ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-01/2021)

September 12, 2021

ޝަކުވާ ނަމްބަރު: CAC-01/2021

ޝަކުވާ ހުށަހެޅި ތާރީޙް: 08 ފެބްރުވަރީ 2021

ހުލާސާ: މިއީ، ށ. މާއުނގޫދޫގައި ބަޑީސްނެޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ވީޑިއޯކޮން، އެއަރޓެލް، ޑައިލޮގް އަދި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ޗެނަލްތައް ރިސީވްކޮށް ގަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓްކުރަމުންދާކަމަށާއި، އަދި އިންޓަރނެޓް ޕެކޭޖާއެކު ސްޓްރީމް ސާރވިސް އަކުން ޗެނަލްތައް ރީބްރޯޑްކާސްޓްކުރުމާއި، ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް އާގުޅޭ އުސޫލާ ޚިލާފަށް އިންޓަރނެޓް ވަސީލަތް ބޭނުންކޮށް ޗެނަލްތައް ސްރީމްކޮށް ރީބްރޯޑްކާސްޓް ކުރާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ.

ނިންމި ގޮތް: ބަޑީސްނެޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ށ. މާއުނގޫދޫގައި ވީޑިއޯކޮން، އެއަރޓެލް، ޑައިލޮގް އަދި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ޗެނަލްތައް ރިސީވްކޮށް ގަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓްކުރަމުންދާކަމަށާއި، އަދި އިންޓަރނެޓް ޕެކޭޖާއެކު ސްޓްރީމް ސާރވިސް އަކުން ޗެނަލްތައް ރީބްރޯޑްކާސްޓްކުރުމާއި، ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް އާގުޅޭ އުސޫލާ ޚިލާފަށް އިންޓަރނެޓް ވަސީލަތް ބޭނުންކޮށް ޗެނަލްތައް ސްރީމްކޮށް ރީބްރޯޑްކާސްޓް ކުރާކަމަށް ބުނެ ބަޑީސްނެޓް ޕްރައިވެޓް ލިމިޓެޑްއަށް ރައްދުވާގޮތަށް 08 ފެބްރުވަރީ 2021 ގައި ހުށަހަޅާފައިވާ މި މައްސަލައިގައި،

ވަކިފަރާތަކަށް ބުރަނުވެ މުސްތަޤިއްލު ތަޙްޤީޤެއް މި ކޮމިޝަނުން ކުރުމުގައި، ތަޙްޤީޤު ކުރެވެމުންދާއިރު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އެންމެހާ ޙައްޤުތައް މައްސަލަ ރައްދުވި ފަރާތަށް ލިބިދެވުނުކަން ކަށަވަރުކުރުމުގެ ގޮތުން، މައްސަލަ ރައްދުވާ ބަޑީސް ނެޓް ޕްރައިވެޓް ލިމިޓެޑަށް ޖަވާބުދާރިވުމަށް އެކަށީގެންވާ ފުރުސަތު ދީފައިވީނަމަވެސް، ބަޑީސްނެޓް ޕްރައިވެޓް ލިމިޓެޑް އިން މުއްދަތުގައި މައްސަލައަށް ޖަވާބުދާރީވެފައިނުވާކަމާއި،

މި މައްސަލައާ ގުޅިގެން ޤާނޫނީ ހަމަތަކުގެ މަތިން ތަޙްޤީޤުގެ އެންމެހައި އިޖުރާޢުތައް ފުރިހަމަކޮށް ކޮމިޝަނުގެ ތަޙްޤީޤަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު؛ ބަޑީސް ނެޓް ޕްރައިވެޓް ލިމިޓެޑަކީ “ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް” ކޮމިޝަނުން މިހާތަނަށް ދޫކޮށްފައިވާ ފަރާތެއްނޫންކަމާއި، ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސްއާ ގުޅޭ އުސޫލު 20 އޮކްޓޫބަރު 2020 ގައި ކޮމިޝަނުން ފާސްކޮށް އަމަލުކުރަން ފަށާފައިވާކަމާއި، މި އުސޫލުގައި ރީބްރޯޑްކާސްޓް ކުރުމުގެ ޚިދުމަތް ދިނުމަށް ބޭނުންކުރާ ވަސީލަތްތަކުގެ ތެރޭގައި އިންޓަރނެޓް އަދި އެހެނިހެން (ކޮމިޝަނުން ފާސްކޮށްފައިވާ) ހިމަނާފައިވާކަމާއި، އިންޓަރނެޓާ އެކު ސްޓްރީމް ސާވިސް އަކުން ފެންނަން ހުންނަ ސްޓްރީމިން ޗެނަލްތަކެއް ހިމަނައިގެން ޚިދުމަތްދެމުންދާނަމަ، އެ ޚިދުމަތަކީ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތެއްކަމަށް ބެލެވޭތީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ކަމާގުޅޭ ގަވާއިދުތަކާއި އުސޫލުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ލައިސަންސް ލިބިގެން ނޫނީ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ފޯރުކޮށް ނުދިނުމަށާއި، އިންޓަރނެޓް ސްޓްރީމިންގ ޒަރީއާއިން ޚިދުމަތް ދެމުންގެންދާނަމަ، އެ ޚިދުމަތް ވަގުތުން ހުއްޓާލުމަށާއި، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ކަމާގުޅޭ ގަވާއިދުތަކާއި އުސޫލުތަކުގައި ބަޔާންކޮށްފައިވާ އިމުގެތެރެއިން ޚިދުމަތް ދިނުމަށް، ބަޑީސްނެޓް ޕްރައިވެޓް ލިމިޓެޑްއަށް ރައްދުވާގޮތަށް ކޮމިޝަނަށް ހުށަހަޅައި،

