ބްރޯޑްކާސްޓް އަދި ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ އިސްލާހުގެ ދެވަނަ ދެލިކޮޕީއަށް ޚިޔާލު ހޯދުމަށް އާއްމުކޮށް ހުޅުވާލައިފި

September 20, 2017

ބްރޯޑްކާސްޓް އަދި ރީބްރޯޑްކާސްޓްކުރުމުގެ ދާއިރާއާ ގުޅޭ ގަވާއިދުތައް އިސްލާހުކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން މިހާތަނަށް އާންމުންގެ ޚިޔާލުހޯދުމަށް ހުޅުވާލާފައިވާ ގަވާއިދުތަކުގެ ދެލިކޮޕީ ފުރިހަމަކުރުމުގެ ގޮތުން އިތުރު އިސްލާހުތައް ގެނެސްފައިވުމާއެކު، ދެވަނަ ދެލިކޮޕީއަށް ބްރޯޑްކާސްޓަރުންނާއި ރިބްރޯޑްކާސްޓަރުންނާ އަދި އާންމުންގެ ފަރާތުން ޚިޔާލު ހޯދުމަށް، އެފުރުސަތު ކޮމިޝަނުން މިއަދު ހުޅުވާލައިފިއެވެ.

ބްރޯޑްކާސްޓްކުރުމުގެ ދާއިރާއާ ގުޅޭ ގަވާއިދުތައް އިސްލާހުކުރުމުގެ މައިގަނޑު މަޤްސަދަކީ، މިހާރު އަމަލު ކުރަމުންގެންދާ ބްރޯޑްކާސްޓްކުރުމުގެ ގަވާއިދު (2012/R-11) އަދި ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު (2012/R-20) އަކީ މީގެ ފަސް އަހަރު ކުރިން ނެރެފައިވާ ގަވާއިދުތަކަކަށްވާތީ މި ގަވާއިދުތައް ތަންފީޒުކުރުމަށް މިހާތަނަށް ދިމާވި ގޮންޖެހުންތަކަށް ހައްލު ހޯދުމާއި، އަދި ޤާނޫނު ނަމްބަރ 2016/15 (އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު) ވުޖޫދަށް އައުމާއި ގުޅިގެން އެ ޤާނޫނުގެ ދަށުން މި ކޮމިޝަނުގެ މައްޗަށް ލާޒިމުކުރާ އެންމެހައި ކަންކަން ގަވާއިދުގައި ހިމެނުމެވެ.

މިކަމާ ގުޅިގެން ކޮމިޝަނުން މިއަދު އާއްމުކޮށްފައިވާ އިޢުލާނުގައި ވަނީ ބްރޯޑްކާސްޓް އަދި ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ އިސްލާހުގެ ދެވަނަ ދެލިކޮޕީއަށް ޚިޔާލު ދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 28 ސެޕްޓެންބަރު 2017 (ބުރާސްފަތި) 10:00ގެ ކުރިން އެ ފަދަ ކޮމެންޓްތައް މި ކޮމިޝަނުގެ އީމެއިލް: strategic@broadcom.org.mv އަށް ފޮނުވުމަށެވެ.

ގަވާއިދު އިސްލާހުކުރުމުގެ މި މަރުހަލާގެ ތެރެއިން އިސްލާހުކޮށްފައިވާ ހިސާބަށް ގަވާއިދުތަކުގެ ފުރަތަމަ ދެލިކޮޕީ ވަނީ އާންމުންގެ ޚިޔާލުހޯދުމަށް މި އަހަރުގެ މާރިޗު މަހުގެ ތެރޭގައިވެސް ޢާއްމުކޮށް ހުޅުވާލާފައެވެ.

 

ގުޅުންހުރި ލިޔުން