ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-14/2017)

October 8, 2017

ޝަކުވާ ނަމްބަރު: CAC-14/2017

ޝަކުވާ ހުށަހެޅި ތާރީޙް: 7 އޮގަސްޓު 2017

ހުލާސާ: މިއީ، 28 ޖުލައި 2017 ވީ ހުކުރު ދުވަހުގެ ރޭ ރާއްޖެ ޓީވީ އިން ވަގުތުން ގެނެސްދިން ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ އިއްޒަތްތެރި މެންބަރު އަލްފާޟިލް މުޙައްމަދު މުސްތަފާ، ރާއްޖޭގެ ރައްޔިތުން ނިކުމެ ރައީސުލްޖުމްހޫރިޔާ ބޭރުކުރުމަށް ގޮވާލައްވާ ދައްކާފައިވާ ވާހަކައަކީ، ދިވެހިރާއްޖޭގައި އޮތް ޤާނޫނީ ސަރުކާރެއް ވައްޓާލުމަށާއި، ޣައިރު ޤާނޫނީ އަމަލެއް ހިންގުމަށް ރައްޔިތުންނަށް ހިއްވަރު ލިބޭގޮތަށް، އަދި ރާއްޖޭގެ ޤާނޫނީ ވެރިކަމަށް އުނިކަމެއް އަތުވެދާނެ، ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ ގޮތަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާ އެއްގޮތަށް އިންތިޚާބު ކުރެވިފައިވާ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ޙިމާޔަތާއި ރައްކާތެރިކަމަށް ނުރައްކަލެއް އަތުވެދާނެ ވާހަކަތަކެއް ކަން ފާހަގަކޮށް، މައްސަލަ ބަލައިދެއްވުން އެދި މި ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: ޤާނޫނު ނަންބަރު 15/2016 (އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު) ގެ ދަށުން އެކުލަވާލައިފައިވާ އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ހަވަނަ ބާބުގެ ދަށުން ޖޫރިމަނާކުރުމާބެހޭ އުސޫލުގެ 6 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައި ބަޔާންކުރާ ދައުލަތުގެ ކަމާބެހޭ މުއައްސަސާއިން ހުށަހަޅާފައިވާ މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ ޙައްޤުތައް ކަށަވަރުކުރުމުގެ ގޮތުން، މައްސަލަ ރައްދުވާ ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑަށް ޖަވާބުދާރިވުމަށް ދެ ފަހަރެއްގެ މަތިން ފުރުޞަތު ދީފައިވާކަމާއި؛

ޤާނޫނީ ހަމަތަކުގެ މަތީން ތަޙުޤީޤުގެ އެންމެހާ އިޖުރާޢަތުތައް ފުރިހަމަކޮށް ކޮމިޝަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، ޖަވާބުގައި ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑުން ފޮނުވި ނަންބަރު RTV/17/09/54 (17 ސެޕްޓެންބަރު 2017) ސިޓީގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަލްފާޟިލް މުޙައްމަދު މުސްތަފާ ދެއްކެވި ވާހަކައިގެ ތެރެއިން، ކޮމިޝަނަށް ހުށަހެޅި ޝަކުވާގައި ތިން ނުކުތާއެއް ފާހަގަކޮށްފައިވާއިރު، އެ ޓްރާންސްކްރިޕްގެ ފުރަތަމަ ނުކުތާ ފިޔަވައި ބާކީ ދެ ނުކުތާ ގެނެސްދީފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަލްފާޟިލް މުޙައްމަދު މުސްތަފާ ބަހުން ބަހަށް ވިދާޅުވި ގޮތަކަށް ނޫންކަމަށާއި، މީހަކު ދެއްކި ވާހަކައެއް، ދެއްކިގޮތަށް ލިޔާނަމަ އޮންނަންވާނީ ދެއްކި އިބާރާތުން ބަހުން ބަހަށް ކަމަށާއި، މީހަކު ދެއްކި ވާހަކައެއް އަމިއްލައަށް ދޭހަވި ގޮތަށް ތަރުޖަމާކޮށްގެން ލިޔާނަމަ، އޭގައި އޮންނާނީ އަމިއްލަ ރަޢުޔު ކަމަށްވާތީ، އެއީ އެ މީހަކު ބޭނުން ބަހެއް އިތުރުކޮށް، ބޭނުން ބަހެއް އުނިކޮށް މުޅި ވާހަކައިގެ އަސްލު ގެއްލުވާލުމެއް ކަމުގައިވާތީ، އެހެންކަމުން ރާއްޖެ ޓީވީ އިން ބްރޯޑްކާސްޓްކުރި ކޮންޓެންޓްގައި ދައްކާފައިވާ ވާހަކަ އޮޅުވާލައި، އުނި އުތުރު ގެނެސްފައިވާތީވެ، މިއީ ރާއްޖެ ޓީވީ އިން ޖަވާބުދާރީވާންޖެހޭނެ މައްސަލައެއް ނޫން ކަމަށް ބުނި ނަމަވެސް؛

