ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-02/2020)

April 10, 2021

ޝަކުވާ ނަމްބަރު: CAC-02/2020

ޝަކުވާ ހުށަހެޅި ތާރީޙް: 20 ޖަނަވަރީ 2020

ހުލާސާ: މިއީ، މިލަންދޫ ފޮޓޯ އިން ށ.މިލަންދޫގައި ލައިސަންސް ނެތި ވީޑިއޯކޯން، އެއަރޓެލް އަދި އެހެނިހެން ގޮތްގޮތުން ޗެނަލްތައް ރިސީވްކޮށް އަދި ޑިޖިޓަލް ހެޑްއެންޑް މެދުވެރިކޮށް ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ގަވާއިދާ ޚިލާފަށް ދެމުންދާ ކަމަށް ބުނެ، ޝަކުވާ ހުށަހަޅައިފައިވާތީ، ކޮމިޝަނުން ބަލާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: ޤާނޫނީ ހަމަތަކުގެ މަތިން ތަޙްޤީޤުގެ އެންމެހައި އިޖުރާޢުތައް ފުރިހަމަކޮށް ކޮމިޝަނަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ށ.މިލަންދޫގައި ވީޑިއޯކޮން،އެއަރޓެލް އަދި އެހެނިހެން ގޮތްގޮތުން ޗެނަލް ރިސީވްކޮށް އަދި ޑިޖިޓަލް ހެޑް އެންޑް މެދުވެރިކޮށް މިލަންދޫ ފޮޓޯއިން ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ޤަވާއިދާ ޚިލާފަށް ދެމުންދާކަމަށް ބުނެ ހުށަހެޅުނު ކޮމިޝަނުގެ ނަންބަރު CAC-02/2020 މައްސަލައިގައި ވަކިފަރާތަކަށް ބުރަނުވެ މުސްތަޤިއްލު ތަޙްޤީޤެއް މި ކޮމިޝަނުން ކުރުމުގައި ތަޙްޤީޤު ކުރެވެމުންދާއިރު،

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އެންމެހާ ޙައްޤުތައް މައްސަލަ ރައްދުވި ފަރާތަށް ލިބިދެވުނުކަން ކަށަވަރުކުރުމުގެ ގޮތުން، މައްސަލަ ރައްދުވާ މިލަންދޫ ފޮޓޯ އަށް ޖަވާބުދާރިވުމަށް އެކަށީގެންވާ ފުރުސަތު ދީފައިވާކަމާއި؛

މި ގޮތުން، މައްސަލައަށް ޖަވާބުދާރީވެ މިލަންދޫ ފޮޓޯއިން 26 ޖަނަވަރީ 2021 ގައި ފޮނުވާފައިވާ ސިޓީއާ ލިޔެކިއުންތަކުން، މިލަންދޫ ފޮޓޯގެ ފަރާތުން ށ. މިލަންދޫގައި ޚިދުމަތް ދެމުންދަނީ މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑްގެ ސާރވިސް ޕްރޮވައިޑަރެއްގެ ގޮތުގައިކަމަށް ބަޔާންކޮށް މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑް އަދި މިލަންދޫ ފޮޓޯ ޕްރައިވެޓް ލިމިޓެޑް އާދެމެދު ވެފައިވާ ޕާޓްނަރޝިޕް ލައިސަންސް އެއްބަސްވުމެއް ހުށަހަޅާފައިވާތީއާ، މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާގެ ނަންބަރު: 227/PR/427/2020/1 (17 ޑިސެމްބަރ 2020) ސިޓީއާއެކު ހުށަހެޅި ލިޔެކިއުންތަކުން، މިލަންދޫ ފޮޓޯއިން ށ. މިލަންދޫގައި ޚިދުމަތްދެނީ މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑްގެ ބިޒްނަސް ޕާޓްނަރެއްގެ ގޮތުގައި ކަމާއި، އެއަރޓެލް، ޑިޝްޓީވީ، ވީޑިއޯކޮން އަދި ޑައިލޮގް މެދުވެރިކޮށް ޚިދުމަތް ދެމުން ނުގެންދާކަން އެންގެން އޮތަތީ، ށ. މިލަންދޫގައި ވީޑިއޯކޮން، އެއަރޓެލް އަދި އެހެނިހެން ގޮތްގޮތުން ޗެނަލްތައް ރިސީވްކޮށް ގަވާއިދާ ޚިލާފަށް މިލަންދޫ ޕޮޓޯއިން ޚިދުމަތްދެމުންދާ ކަމަށް ބެލެވޭނެ ޖާގާއެއް ނެތްކަމަށް މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން މައްސަލަ ނިންމީއެވެ.

23 ފެބްރުވަރީ 2021