November 15, 2017
ޝަކުވާ ހުށަހެޅި ތާރީޙް: 30 އޮގަސްޓް 2017
ހުލާސާ: މިއީ، އިޒައިރަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ހުއްދަ ދޫކޮށްފައިވާ ޗެނަލްތައް (ޓީ.ވީ.އެމް، ރާއްޖެ ޓީވީ، ޗެނަލް 13، ސަންގު ޓީވީ) ކަމަށް ބުނެ މި ޗެނަލްތަކުގެ އިތުރުން ސަން ޓީވީ، ސްޓަރ ޕްލަސް ސޮނީ، ޒީ ޓީވީ، ބުމަރެންގް، ޔެސް ޓީވީ، ސްޓަރ ގޯލްޑް، ސޮނީ އީ.އެސް.ޕީ.އެން، ލައިފް އޯކޭ، މި ޗެނަލްތައް ދަނީ ދޫކުރަމުންކަމަށާއި، މިކަމަށް ހައްލެއް ހޯދައިދެއްވުން އެދި ހުށަހަޅައިފައިވާ މައްސަލަ.
ނިންމި ގޮތް: އިޒައިރަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ހުއްދަ ދޫކޮށްފައިވާ ޗެނަލްތައް (ޓީ.ވީ.އެމް، ރާއްޖެ ޓީވީ، ޗެނަލް 13، ސަންގު ޓީވީ) ކަމަށް ބުނެ މި ޗެނަލްތަކުގެ އިތުރުން ސަން ޓީވީ، ސްޓަރ ޕްލަސް ސޮނީ، ޒީ ޓީވީ، ބުމަރެންގް، ޔެސް ޓީވީ، ސްޓަރ ގޯލްޑް، ސޮނީ އީ.އެސް.ޕީ.އެން، ލައިފް އޯކޭ، މި ޗެނަލްތައް ދަނީ ދޫކުރަމުންކަމަށާއި، މިކަމަށް ހައްލެއް ހޯދައިދެއްވުން އެދި 30 އޮގަސްޓު 2017 ގައި ހުށަހަޅައިފައިވާ ޝަކުވާއާ ގުޅިގެން، އިޒައިރަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދެ ފަހަރެއްގެ މަތިން ޖަވާބުދާރީވުމަށް ފުރުސަތު ދެވިފައިވާކަމާއި،
އިޒައިރަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް 05 އޮކްޓޫބަރު 2016 ގައި ދޫކޮށްފައިވާ ރިބްރޯޑްކާސްޓްކުރުމުގެ ލައިސަންސްގެ ދަށުން، ހދ. ނޭކުރެންދޫގައި ދެއްވާ ރިބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި ހިމެނުމަށް ފާސްކޮށްފައިވާ ޕެކޭޖަކީ 4 ޗެނަލް ހިމެނޭ “ބޭސިކް ޕެކޭޖް” އެއް ކަމާއި، އެހެންނަމަވެސް، ކޮމިޝަނުގެ ތަޙުޤީޤަށް އެ ފަރާތުން 22 (ބާވީސް) ޗެނަލެއް ދައްކާކަމުގެ މަޢުލޫމާތު ލިބިފައިވާކަން ބަޔާންކޮށް، އިޒައިރަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހދ. ނޭކުރެންދޫގައި ދައްކާކަމަށް ބަޔާންކޮށްފައިވާ ޗެނަލްތައް އިޒައިރަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ޚިދުމަތުގައި ހިމަނާފައިވާކަން ނުވަތަ ނޫން ކަން، އިޒައިރަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި ހިމަނާފައިވާ ޗެނެލް ޕެކޭޖްތަކާއި، ފެކޭޖްތަކަށް ނަގާ އަގު، ޕެކޭޖް ތަކުގައި ހިމެނޭ ޗެނެލްތަކުގެ ލިސްޓް (ޗެނެލްތައް ވަކިވަކިން އެނގޭގޮތަށް) އަދި ޑިކޯޑަރު މެދުވެރިކޮށް ޚިދުމަތް ދޭނަމަ ޑިކޯޑަރު ވިއްކަން ފެށި ތާރީޚާއި އަގު ހިމެނޭނެހެން ޖަވާބުދާރީވުމަށް ދަންނަވައި ފޮނުވި ކޮމިޝަންގެ ނަންބަރު
427-LCM/PRIV/2017/377 (19 އޮކްޓޫބަރު 2017) ސިޓީއިން ދީފައިވާ މުއްދަތުގެ ތެރޭގައި އިޒައިރަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޖަވާބުދާރީވެފައިވާކަމާއި؛
ކޮމިޝަންގެ ނަންބަރު 427-LCM/PRIV/2017/377 (19 އޮކްޓޫބަރު 2017) ސިޓީއަށް ޖަވާބުދާރީވެ އިޒައިރަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ފޮނުވި ނަންބަރު ICP/AMIN/2017/130 (31 އޮކްޓޫބަރު 2017) ސިޓީގައި “މިސިޓީއާއެކު ދޫކުރަމުންދާ ޗެނަލްތަކުގެ ލިސްޓާއި ބައެއް ލިޔެކިޔުންތައް ފޮނުވި ވާހަކަ” ބަޔާންކޮށްފައިވާކަމާއި، މި ސިޓީއާއެކު ޓީވީ އެމް. ޔެސް ޓީވީ، ރާއްޖެ ޓީވީ، ޗެނަލް13، ސަންގު ޓީވީ، މިޗެނަލް ތަކުގެ ރައިޓްސް އޮތް ކަމުގެ ލިޔުމާއި، އިޒައިރަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ފޮނުވަމުންދާ ޗެނަލްތައް ކަމަށް އެ ފަރާތުން ފޮނުވާފައިވާ ލިސްޓުގައި އެފަރާތުން ޖުމުލަ 14 (ސާދަ) ޗެނަލް (ޓީ.ވީ.އެމް، ޔެސް ޓީވީ، ރާއްޖެ ޓީވީ، ވީ.ޓީ.ވީ، ސަން ޓީވީ، ސަންގު ޓީވީ، ޗެނަލް 13، އެނިމަލް ޕްލެނެޓް، ޒި.ޓީ.ވީ، ސްޓަރ ޕްލަސް، ބޫމަރޭން، ޓެން 1، ސޮނީ މެކްސް އަދި އަލްޖަޒީރާ) ދައްކާ ކަމަށް ބަޔާންކޮށްފައިވާކަމާއި؛
އިޒައިރަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ކޮމިޝަނުން 05 އޮކްޓޫބަރު 2016 ގައި ދޫކޮށްފައިވާ ރިބްރޯޑްކާސްޓްކުރުމުގެ ލައިސަންސްގެ ދަށުން، ހދ. ނޭކުރެންދޫގައި ދެއްވާ ރިބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި ހިމެނުމަށް ފާސްކޮށްފައިވާ ޕެކޭޖަކީ (ޓީވީ.އެމް، ރާއްޖެ ޓީވީ، ސަންގު ޓީވީ އަދި ޗެނަލް 13) ހިމެނޭ ގޮތަށް “ބޭސިކް ޕެކޭޖް” ކަން އެނގެން އޮތްކަމާއި، އިޒައިރަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ފޮނުވާފައިވާ ނަންބަރު ICP/AMIN/2017/130 (31 އޮކްޓޫބަރު 2016) ސިޓީގައި ރައިޓްސް ނެތް 7 (ހަތެއް) ޗެނަލެއް ދައްކާކަމުގައި އަމިއްލަ އިއުތިރާފުން އެގެން އޮތްކަމާއި؛
އަދި ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާގެ ނަންބަރު 268/427/2017/1 (10 ސެޕްޓެންބަރު 2017 ސިޓީއަށް ނަޒަރުކުރާއިރު، އިޒައިރަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހދ. ނޭކުރެންދޫގައި ދެއްވާ ރިބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި (ސޮނީ ޕިކްސް، އެނިމަލް ޕްލެނެޓް، ސޮނީ މެކްސް، ޒީ ޓީވީ، ސޮނީ މިކްސް، ސްޓަރ ޕްލަސް، ކަލާރސް، ބޫމަރިންގ، ސޮނީ އެޓަރޓެއިންމަންޓް، ސޮނީ ޓެން 1، ނިކް ޖޫނިއަރ، ސްޓަރ ގޯލްޑް، ޕީސްޓީވީ، ސޮނީ ސަބް، ސްޓަރ ބަހާރަތު، އަލްޖަޒީރާ ހިމެނޭ ގޮތަށް) ބޭރުގެ ޖުމްލަ 16 (ސޯޅަ) ޗެނަލް ރީބްރޯޑްކާސްޓްކުރާކަން ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާގެ ޙަވާލާދީފައިވާ ސިޓީ އިން ކަށަވަރުކޮށްދީފައިވާތީ؛
ރައިޓްސް ނެތް ބޭރުގެ 16 (ސޯޅަ) ޗެނަލެއް ހދ. ނޭކުރެންދޫގައި އިޒައިރަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދޭ ރިބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި ހިމަނާފައިވާކަން ކޮމިޝަނުގެ ތަޙުޤީޤަށް ސާބިތުވާތީ، އިޒައިރަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޤާނޫނު ނަންބަރު 16/2010 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ށ) އަދި ގަވާއިދު ނަންބަރު 2012/R-20 (ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު) ގެ 18 ވަނަ މާއްދާއާ ޚިލާފްވެފައިވާ ކަމަށް ކަނޑައަޅައި ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ގޮތަށް ރިބްރޯޑްކާސްޓްކުރުމުގެ ޙައްޤު ނުހޯދައި ދައްކާފައިވާ ކޮންމެ ޗެނަލަކަށް 2,000ރ (ދެ ހާސް ރުފިޔާ) މަގުން ޖުމުލަ 32,000/ރ (ބައްތިރީސް ހާސް ރުފިޔާ) އިން އިޒައިރަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކުރުމަށާއި؛
05 އޮކްޓޫބަރު 2016 ގައި އިޒައިރަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް މި ކޮމިޝަނުން ލައިސަންސް ދޫކޮށްފައިވަނީ، ޓީ.ވީ.އެމް، ރާއްޖެ ޓީވީ، ސަންގު ޓީވީ އަދި ޗެނަލް 13 ބޭސިކް ޕެކޭޖްގެ ގޮތުގައި ހިމެނުމަށް ކަމަށްވެފައި، އެ މުއްދަތުގެ ފަހުން ޕެކޭޖެއްގެ އަގު ފާސްކުރުމަށް ކޮމިޝަނަށް ހުށަހަޅުއްވާފައި ނުވާތީއާއި، އިޒައިރަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކޮމިޝަނުން ފާސްކުރުމެއް ނެތި ޕެކޭޖު ވިއްކަމުން ދާކަން ކޮމިޝަނުގެ ތަޙުޤީޤަށް ސާބިތުވެފައިވާތީ، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 31 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 31 ވަނަ މާއްދާގެ (ނ) އާ އިޒައިރަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޚިލާފުވެފައިވާކަމަށް ކަނޑައަޅައި، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 8 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޮމިޝަނަށް އެންގުމަކާ ނުލައި އަސާސީ ޕެކޭޖަށް ބަދަލުގެނެސްފައިވާތީ -/2,000ރ (ދެ ހާސް ރުފިޔާ) އިން އިޒައިރަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކުރުމަށާއި، ތިރީގައި ހިމަނާފައިވާ ލިސްޓްގައިވާ ގޮތަށް ޖޫރިމަނާ ފައިސާއަށްވާ ޖުމުލަ 34,000/-ރ (ތިރީސް ހަތަރު ހާސް ރުފިޔާ) މިއަދުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މި ކޮމިޝަނަށް ދެއްކުމަށާއި، ރިބްރޯޑްކާސްޓްކުރުމުގެ ޙައްޤު ނުހޯދައި ދައްކަމުންދާ ޗެނަލްތައް ވަގުތުން ހުއްޓާލުމަށާއި، ޗެނަލްތަކުގެ ލިސްޓަށް އުނިއިތުރެއް ގެންނަނަމަ އެކަން ކޮމިޝަނަށް ހުށަހެޅުމަށް، އިޒައިރަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އެންގުމަށް، މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ނިންމީއެވެ.
# | ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ނެތި ދައްކާފައިވާ ޗެނަލްގެ ނަން | މާއްދާ | ޖޫރިމަނާގެ ޢަދަދު |
1. | ސޮނީ ޕިކްސް | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | /2,000ރ (ދެ ހާސް ރުފިޔާ) |
2. | އެނިމަލް ޕްލެނެޓް | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | /2,000ރ (ދެ ހާސް ރުފިޔާ) |
3. | ސޮނީ މެކްސް | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | /2,000ރ (ދެ ހާސް ރުފިޔާ) |
4. | ޒީ ޓީވީ | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | /2,000ރ (ދެ ހާސް ރުފިޔާ) |
5. | ސޮނީ މިކްސް | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | /2,000ރ (ދެ ހާސް ރުފިޔާ) |
6. | ސްޓަރ ޕްލަސް | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | /2,000ރ (ދެ ހާސް ރުފިޔާ) |
7. | ކަލާރސް | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | /2,000ރ (ދެ ހާސް ރުފިޔާ) |
8. | ބޫމަރިންގ | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | /2,000ރ (ދެ ހާސް ރުފިޔާ) |
9. | ސޮނީ އެޓަރޓެއިންމަންޓް | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | /2,000ރ (ދެ ހާސް ރުފިޔާ) |
10. | ސޮނީ ޓެން 1 | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | /2,000ރ (ދެ ހާސް ރުފިޔާ) |
11. | ނިކް ޖޫނިއަރ | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | /2,000ރ (ދެ ހާސް ރުފިޔާ) |
12. | ސްޓަރ ގޯލްޑް | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | /2,000ރ (ދެ ހާސް ރުފިޔާ) |
13. | ޕިސްޓީވީ | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | /2,000ރ (ދެ ހާސް ރުފިޔާ) |
14. | ސޮނީ ސަބް | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | /2,000ރ (ދެ ހާސް ރުފިޔާ) |
15. | ސްޓަރ ބަހާރަތު | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | /2,000ރ (ދެ ހާސް ރުފިޔާ) |
16. | އަލްޖަޒީރާ | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | /2,000ރ (ދެ ހާސް ރުފިޔާ) |
ކޮމިޝަނަށް އެންގުމަކާ ނުލައި އަސާސީ ޕެކޭޖަށް ބަދަލު ގެނެސްފައިވުމުން | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 8 | /2,000ރ (ދެ ހާސް ރުފިޔާ) | |
ޖުމްލަ | -/34,000ރ (ތިރީސް ހަތަރު ހާސް ރުފިޔާ) |
14 ނޮވެންބަރު 2017