ކޮވިޑް-19 ގެ ޙާލަތާ ގުޅިގެން ބްރޯޑްކާސްޓަރުންނަށް ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ކޮމިޝަނުން އެފަރާތްތަކާ މަޝްވަރާކޮށްފި

May 23, 2020

ކޮވިޑް-19 ގެ ޙާލަތާ ގުޅިގެން ބްރޯޑްކާސްޓަރުންނަށް ދިމާވެފައިވާ މާލީ ގޮންޖެހުންތަކާއި ސްޓޭޝަންތައް ހިންގުމަށް ހުރި ދަތިތައް ދެނެގަތުމުގެ ގޮތުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

އޮންލައިން ޕްލެޓްފޯމް “ޒޫމް” މެދުވެރިކޮށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ ވިދާޅުވި ގޮތުގައި، މުޅި ދުނިޔެއަށް ދިމާވެފައިވާ މި ޙާލަތުގައި  ރާއްޖޭގެ މީޑިއާތަކުން މަޢުލޫމާތު ފޯރުކޮށްދިނުމަށް ވަރަށް ރަގަޅު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އަދި ވަރަށް ދަތި ޙާލުގައިވެސް މި ރަމަޟާން މަހުވެސް އާދައިގެ މަތިން ޕްރޮގްރާމްތައް ގެނެސްދިނުމަށް ކޮށްފައިވާ މަސައްކަތްތައް ކޮމިޝަނުން ފާހަގަކުރާ ކަމަށްވެސް ވިދާޅުވިއެވެ.

ކޮމިޝަންގެ ރައީސް އިތުރަށް ފާހަގަކުރެއްވިގޮތުގައި، މި ފަދަ ޙާލަތްތަކުގައި ހުރިހާ ފަރާތްތަކަކަށް ވެސް ދިމާވާނެ އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ މާލީ ދަތިކަން ކަމާއި، އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ބްރޯޑްޑްކާސްޓަރުން އިތުރު މާލީ ބުރަތަކެއް އުފުލަން ޖެހޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށާއި، އެހެން ކަމުން ބްރޯޑްކާސްޓަރުންގެ މިހާރުގެ ޙާލަތު ދެނެގަތުމަށްފަހު، ބްރޯޑްކާސްޓަރުންނަށް ދިމާވެފައިވާ ދަތިތަކަށް ޙައްލު ހޯދައިދިނުމަށް ކަމާ ގުޅޭ އިދާރާތަކާ އެކު މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވީމީޑިއާގެ ފަރާތުން ވާހަކަ ދައްކަވަމުން އެ މީޑިއާގެ އެކްޓިންގ ޗީފް އޮޕަރޭޓިންގ އޮފިސަރ މުޙައްމަދު ޒަހީން، އެ ސްޓޭޝަނަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ތަފްސީލު ދެއްވަމުން ފާހަގަކުރެއްވޮގޮތުގައި، މުޅި ސްޓޭޝަން ހިންގުން ހުއްޓާލަން ޖެހޭފަދަ ޙާލަތެއް މެދުވެރިވެފައިވާ މި ދަނޑިވަޅުގައި، ސްޓޭޝަން މިހާރު ކުރިއަށްގެންދަނީ ބައެއް މުވައްޒަފުންގެ އެދުމުގެ މަތިން އެފަރާތްތަކުގެ މަސައްކަތުންކަން ފާހަގަކުރެއްވިއެވެ. އަދި ލޮކްޑައުން ޙާލަތެއްގައި މަސައްކަތްކުރުމަށް އެއްވެސް ވަރަކަށް ތައްޔާރުވެފައި ނެތުމުގެ ސަބަބުން އެތައް ދަތިތަކެއް ހުރުމާއެކުވެސް، ބައެއް މުވައްޒަފުން ގޭގައި ތިބެ މަސައްކަތްކުރާ ކަމަށްވެސް ވިދާޅުވެ، މި ޙާލަތް ދިގުލައިގެންދާނަމަ، މާލީ ގޮތުން ލިބޭ ގެއްލުމުގެ ސަބަބުން، މިހާރު ތިބި ހީވާގި މަދު މުވައްޒަފުންވެސް ވަކިވެގެން ދިއުމަކީ ވަރަށް ބޮޑު ގެއްލުމަކަށް ވާނޭ ކަމަށްވެސް ވިދާޅުވިއެވެ.

ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޚާލިދު ވިދާޅުވި ގޮތުގައި، ލޮކްޑައުންގެ ޙާލަތު އައުމާ ގުޅިގެން އެ މީޑިއާއިން މަސައްކަތްކުރަމުން ދަނީ ބޭނުންވާ އެންމެ މަދު މުވައްޒަފުން ސްޓޭޝަންގައި ޤާއިމްވެ ތިބެ ކަމަށާއި، އަދި ކޮވިޑް-19ގެ ހާލަތާ ގުޅޭގޮތުން ޕްރެސް ކޮންފަރެންސްތައް ވަގުތުން ދުރަށް ފޮނުވުމަށް މުހިންމު މަސައްކަތްތައް ކުރުމަށް ވަކި ޓީމެއް އޮންނަ ކަމަށް ވިދާޅުވިއެވެ. އިތުރަށް ވާހަކަ ދައްކަވަމުން ޢަލީ ޚާލިދު ފާހަގަކުރެއްވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ކޮވިޑް-19ގެ ޙާލަތުގައި ބޮޑެތި ކުންފުނިތަކުން އިޝްތިހާރު އެއަރ ކުރަން ބޭނުން ނުވުމުން، އިޝްތިހާރު ދައްކައިގެން ލިބެމުން ދިޔަ އާމްދަނީ ހުއްޓިފައިވާ ކަމަށާއި، މިކަމުގެ ސަބަބުން މިއަހަރަށް އަންދާޒާ ކުރިގޮތަށް ބްރޯޑްކާސްޓްކުރަން ގޮންޖެހުންތައް ހުރި ކަމަށެވެ.

ކޮވިޑް-19ގެ ޙާލަތާ ގުޅިގެން އެއްވެސް ފަރާތަކުން މިހާރު އިޝްތިހާރު ދެއްކުމަށް ބޭނުންނުވާ ކަމަށާއި، އެގޮތުން ލިބެމުން އައި އާމްދަނީ ހުއްޓިފައިވާ ކަމަށް ވިދާޅުވެ، ސްޓޭޝަން ހިންގަމުން އަންނަ އިމާރާތަށް ކުލި ދެއްކެން ނެތުމުގެ ސަބަބުން، އިމާރާތުން ނިކުންނަން ޖެހިފައިވާ ކަމަށް އަލްކައުން ޓީވީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ޢަލީ ޒައިދު މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ. މީގެއިތުރުން، އެ ސްޓޭޝަނަށް ލިބެމުންދާ މާލީ އިތުރު ގެއްލުންތަކުގެ ތަފްސީލުވެސް މި ބައްދަލުވުމުގައި ޢަލީ ޒައިދު ދެއްވިއެވެ.

ކޮމިޝަންގެ ނައިބު ރައީސް އަޙްމަދު ގައިސް މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ، ޤާނޫނުން ކޮމިޝަނަށް ލާޒިމްވަނީ ބްރޯޑްކާސްޓްކުރުމުގެ ދާއިރާ ނެގެހެއްޓުން ކަމުގައި ވާތީ، އެކަމުގައި ކޮމިޝަން ދެމި އޮންނާނެ ކަމަށެވެ. އަދި ކޮމިޝަންގެ އަމާޒަކީ ބްރޯޑްކާސްޓަރުންގެ ގޮންޖެހުންތަކާއި ދަތިތައް ދެނެގަނެ، މިކަމާ ބެހޭ ރިޕޯޓެއް އެކުލަވާލުމަށް ފަހު، މި ރިޕޯޓް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ހިއްސާކޮށް، މަޝްވަރާ ކުރުމަށްފަހު ، ބްރޯޑްކާސްޓަރުންނަށް ވީހާވެސް އަވަހަށް ޙައްލު ހޯދައިދިނުން ކަމަށްވެސް ކޮމިޝަންގެ ނައިބު ރައީސް ވިދާޅުވިއެވެ. އަދި ބްރޯޑްކާސްޓަރުންނަށް ސްޕޮންސަރ ލިބުން ދަތިވެފައިވާތީ، ސަރުކާރު ޙިއްސާވާ ކުންފުނިތަކާ މަޝްވަރާކޮށް، އެކަމަށްވެސް ޙައްލު ހޯދުމަށް ވަރަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަންވެސް ކޮމިޝަންގެ ނައިބު ރައީސް ދެއްވިއެވެ.