ކޮމިޝަނުން ބަލައި ނިންމާފައިވާ ކޮމިޝަންގެ ނަންބަރު  CAC-12/2020 އަދި CAC-15/2020 މައްސަލައިގެ ނިންމުމުގައި ބަޑީސްނެޓް ޕްރައިވެޓް ލިމިޓެޑްގައި ދަންނަވާފައި އޮތްކަމާއި،

ބަޑީސްނެޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ށ. މާއުނގޫދޫގައި ދޭ އިންޓަރނެޓް ޚިދުމަތާއެކު ޓީވީ ޗެނަލްތައް ދޫކުރަމުން ދާކަމަށާއި، ބަޑީސްނެޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ށ. މާއުނގޫދޫގައި ޚިދުމަތް ދޭންފަށާފައިވަނީ 01 ޑިސެންބަރު 2020 ގައި ކަމާއި، އިންޓަރނެޓް ޚިދުމަތާއެކު 80 ޗެނަލް ދޫކޮށްފައި ހުންނަކަން މިލަދުންމަޑުލުއުތުރުބުރީ މާއުނގޫދޫ ކައުންސިލްގެ އިދާރާއިން ބެލިބެލުމުން ފާހަގަކުރެވޭކަމަށް ކޮމިޝަނަށް މައުލޫމާތު ދީފައިވާތީ،

ބަޑީސްނެޓް ޕްރައިވެޓް ލިމިޓެޑްއިން، ގަވާއިދު ނަންބަރު 2019/R-179 (ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު) ގެ 5 ވަނަ މާއްދާގެ (ހ) އާ ޚިލާފްވެފައިވާކަމަށް ކަނޑައަޅައި، ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސްނެތި 01 ޑިސެންބަރު 2020 އިން ފެށިގެން ބަޑީސްނެޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ށ. މާއުގޫދޫގައި ޚިދުމަތްދެމުންދާތީ، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 5 ވަނަ މާއްދާގެ (ބ) ގައި ވާގޮތުގެ މަތީން ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ނެތި ޚިދުމަތް ދީފައިވާ ދުވާލަކަށް -/2000 ރުފިޔާގެ މަގުން 274 (ދުއިސައްތަ ހަތްދިހަ ހަތަރެއް) ދުވަހަށް ވާ، އެކުޖުމުލަ -/548000ރ  (ފަސްލައްކަ ސާޅީސް އަށްހާސް) ރުފިޔާ އިން ބަޑީސް ނެޓް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކުރުމަށާއި، މި އަދުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މި ފައިސާ ކޮމިޝަނަށް ދެއްކުމަށާއި، ބަޑީސް ނެޓް ޕްރައިވެޓް ލިމިޓެޑުން ށ. މާއުނގޫދޫގައި އިންޓަރނެޓް ސްޓްރީމިންގ ޒަރީއާއިން 80 ޗެނަލް ހިމެނޭގޮތުން ދޫކުރަމުންދާ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ވަގުތުން ހުއްޓާލުމަށާއި، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ކަމާގުޅޭ ގަވާއިދުތަކާއި އުސޫލުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިގެން ނޫނީ ޚިދުމަތް ކުރިއަށް ނުގެންދިއުމަށް ބަޑީސްނެޓް ޕްރައިވެޓް ލިމިޓެޑަށް އެންގުމަށް މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން މައްސަލަ ނިންމީއެވެ.

31  އޮގަސްޓް 2021