ހުށަހެޅިފައިވާ ޝަކުވާއާ ގުޅިގެން ފާހަގަކޮށްފައިވާ ތިން ޓްރާންސްކްރިޕްޓްގެ ކުރިން ވެސް އަދި އޭގެ ފަހުން ވެސް ވަރަށް ގިނަ ވާހަކަ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަލްފާޟިލް މުޙައްމަދު މުސްތަފާ ދައްކަވާފައިވުމަކީ، އެ ޓްރާންސްކްރިޕްޓްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަލްފާޟިލް މުޙައްމަދު މުސްތަފާ ދައްކާފައިވާ ކަމަށް ބަޔާންކޮށްފައިވާ އިބާރާތަށް އުނިއިތުރެއް ގެނައުން ކަމަށް ނުބެލެވޭކަމާއި، އަދި މިއީ، އޭގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަލްފާޟިލް މުޙައްމަދު މުސްތަފާ ދައްކާފައިވާ މުޅި ވާހަކައިގެ މަފްހޫމް ގެއްލިގެން ގޮސް، ކޮންޓެންޓްގައި ދައްކާފައިވާ ވާހަކަ އޮޅުވާލާ އަދި އުނިއިތުރު ގެނެސްފައިވާ ކަމަށް ބުނުމަށް އޮތް ޙުއްޖަތެއް ކަމުގައި ނުފެންނަ ކަމަށާއި؛

މި ކޮންޓެންޓަކީ އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ 9 ވަނަ މާއްދާ (ޤައުމީ ސަލާމަތަށް ނުރައްކާކުރުވާނެ ޚިޔާލުފާޅުކުރުން) ގެ (ހ) ގައި ބަޔާންކޮށްފައިވާ އިމުގެ ތެރެއިން ބްރޯޑްކާސްޓްކޮށްފައިވާ ކޮންޓެންޓެއް ކަން ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑަށް ސާބިތުކޮށްދެވިފައިނުވާތީ؛

މި ކޮންޓެންޓަކީ، ދިވެހިރާއްޖޭގައި އޮތް ޤާނޫނީ ސަރުކާރު ވައްޓާލުމަށާއި، ޣައިރު ޤާނޫނީ ޢަމަލެއް ހިންގުމަށް ރައްޔިތުންނަށް ހިއްވަރު ލިބޭގޮތަށް، އަދި ރާއްޖޭގެ ޤާނޫނީ ވެރިކަމަށް އުނިކަމެއް އަތުވެދާނެ، ޤައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ގޮތަށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ އެއްގޮތަށް އިންތިޚާބު ކުރެވިފައިވާ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ޙިމާޔަތާއި ރައްކާތެރިކަމަށް ނުރައްކަލެއް އަތުވެދާނެ ވާހަކަތަކެއް ހިމެނޭ ކޮންޓެންޓެއް ކަމަށް ފެނުނު ހިނދު؛

މި ކޮންޓެންޓަކީ އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރު (ޤައުމުގެ ސިޔާދަތަށް ނުވަތަ އިސްތިޤުލާލަށް ގެއްލުން ލިބޭނެ ފަދަ ޚިޔާލުފާޅުކުރުން) އަށް ރިޢާޔަތްކޮށް، ހުށަހެޅިފައިވާ މައްސަލައިގައި ހިމެނޭ ކޮންޓެންޓް އިސްވެ ދެންނެވުނު މާއްދާއާ ޚިލާފުވާ ކަމަށް ކޮމިޝަނުގެ ތަޙުޤީޤަށް ސާބިތުވާ ކަމަށް ކަނޑައަޅައި؛

އަދި، މިއީ އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ 9 ވަނަ މާއްދާއާ ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑުން ޚިލާފުވާ ފުރަތަމަ ފަހަރު ކަމަށްވާތީ، އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ހަވަނަ ބާބުގެ ދަށުން ޖޫރިމަނާކުރުމާ ބެހޭ އުސޫލުގެ 14 ވަނަ މާއްދާގެ (ނ) އަށް ރިޢާޔަތްކޮށް، މި އުސޫލުގެ 9 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑް -/500,000ރ (ފަސް ލައްކަ ރުފިޔާ) އިން ޖޫރިމަނާ ކުރުމަށާއި، މި ފައިސާ މިއަދުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މި ކޮމިޝަނަށް ދެއްކުމަށް ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑަށް އެންގުމަށް މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ނިންމީއެވެ.

4 އޮކްޓޫބަރު 2017