ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-25/2020)

April 1, 2021

ޝަކުވާ ނަމްބަރު: CAC-25/2020

ޝަކުވާ ހުށަހެޅި ތާރީޙް: 09 ޖުލައި 2020

ހުލާސާ: މިއީ، ބްރޯޑްކާސްޓިންގ ކޮމިޝަނުން ކަނޑައަޅާފައިނުވާ މީޑިއަމް (އައިޕީޓީވީ) އެއް މެދުވެރިކޮށް ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑުން ރީބްރޯޑްކާސްޓްކުރަމުންދާ ކަމަށް ބުނެ، އެކަން ބަލާދިނުމަށް އެދި ހުށަހަޅާފައިވާތީ، މި ކޮމިޝާނުން ބަލާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: ބްރޯޑްކާސްޓިންގ ކޮމިޝަނުން ކަނޑައަޅާފައިނުވާ މީޑިއަމް (އައިޕީޓީވީ) އެއް މެދުވެރިކޮށް ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑުން ރީބްރޯޑްކާސްޓްކުރަމުންދާ ކަމަށް ބުނެ، 09 ޖުލައި 2020ގައި ކޮމިޝަނަށް ހުށަހަޅައިފައިވާ މި ޝަކުވާއާ ގުޅިގެން،

ވަކިފަރާތަކަށް ބުރަނުވެ މުސްތަޤިއްލު ތަޙްޤީޤެއް މި ކޮމިޝަނުން ކުރުމުގައި ތަޙްޤީޤު ކުރެވެމުންދާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އެންމެހާ ޙައްޤުތައް މައްސަލަ ރައްދުވި ފަރާތަށް ލިބިދެވުނުކަން ކަށަވަރުކުރުމުގެ ގޮތުން، މައްސަލަ ރައްދުވާ “ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް “އަށް ޖަވާބުދާރީވުމަށް  އެކަށީގެންވާ ފުރުސަތު ދީފައިވާކަމާއި،

މިގޮތުން ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓޑް އިން ރީބްރޯޑްކާސްޓް ކުރުމަށް ބޭނުންކުރާ ވަޞީލަތަކީ (medium) މިކޮމިޝަނުން ހުއްދަދީފައިވާ ކޭބަލްވިއުގައެއް އަދި މޯބައިލް ނެޓްވާކް ކަމުގައި އެނގެން އޮތް ހިނދު،

އައި.ޕީ.ޓީވީ އަކީ ޓެކްނޮލޮޖީއެއްކަމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އިން ލަފާދެއްވާފައިވާތީއާ، އައި.ޕީ.ޓީވީ އަކީ ކޮމިޝަނުން ފާސްކޮށްފައިވާ މީޑިއަމެއް ބޭނުންކޮށްގެން ބްރޯޑްކާސްޓް އަދި ރީބްރޯޑްކާސްޓް ކުރުމަށް ބޭނުން ކުރެވިދާނެ ޓެކްނޮލޮޖީއެއް ކަމަށް ކޮމިޝަނުން ދެކޭތީއާ،

 ބްރޯޑްކާސްޓަރެއް ނުވަތަ ރީބްރޯޑްކާސްޓަރެއް ބޭނުން ޓެކްނޮލޮޖީއެއް މެދެވެރިކޮށް ލައިސަންސް ދީފައިވާ ވަސީލަތް (Medium) ބޭނުންކޮށްގެން ޚިދުމަތް ދިނުމަކީ ލައިސަންސް ލިބިފައިވާ ފަރާތެއްގެ އިޙްތިޔާރަށް ދޫކޮށްލާފައިވާ ކަމެއްކަމަށްވާތީ،

އިސްވެދެންނެވުނު ވަސީލަތްތައް މެދެވެރިކޮށް ދިރާގު ޓީވީގެ ޚިދުމަތް ކަސްޓަމަރުންނަށް ފޯރުކޮށްދެމުން ދަނީ IPTV އަދި OTT  ޓެކްނޮލޮޖީ މެދުވެރިކޮށް ކަމަށް މިކޮމިޝަންގެ ތަޙުޤީޤަށް ލިބިފައިވާ މައުލޫމާތުން އެންގެން އޮތަތީ، ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑުން ޤާނޫނާއި ގަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދޭކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ އިތުރަށް ބަލާނޭ ޖާގައެއް ނެތް ކަމަށް ކަނޑައަޅާ ކޮމިޝަންގެ މައްސަލަ ބެލި ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން މައްސަލަ ނިންމީއެވެ.

09 މާރިޗް 2021