November 5, 2020
ޝަކުވާ ހުށަހެޅި ތާރީޙް: 25 ފެބްރުވަރީ 2020
ހުލާސާ: މިއީ، އެއަރޓެލް، ވީޑިއޯކޮން، ޑައިލޮގް އަދި އެހެނިހެން ވަސީލަތް މެދުވެރިކޮށް ޗެނަލްތައް ރިސީވްކޮށް ގަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ލަސްޓްރަމް ޕްރައިވެޓް ލިމިޓެޑުން ށ. މާއުނގޫދޫގައި ދޭކަމަށް ބުނެ ހުށަހަޅާފައިވާ ޝަކުވާއަކާ ގުޅިގެން، ކޮމިޝަނުން ބަލާފައިވާ މައްސަލައެކެވެ.
ނިންމި ގޮތް: އެއަރޓެލް، ވީޑިއޯކޮން، ޑައިލޮގް އަދި އެހެނިހެން ވަސީލަތް މެދުވެރިކޮށް ޗެނަލްތައް ރިސީވްކޮށް ގަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ލަސްޓްރަމް ޕްރައިވެޓް ލިމިޓެޑުން ށ. މާއުނގޫދޫގައި ދޭކަމަށް ބުނެފައިވާތީ، ކޮމިޝަނުން ބަލާފައިވާ މި މައްސަލައިގައި، ވަކިފަރާތަކަށް ބުރަނުވެ މުސްތަޤިއްލު ތަޙްޤީޤެއް މި ކޮމިޝަނުން ކުރުމުގައި ތަޙްޤީޤު ކުރެވެމުންދާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އެންމެހާ ޙައްޤުތައް މައްސަލަ ރައްދުވި ފަރާތަށް ލިބިދެވުނުކަން ކަށަވަރުކުރުމުގެ ގޮތުން، މައްސަލަ ރައްދުވާ ލަސްޓްރަމް ޕްރައިވެޓް ލިމިޓެޑަށް ޖަވާބުދާރިވުމަށް ފުރުސަތު ދީފައިވާކަމާއި؛
ލަސްޓްރަމް ޕްރައިވެޓް ލިމިޓެޑްއަކީ، ށ. މާއުނގޫދޫގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދިނުމަށް ކޮމިޝަނުގެ ނަންބަރު
427-LCM/RB/2012/5 (08 ޖުލައި 2012) ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ކޮމިޝަނުން ދޫކޮށްފައިވާ ފަރާތެއްކަމާއި، ކޮމިޝަނުން ފާސްކޮށްދީފައިވަނީ 12 ޗެނަލް ( ޓީވީއެމް، މުންނާރު، ޔެސް، ޗެނަލް 13، ވީޓީވީ، ރާއްޖެޓީވީ، ޗެނަލް ނިއުސް އޭޝިއާ، ސޮނީ އެންޓަރޓެއިންމަންޓް، ނިކް އެޗްޑީ، ސޮނީ ޓެން 1، ސޮނީ އީއެސްޕީއެން، ބީބީސީ އާރތް) ހިމެނޭ ބޭސިކް ޕެކޭޖްކަމާއި؛
މައްސަލައަށް ޖަވާބުދާރީވެ ލަސްޓްރަމް ޕްރައިވެޓް ލިމިޓެޑުން ފޮނުވި ސިޓީގައި، އެ ފަރާތުން ށ.މާއުނގޫދޫގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދެމުން ގެންދާކަމާއި ޚިދުމަތުގައި ހިމެނިފައިވަނީ އެއް ޕެކޭޖުކަމާއި އެ ޕެކޭޖްގައި ހިމެނިފައިވަނީ ޕީއެސްއެމްގެ ޗެނަލްތައް ކަމުގައިވާ ޓީވީއެމް، ޔެސް ޓީވީ، މުންނާރު އަދި ޕީއެސްއެމް ނިއުސްކަމަށް ބަޔާންކޮށްފައިވާކަމާއި؛
ލަސްޓްރަމް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ށ.މާއުނގޫދޫގައި ޓީވީއެމް، މުންނާރު، ޔެސް ޗެނަލް ރީބްރޯޑްކާސްޓްކުރާކަމަށް މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލްގެ އިދާރާއިން މަޢުލޫމާތު ދީފައިވާތީ؛
