ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-02/2024)

October 6, 2024

ޝަކުވާ ނަމްބަރު: CAC-02/2024

ޝަކުވާ ހުށަހެޅި ތާރީޙް: 30 މޭ 2024

ހުލާސާ: މިއީ، ފ. ނިލަންދޫ އާކާޝް، ޢަބްދުލްކަރީމް މުހައްމަދު، ޤަވާޢިދާ ޙިލާފަށް، IPTV  ބޭނުންކޮށްގެން ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސްނެތި، ފ. ނިލަންދޫގެ ބައެއް ގެތަކަށާއި ތަންތަނަށް ރީބްރޯޑްކާސްޓްކުރުމުގެ ޙިދުމަތް ދެމުންގެންދާކަމަށް ބުނެ، ހުށަހަޅައިފައިވާތީ ބަލާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސްނެތި،IPTV  ބޭނުންކޮށްގެން ޤަވާޢިދާ ޙިލާފަށް ފ. ނިލަންދޫގެ ބައެއް ގެތަކަށް، ޢަބްދުލްކަރީމް މުޙައްމަދު އާކާޝް، ފ. ނިލަންދޫ، ރީބްރޯޑްކާސްޓްކުރުމުގެ ޙިދުމަތް ދެމުންގެންދާކަމަށް ބުނެ، ހުށަހަޅައިފައިވާތީ ބަލައިފައިވާ ކޮމިޝަންގެ ނަންބަރު CAC-02/2024 މައްސަލައިގައި، ވަކިފަރާތަކަށް ބުރަނުވެ މުސްތަޤިއްލު ތަޙްޤީގެއް ކުރުމުގެގޮތުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އެންމެހާ ޙައްޤުތައް މައްސަލަ ރައްދުވި ފަރާތަށް ލިބިދެވުނުކަން ކަށަވަރުކުރުމުގެ ގޮތުން، މައްސަލަ ރައްދުވާ ފަރާތަށް ޖަވާބުދާރިވުމަށް ދިން ފުރުޞަތުގައި IPTV ބޭނުން ކޮށްގެން ރީބްރޯޑްކާސްޓް ކުރުމުގެ ޙިދުމަތެއް މިހާތަނަށް އެއްވެސް ފަރާތަކަށް ދީފައި ނުވާނޭ ކަމަށް ޝަކުވާ ރައްދުވާ ފަރާތުން ކޮމިޝަނަށް މައުލޫމާތުދީފައި ވީނަމަވެސް،

މި މައްސަލައާ ގުޅިގެން ޤާނޫނީ ހަމަތަކުގެ މަތިން ތަޙުގީޤުގެ އެންމެހައި އިޖުރާޢަތުތައް ފުރިހަމަކޮށް ކޮމިޝަނުގެ ތަޙުޤީގަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު؛

ފ. ނިލަންދޫ އާކާޝް، ޢަބްދުލްކަރީމް މުޙައްމަދު އަށް ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދިނުމަށް ކޮމިޝަނުން ލައިސަންސް ދޫކޮށްފައިނުވާކަމާއި،

ޝަކުވާ ރައްދުވާ ފަރާތުން ފ. ނިލަންދޫގެ ބައެއް ގެތަކަށް، IPTV  ބޭނުންކޮށްގެން ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދޭތޯ ބެލުމަށް ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލުން ލިޔެ އެ އިދާރާއިން ފޯރުކޮށްދީފައިވާ މަޢުލޫމާތާއި، އެ ކައުންސިލުން ހުށަހެޅި ބަޔާންތަކުގައި ހިމެނޭ މައުލޫމާތު އަދި ޝަކުވާ ހުށަހެޅި ފަރާތާއި މައްސަލައިގެ ތަޙުޤީޤަށް ހެކީންގެ ގޮތުގައި ހުށަހަޅާފައިވާ ފަރާތްތަކުން ފޯރުކޮށްދީފައިވާ މައުލޫމާތުގައި، ޝަކުވާ ރައްދުވާ ފަރާތުން ފ. ނިލަންދޫގައި ފޯރުކޮށްދޭ ޚިދުމަތުގައި 79 ޗެނަލެއް ބޭނުންކޮށްގެން އެރަށުގެ ބައެއް ގެތަކަށާއި ތަންތަނަށް ޚިދުމަތް ފޯރުކޮށްދޭ ކަމަށް ހެކިދޭތީއާއި،

