October 28, 2018
ޝަކުވާ ހުށަހެޅި ތާރީޙް: 13 އޮގަސްޓް 2018
ހުލާސާ: މިއީ، ހދ. ނޮޅިވަރަންފަރުގައި އެޗްޑީ ކޭބަލް ޓިވީ ޕްރައިވެޓް ލިމިޓެޑުން އެއަރޓެލް ޗެނަލްތައް އާންމުންނަށް ދޫކުރާކަމަށާއި، ހުއްދަނެތްކަމަށް ފާހަގަކުރެވޭ ޗެނަލްތައް ދޫކުރާކަމަށާއި، ޗެނަލްތައް ދުވަސް ދުވަހުން ބަދަލުކުރާކަމަށް ބުނެ، ހުށަހަޅައިފައިވާ މައްސަލައެކެވެ.
ނިންމި ގޮތް:
ހދ. ނޮޅިވަރަންފަރުގައި އެޗްޑީ ކޭބަލް ޓިވީ ޕްރައިވެޓް ލިމިޓެޑުން އެއަރޓެލް ޗެނަލްތައް އާންމުންނަށް ދޫކުރާކަމަށާއި، ހުއްދަނެތްކަމަށް ފާހަގަކުރެވޭ ޗެނަލްތައް ދޫކުރާކަމަށާއި، ޗެނަލްތައް ދުވަސް ދުވަހުން ބަދަލުކުރާކަމަށް ބުނެ، ހުށަހަޅައިފައިވާ މި މައްސަލައާ ގުޅިގެން، ވަކިފަރާތަކަށް ބުރަނުވެ މުސްތަޤިއްލު ތަޙްޤީޤެއް މި ކޮމިޝަނުން ކުރުމުގައި ތަޙްޤީޤު ކުރެވެމުންދާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އެންމެހާ ޙައްޤުތައް މައްސަލަ ރައްދުވި ފަރާތަށް ލިބިދެވުނުކަން ކަށަވަރުކުރުމުގެ ގޮތުން، މައްސަލަ ރައްދުވާ އެޗް.ޑީ ކޭބަލް ޓިވީ ޕްރައިވެޓް ލިމިޓެޑަށް ޖަވާބުދާރިވުމަށް އެކަށީގެންވާ ފުރުސަތުތަކެއް ދީފައިވީނަމަވެސް؛
މައްސަލައަށް ޖަވާބުދާރީވުމަށް ދީފައިވާ މުއްދަތު، 16 ސެޕްޓެންބަރު 2018 ގެ ނިޔަލަށް ހަމަވެފައިވީ ނަމަވެސް، މި މުއްދަތުގެ ތެރޭގައި އެޗްޑީ ކޭބަލް ޓީވީ ޕްރައިވެޓް ލިމިޓެޑުން މައްސަލައަށް ޖަވާބުދާރީވެފައިނުވާތީ އާއި، ޖަވާބުދާރީވުމަށް އިތުރު ފުރުސަތަކަށް ލިޔުމުން އެދިފައިނުވާތީ؛
ޤާނޫނީ ހަމަތަކުގެ މަތިން ތަޙްޤީޤުގެ އެންމެހައި އިޖުރާޢުތައް ފުރިހަމަކޮށް ކޮމިޝަނަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު؛
އެޗްޑީ ކޭބަލް ޓީވީ ޕްރައިވެޓް ލިމިޓެޑަކީ ހދ. ނޮޅިވަރަންފަރުގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދިނުމަށް ކޮމިޝަނުން
15 މާރިޗް 2015 ގައި ލައިސަންސް ދޫކޮށްފައިވާ ފަރާތެއްކަމާއި ކޮމިޝަނުން 28 މެއި 2018 ގައި 43 (ސާޅީސް ތިނެއް) ޗެނަލެއް މައްޗަށް ހިމެނޭ ޕެކޭޖެއް ފާސްކޮށްދީފައިވާކަމާއި، މި ތާރީޚުގައި ނުވަތަ މި ތާރީޚުގެ ފަހުން ވެސް ޑީކޯޑަރު އަގު ފާސްކުރުމަށް ހުށަހަޅައިފައިނުވާކަމާއި؛
އެޗް.ޑީ ކޭބަލްޓީވީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހދ. ނޮޅިވަރަންފަރުގައި 13 އޮގަސްޓު 2018 އިން ފެށިގެން ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ކުރިޔަށްގެންދާކަމަށާއި، ޚިދުމަތުގައި 22 (ބާވީސް) ޗެނަލެއް ހިމަނާފައިވާކަމަށާއި، ވަކި ޕެކޭޖްތަކެއް ހަދައިގެން ޚިދުމަތް ދެމުން ނުދާކަމަށާއި، ޚިދުމަތް ދެމުންދަނީ މަހު ފީ އެއްގެ ގޮތުގައި 150ރ (އެއް ސަތޭކަ ފަންސާސް ރުފިޔާ) އަށް ކަމަށާއި، ޑީކޯޑަރު ވިއްކަމުން ނުދާކަމަށާއި، ނަމަވެސް، އެއަރޓެލް މެދުވެރިކޮށް ޚިދުމަތް ދެމުންދާކަން ފާހަގަކުރެވޭ ކަމަށް، ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާއިން މައުލޫމާތު ދީފައިވާތީ؛
އެޗް.ޑީ ކޭބަލް ޓީވީ ޕްރައިވެޓް ލިމިޓެޑުން ހދ. ނޮޅިވަރަންފަރުގައި ދެމުންދާ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ނެތް 17 (ސަތާރަ) ޗެނަލެއް ހިމަނާފައިވާކަމަށް ކޮމިޝަންގެ ތަޙުޤީޤަށް ސާބިތުވާތީ، އެޗް.ޑީ ކޭބަލް ޓީވީ ޕްރައިވެޓް ލިމިޓެޑުން ޤާނޫނު ނަންބަރު 16/2010 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ށ) އަދި ގަވާއިދު ނަންބަރު R-20/2012 (ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު) ގެ 18 ވަނަ މާއްދާއާ ޚިލާފްވެފައިވާ ކަމަށް ކަނޑައަޅައި، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތަށް ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ނުހޯދައި ދައްކާފައިވާ ކޮންމެ ޗެނަލަކަށް 2,000ރ (ދެ ހާސް ރުފިޔާ) މަގުން 17 (ސަތާރަ) ޗެނަލަށް ޖުމްލަ 34,000ރ (ތިރީސް ހަތަރު ހާސް ރުފިޔާ) އިން އެޗް.ޑީ ކޭބަލް ޓީވީ ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކުރުމަށާއި؛