ޤާނޫނީ ހަމަތަކުގެ މަތިން ތަޙްޤީޤުގެ އެންމެހައި އިޖުރާޢުތައް ފުރިހަމަކޮށް ކޮމިޝަނުގެ ތަޙްޤީޤަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު؛
ލަސްޓްރަމް ޕްރައިވެޓް ލިމިޓެޑްއަކީ، ށ.މާއުނގޫދޫގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދިނުމަށް ކޮމިޝަނުން ލައިސަންސް ދޫކޮށްފައިވާ ފަރާތެއް ކަމަށްވާތީއާއި، އެފަރާތުން ށ.މާއުނގޫދޫގައި ދެމުންގެންދާ ޚިދުމަތުގައި ހިމަނާފައިވާ ޗެނަލް (ޓީވީއެމް، މުންނާރު، ޔެސް) ތަކަކީ، ކޮމިޝަނުން ފާސްކޮށްދީފައިވާ ޗެނަލްތަކެއް ކަން ކޮމިޝަނުގެ ތަޙުޤީޤަށް އެނގެންއޮތް ނަމަވެސް؛
ކޮމިޝަނުން ލަސްޓްރަމް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސްގެ ދަށުން ފާސްކޮށްދީފައިވަނީ 12 (ބާރަ) ޗެނަލް (ޓީވީއެމް، މުންނާރު، ޔެސް، ޗެނަލް 13، ވީޓީވީ، ރާއްޖެޓީވީ، ޗެނަލް ނިއުސް އޭޝިއާ، ސޮނީ އެންޓަރޓެއިންމަންޓް، ނިކް އެޗްޑީ، ސޮނީ ޓެން 1، ސޮނީ އީއެސްޕީއެން، ބީބީސީ އާރތް) ހިމެނޭނެހެން ބޭސިކް ޕެކޭޖްކަމަށްވެފައި، މިހާރު ދެމުންދާ ޚިދުމަތުގައި ހިމަނާފައިވަނީ ކޮމިޝަނުން ފާސްކޮށްދީފައިވާ 12 (ބާރަ) ޗެނަލްގެ މައްޗަށް ހިމެނޭ ބޭސިކް ޕެކޭޖުގެ ތެރެއިން 4 (ހަތަރު) ޗެނަލެއްކަމަށް މައްސަލައަށް ޖަވާބުދާރީވެ ލަސްޓްރަމް ޕްރައިވެޓް ލިމިޓެޑުން ފޮނުވާފައިވާ ސިޓީގައި އެފަރާތުން އަމިއްލައަށް އިއުތިރާފުވެފައިވާތީ؛
ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 35 ވަނަ މާއްދާއަށް ރިޢާޔަތްކޮށް އެގަވާއިދުގެ 35 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކޮމިޝަނަށް އެންގުމަކާ ނުލައި ޕެކޭޖަށް އުނިއިތުރު ގެނެސްފައިވާކަން ކޮމިޝަނުގެ ތަޙުޤީޤަށް ސާބިތުވާތީ އާއި، މިއީ، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 12 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކޮމިޝަނުގެ ހުއްދަނެތި ލަސްޓްރަމް ޕްރައިވެޓް ލިމިޓެޑުން ޗެނަލް ޕެކޭޖަށް އުނިއިތުރު ގެނެސްފައިވާ ފުރަތަމަ ފަހަރުކަމުގައިވާތީ، 2,000ރ (ދެ ހާސް ރުފިޔާ) އިން ލަސްޓްރަމް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާ ކުރުމަށާއި، ކޮމިޝަނުން ފާސްކޮށްދީފައިވާ ޕެކޭޖަށް އުނިއިތުރު ގެންނަ ނަމަ ބްޜޯޑްކާސްޓް ކުރުމުގެ ޤާނޫނާއި ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް ލަސްޓްރަމް ޕްރައިވެޓް ލިމިޓެޑަށް އެންގުމަށް މި މައްސަލަ ބެލި ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން މައްސަލަ ނިންމީއެވެ.
05 ނޮވެންބަރު 2020