March 30, 2021
ޝަކުވާ ހުށަހެޅި ތާރީޙް: 09 ޖުލައި 2020
ހުލާސާ: މިއީ، ދިރާގު އޯޓީޓީ މެދުވެރިކޮށް ދެމުންދާ ބްރޯޑްކާސްޓިންގ ޚިދުމަތް ލިބެމުންދަނީ ދިރާގު މޯބައިލް ކަސްޓަމަރުންނަށް އެކަނިކަމަށާއި، މި ޚިދުމަތް ބޭނުންވާ އެހެން ފަރާތްތަކަށް މި ޚިދުމަތް ލިބެމުން ނުދާކަމަށް ބުނެ، މި ކަން ބައްލަވާ ދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައެކެވެ.
ނިންމި ގޮތް: ދިރާގު އޯޓީޓީ މެދުވެރިކޮށް ދެމުންދާ ބްރޯޑްކާސްޓިންގ ޚިދުމަތް ލިބެމުންދަނީ ދިރާގު މޯބައިލް ކަސްޓަމަރުންނަށް އެކަނިކަމަށާއި، މި ޚިދުމަތް ބޭނުންވާ އެހެން ފަރާތްތަކަށް މި ޚިދުމަތް ލިބެމުން ނުދާކަމަށް ބުނެ ހުށަހަޅައި، ކޮމިޝަނުން ބަލާފައިވާ މި މައްސަލައާ ގުޅިގެން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ ޙައްޤުތައް ކަށަވަރުކުރުމުގެ ގޮތުން، މައްސަލަ ރައްދުވާ ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑަށް ޖަވާބުދާރިވުމަށް އެކަށީގެންވާ ފުރުޞަތު ދީފައިވާކަމާއި؛
ޤާނޫނީ ހަމަތަކުގެ މަތީން ތަޙްޤީޤުގެ އެންމެހައި އިޖުރާޢުތައް ފުރިހަމަކޮށް ކޮމިޝަނަށް ލިބިފައިވާ މަޢުލޫމާތައް ބަލާއިރު، ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް (ދިރާގު) އަކީ މުޅި ރާއްޖެއަށް، ކޭބަލް ވިއުގަ އަދި މޯބައިލް ނެޓްވޯރކް މެދުވެރިކޮށް ޚިދުމަތް ފޯރުކޮށްދިނުމުގެ ހުއްދަ 30 ޖަނަވަރީ 2013 ގައި ކޮމިޝަނުން ދީފައިވާ ފަރާތެއްކަމާއި، ހުއްދައިގައިވާގޮތުގެ މަތީން ޚިދުމަތް ފަށާފައިވާ ފަރާތެއް ކަމަށާއި،
އަދި ހުށަހެޅިފައިވާ ޝަކުވާއަށް ރިޢާޔަތްކުރާއިރު ހަމައެކަނި ދިރާގުގެ ކަސްޓަމަރުންނަށް ލިބެމުންދާކަމަށް ބުނެފައިވާ ޚިދުމަތަކީ ދިރާގު ޕްލޭގެ ނަމުގައި އޯޓީޓީ މެދުވެރިކޮށް 29 އޭޕްރިލް 2020ގައި އަލަށް ތަޢާރަފްކޮށްފައިވާ ޚިދުމަތެއް ކަމަށާއި، މިޚިދުމަތަކީ ދިރާގުގެ މޯބައިލް ނެޓްވޯކް މެދުވެރިކޮށް ފޯރުކޮށްދޭ ޚިދުމަތަކަށް ވީހިނދު މިޚިދުމަތް ހަމައެކަނި ދިރާގުގެ ކަސްޓަމަރުންނަށް ލިބެމުންދިޔުމާއިމެދު،ރީބްރޯޑްކާސްޓްކުރުމަށް ދިރާގަށް ދީފައިވާ ހުއްދައަށާއިއަދިޤާނޫނާއި ގަވާޢިދުގެ އިމުގެ ތެރެއިން ދެބަސް ވާނޭ ޖާގައެއް އޮތްކަމަކަށް ނުފެންނާތީ މިމައްސަލައިތުރަށް ބަލާނޭ ޖާގައެއް ނެތްކަމަށް ކަނޑައަޅައި މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން މައްސަލަ ނިންމީއެވެ.
09 މާރިޗް 2021