ޤާނޫނު ނަންބަރު 2010/16 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު)ގެ 48 ވަނަ މާއްދާގައި ރީބްރޯޑްކާސްޓްކުރުމަކީ ރާއްޖޭގައި ގާއިމުކޮށްފައިވާ މަރުކަޒަކުން އެހެން ބައެއްގެ ކޮންޓެންޓެއް އެއްވެސް އުނިއިތުރެއް ނުގެނެސް އަލުން ބްރޯޑްކާސްޓްކުރުމަށް ކަމަށް ބަޔާންކޮށްފައި ވީހިނދު، ފ. ނިލަންދޫ އާކާޝް، ޢަބްދުލްކަރީމް މުހައްމަދު ފ. ނިލަންދޫގެ ބައެއް ގެތަކަށާއި ތަންތަނަށް IPTV މެދުވެރިކޮށް ދޭ ޚިދުމަތުގައި 79 ޗެނެލެއް ހިމަނައިގެން ދޭ ޚިދުމަތަކީ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތްކަން  އެނގެންއޮތަތީ،

ފ. ނިލަންދޫ އާކާޝް، ޢަބްދުލްކަރީމް މުޙައްމަދު، ޤާނޫނު ނަންބަރު 2010/16 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) އާ ގަވާއިދު ނަންބަރު 2022/R-1 (ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދު) އާ ޚިލާފްއަށް ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދީފައިވާކަމަށް ކަނޑައަޅައި،

ފ. ނިލަންދޫ އާކާޝް، ޢަބްދުލްކަރީމް މުޙައްމަދު، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދާއި ޚިލާފަށް ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތްދީގެން ކޮމިޝަނުން ފިޔަވަޅުއަޅާ ފުރަތަމަ ފަހަރުކަމުގައިވާތީ، 30 މޭ 2024 ވަނަ ދުވަހުން ފެށިގެން 29 އޮގަސްޓް 2024 ވަނަ ދުވަހާއި ދެމެދު ފާއިތުވެފައިވާ 90 (ނުވަދިހަ)  ދުވަހަށް -/500 (ފައްސަތޭކަ) ރުފިޔާގެ މަގުން، އެކު ޖުމުލަ -/45000ރ (ސާޅީސް ފަސްހާސް) ރުފިޔާ އިން ފ. ނިލަންދޫ އާކާޝް، ޢަބްދުލްކަރީމް މުޙައްމަދު، ޖޫރިމަނާކުރުމަށް ނިންމައި،

 ޖޫރިމަނާ ފައިސާ ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މި ކޮމިޝަނަށް ދެއްކުމަށާއި،

ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ކުރިއަށްގެންދަން ބޭނުންނަމަ ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ކަމާގުޅޭ ޤަވާއިދުތަކާއި އުޞޫލުތަކުގައި ބަޔާންކޮށްފައިވާގޮތަށް ލައިސަސް ނެގުމަށާއި، ޤަވާއިދާ ޚިލާފަށް ފ. ނިލަންދޫ އާކާޝް، ޢަބްދުލްކަރީމް މުޙައްމަދު، ފ. ނިލަންދޫގައި IPTV މެދުވެރިކޮށް ދެމުންގެންދާ ޚިދުމަތް ވަގުތުން ހުއްޓާލުމަށް އެންގުމަށް މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން މައްސަލަ ނިންމީއެވެ.

01 އޮކްޓޫބަރު 2024