August 24, 2021
ޝަކުވާ ހުށަހެޅި ތާރީޙް: 25 ފެބްރުވަރީ 2021
ހުލާސާ: މިއީ، 18 ފެބްރުވަރީ 2021 ވަނަ ދުވަހު ޗެނަލް 13 އިން ގެނެސްދިން “ހަޖަމް” ޕްރޮގްރާމްގެ 01:32 މިނެޓުން 01:34 މިނެޓަށް، ދިވެހިރާއްޖޭގެ ޢަދުލު އިންސާފާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ސުވާލު އުފެދި ޝަރުޢީ ދާއިރާއާމެދު ރައްޔިތުންގެ އިތުބާރު ގެއްލޭ އަދި ޙަޤީޤަތާ ޚިލާފް ވާހަކަތަކެއް ވަރަށް ފާޅުކަންބޮޑު ގޮތެއްގައި ގެނެސްދީފައިވާ ކަމަށް ބުނެ މި މައްސަލަ ތަޙްޤީގުކޮށްދެއްވައި، މި މައްސަލައާ ގުޅިގެން ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާމެދު ފިޔަވަޅުއަޅުއްވައި ދެއްވުން އެދި ހުށަހަޅާފައިވާ މައްސަލައެކެވެ.
ނިންމި ގޮތް: ކޮމިޝަނުން ބަލާފައިވާ ނަންބަރު CAC-03/2021 މައްސަލައިގައި، ވަކިފަރާތަކަށް ބުރަނުވެ މުސްތަޤިއްލު ތަޙްޤީޤެއް ކޮމިޝަނުން ކުރުމުގައި ތަޙްޤީޤު ކުރެވެމުންދާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އެންމެހާ ޙައްޤުތައް މައްސަލަ ރައްދުވި ފަރާތަށް ލިބިދެވުނުކަން ކަށަވަރުކުރުމުގެ ގޮތުން، މައްސަލަ ރައްދުވާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް ޖަވާބުދާރިވުމަށް ފުރުސަތު ދީފައިވީނަމަވެސް، އެފަރާތުން މައްސަލައަށް ޖަވާބުދާރީވެފައިނުވާކަމާއި؛
މި މައްސަލައާ ގުޅިގެން ޤާނޫނީ ހަމަތަކުގެ މަތިން ތަޙްޤީޤުގެ އެންމެހައި އިޖުރާޢުތައް ފުރިހަމަކޮށް ކޮމިޝަނުގެ ތަޙްޤީޤަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު؛
ޗެނަލް 13 އިން 18 ފެބްރުވަރީ 2021 ގައި ބްރޯޑްކާސްޓްކޮށްފައިވާ “ހަޖަމް” ޕްރޮގްރާމްގެ މައްސަލައާ ގުޅޭ ކޮންޓެންޓް، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ފަސްވަނަ ހަމައިގެ (1) ” ޚަބަރާ ކަރަންޓް އެފެއާޒް ގެނެސްދިނުމުގައި، ވަކި ފަރާތަކަށް ބުރަވުމެއްނެތި، ހަމަހަމަކަމާއެކު ގެނެސްދިނުމަށް އިސްކަންދީ ތެދު މަޢުލޫމާތު ފެތުރުމަށް މަސައްކަތްކުރުން” އަދި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ފަސްވަނަ ހަމައިގެ (4) “ކަމެއް ހިނގިގޮތް ސާބިތު ނުވާ ހާލަތެއްގައި، އެކަމެއް ހިނގިކަމަށް ލިބޭ މަޢުލޫމާތު ހާމަކުރާއިރު މުޢުތަބަރުކަމަށް ޔަޤީންކުރެވޭ މަސްދަރެއްގެ މައްޗަށް ބިނާކޮށް އެކަމެއް ގެނެސްދިނުން” އާ ޚިލާފުވާކަމަށް ކޮމިޝަންގެ ތަޙުޤީޤަށް ސާބިތުވާކަމަށް ކަނޑައަޅައި،
ކޯޑް އޮފް ޕްރެކްޓިސްގެ ހަމަތަކާ އެއްގޮތްވާގޮތުގެ މަތިން ޗެނަލް 13ގެ ޕްރޮގްރާމްތައް ކުރިމަގުގައި ބައްޓަންކުރުމަށާއި، ބްރޯޑްކާސްޓްކުރުމުގައި އިތުރަށް ސަމާލުވުމަށާއި، ކޮމިޝަނުން އަންގާ އެންގުތަކަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށް، ޤާނޫނު ނަމްބަރު 2010/16 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ 44 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް ނަސޭހަތްތެރިވުމަށާއި،
ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ 5 ވަނަ ހަމައިގެ (1)، އަދި 5 ވަނަ ހަމައިގެ (4)، އާ ޚިލާފް ކޮންޓެންޓް، ޗެނަލް 13ގެ 18 ފެބްރުވަރީ 2021 ގެ “ހަޖަމް” ޕްރޮގްރާމްގައި ބްރޯޑްކާސްޓްކޮށްފައިވާތީ، ޤާނޫނު ނަމްބަރު 2010/16 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ 44 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގެ ދަށުން މަޢާފަށް އެދި ބަޔާނެއް ނެރުމަށާއި، އެއްވެސް ޝަރުތެއް ނެތި މި ބަޔާން 23 އޮގަސްޓް 2021 ވާ ހޯމަ ދުވަހުގެ ކުރިން، އެއް ރޭ 08:00 އާއި 09:00 އާ ދެމެދުގެ ވަގުތެއްގައި ޗެނަލް 13 އިން ޢާންމުކޮށް ބްރޯޑްކާސްޓްކުރުމަށް މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް އެންގުމަށް މި މައްސަލަ ބެލި ކޮމިޝަނުގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ނިންމީއެވެ.
10 އޮގަސްޓް 2021