އެޗް.ޑީ ކޭބަލް ޓީވީ ޕްރައިވެޓް ލިމިޓެޑުން ކޮމިޝަނަށް އެންގުމަކާއި ނުލައި އަސާސީ ޕެކޭޖަށް އުނިއިތުރު ގެނެސްފައިވާކަން ކޮމިޝަނުގެ ތަޙުޤީޤަށް ސާބިތުވާތީ، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 31 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 31 ވަނަ މާއްދާގެ (ނ) އާ އެޗް.ޑީ ކޭބަލް ޓީވީ ޕްރައިވެޓް ލިމިޓެޑް ޚިލާފުވެފައިވާކަމަށް ކަނޑައަޅައި، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 8 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޮމިޝަނަށް އެންގުމަކާ ނުލައި އަސާސީ ޕެކޭޖަށް ބަދަލުގެނެސްފައިވާތީ 2,000ރ (ދެ ހާސް ރުފިޔާ) އިން އެޗް.ޑީ ކޭބަލް ޓީވީ ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކުރުމަށާއި؛
ތިރީގައި ހިމަނާފައިވާ ލިސްޓްގައިވާ ގޮތަށް ޖޫރިމަނާ ފައިސާއަށްވާ އެކުޖުމުލަ 36,000ރ (ތިރީސް ހަ ހާސް ރުފިޔާ)، މިއަދުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މި ކޮމިޝަނަށް ދެއްކުމަށާއި، މިއީ މިގޮތުން އެޗް.ޑީ ކޭބަލް ޓީވީ ޖޫރިމަނާ ކުރެވޭ ދެވަނަ ފަހަރުކަމަށްވާތީ، ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ނުހޯދައި ދައްކަމުންދާ ޗެނަލްތައް ވަގުތުން ހުއްޓާލުމަށާއި، ޗެނަލްތަކުގެ ލިސްޓަށް އުނިއިތުރެއް ގެންނަނަމަ އެކަން ކޮމިޝަނަށް ހުށަހެޅުމަށާއި ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދާ އެއްގޮތަށް ޢަމަލުކުރުމަށް އެޗް.ޑީ ކޭބަލް ޓީވީ ޕްރައިވެޓް ލިމިޓެޑަށް ތަކުރާރުކޮށް އެންގުމަށް، މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ނިންމީއެވެ.
# | ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ނެތި ދައްކާފައިވާ ޗެނަލްގެ ނަން | މާއްދާ | ޖޫރިމަނާގެ ޢަދަދު |
1 | ޔެސް ޓީވީ | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
2 | މުންނާރު ޓީވީ | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
3 | ސައުދީ ޤުރުއާން | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
4 | ސުންނަތް ނަބަވީ | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
5 | ޕީސް ޓީ.ވީ | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
6 | ޖަޒީރާ | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
7 | ސްޓާރ ޕްލަސް | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
8 | ޒީ ޓީ.ވީ | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
9 | ކަލާސް | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
10 | ސޮނީ | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
11 | ސޮނީ މިކްސް | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
12 | ސްޓާރ ގޯލްޑް | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
13 | އެޗް.ބީ.އޯ | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
14 | ސްޓާރ މޫވީސް | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
15 | ނިކް އެޗް.ޑީ | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
16 | ސޮނީ ޕިކްސް | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
17 | ކާރޓޫން ނެޓްވޯކް | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
ކޮމިޝަނަށް އެންގުމަކާ ނުލައި އަސާސީ ޕެކޭޖަށް ބަދަލު ގެނެސްފައިވުމުން | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 8 | 2,000ރ (ދެ ހާސް ރުފިޔާ) |
ޖުމްލަ | 36,000ރ (ތިރީސް ހަ ހާސް ރުފިޔާ) |
__________________
22 އޮކްޓޫބަރު 2018