ ތަޙުނިޔާ ދަންނަވައި އެ ފަރާތްތަކުން ކުރައްވާ ބުރަ މަސައްކަތަށް ޝުކުރު އަދާކުރަން.
“އަޅުގަނޑު އެދެނީ ދިވެހިރާއްޖޭގެ ބްރޯޑްކާސްޓަރުންނަށް އުޖާލާ އަދި ރޯޝަނީ މުސަތަގްބަލެއް.”