ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-35/2020)

February 27, 2021

ޝަކުވާ ނަމްބަރު: CAC-35/2020

ޝަކުވާ ހުށަހެޅި ތާރީޚް: 17 ސެޕްޓެންބަރު 2020

ޚުލާސާ: މިއީ، އުތެމަ ޖަމްޢިއްޔާއަކީ ދިވެހިރާއްޖޭގެ އަންހެނުންގެ ޙާލަތާއި، ދިރިއުޅުމުގެ ތަޖުރިބާ އާއި ތަރައްޤީގެ އެކިކަންކަން ދިރާސާކޮށް ދެނެގަތުމަށް މަސައްކަތް ކުރުމުގެ މަޤްސަދުގައި 2016 ވަނަ އަހަރުގެ ޖޫން މަހު ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގަމުންދާ ޖަމްޢިއްޔާއެއްކަމާއި 2 ސެޕްޓެންބަރު 2020 ވަނަ ދުވަހުގެ ހެނދުނު 10:00 ގެ ޚަބަރުގައި ރާއްޖެޓީވީއިން، އުތެމަ ޖަމްޢިއްޔާއާބެހޭ ގޮތުން ބްރޯޑްކާސްޓްކޮށް، ފޭސްބުކް މެދުވެރިކޮށް ރީބްރޯޑްކާސްޓްކޮށްފައިވާ “އުތެމައަކީ އިސްލާމްދީން ޤަބޫލުނުކުރާ ދިވެހިން ދިފާއުކޮށް ވާހަކަ ދައްކާ ޖަމްއިއްޔާއެއްކަމަށް…..” ބުނެ ބްރޯޑްކާސްޓްކޮށްފައިވާ ޚަބަރަކީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ގަވާއިދާއި ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފަށް ރާއްޖެޓީވީއިން ބްރޯޑްކާސްޓްކޮށްފައިވާ ޚަބަރެއްކަމަށް ދެކޭ ކަމަށް ބުނެ، މި މައްސަލަ ކޮމިޝަނުން ބައްލަވާ ފިޔަވަޅު އަޅުއްވާ ދެއްވުން އެދި ރާއްޖެ ޓީވީއަށް ރައްދުވާގޮތަށް ހުށަހަޅާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: މަތީގައިވާ ކަންކަމަށް ރިޢާޔަތްކުރާއިރު، 2 ސެޕްޓެންބަރު 2020 ވަނަ ދުވަހުގެ ހެނދުނު 10:00 ގެ ޚަބަރުގައި ރާއްޖެޓީވީއިން، އުތެމަ ޖަމްޢިއްޔާއާބެހޭ ގޮތުން ބްރޯޑްކާސްޓްކޮށް، ފޭސްބުކް މެދުވެރިކޮށް ރީބްރޯޑްކާސްޓްކޮށްފައިވާ “އުތެމައަކީ އިސްލާމްދީން ޤަބޫލުނުކުރާ ދިވެހިން ދިފާއުކޮށް ވާހަކަ ދައްކާ ޖަމްއިއްޔާއެއްކަމަށް…..” ބުނެ ބްރޯޑްކާސްޓްކޮށްފައިވާ ޚަބަރަކީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ގަވާއިދާއި ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފަށް ރާއްޖެޓީވީއިން ބްރޯޑްކާސްޓްކޮށްފައިވާ ޚަބަރެއްކަމަށް ދެކޭ ކަމަށް ބުނެ، މި މައްސަލަ ކޮމިޝަނުން ބައްލަވާ ފިޔަވަޅު އަޅުއްވާ ދެއްވުން އެދި ހުށަހަޅާފައިވާ މި ޝަކުވާއާ ގުޅިގެން ވަކިފަރާތަކަށް ބުރަނުވެ މުސްތަޤިއްލު ތަޙްޤީޤެއް ކޮމިޝަނުން ކުރުމުގައި ތަޙްޤީޤު ކުރެވެމުންދާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އެންމެހާ ޙައްޤުތައް މައްސަލަ ރައްދުވި ފަރާތަށް ލިބިދެވުނުކަން ކަށަވަރުކުރުމުގެ ގޮތުން، މައްސަލަ ރައްދުވާ ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑަށް ޖަވާބުދާރިވުމަށް އެކަށީގެންވާ ފުރުސަތު ދީފައިވާ ކަމާއި،

ރާއްޖެ ޓެލެވިރަން ޕްރައިވެޓް ލިމިޓެޑްއިން މައްސަލައަށް ޖަވާބުދާރީވުމުގައި، ސްޓޭޝަންގެ މެނޭޖްމެންޓުން ކަން ހިނގާފައިވާގޮތް ބަލާފައިވާކަމާއި، ޝަކުވާގައި ފާހަގަ ކޮށްފައިވާ ޚަބަރުގެ އިބާރާތް އެގޮތަށް ގެނެވިފައި އެވަނީ އެ ޚަބަރު ލިޔުނު ނޫސްވެރިޔާ ޚަބަރުގެ ބެކްގްރައުންޑް ލިޔެފައިވާ ގޮތުންކަމާއި އެއީ ރާއްޖެޓީވީން އަމަލުކުރުމަށް ކަނޑައެޅިފައިވާ އުޞޫލާއި ހިލާފަށް މުވައްޒަފެއްގެ ފަރާތުން ހިނގާފައިވާ ކަމެއްކަން ފާހަގަކުރެވިފައިވާކަމާއި، ޙަވާލާ ދެވުނު ކަންތަކާ ގުޅިގެން ސްޓޭޝަންގެ މެނޭޖްމެންޓުގައި މަޝްވަރާކުރުމަށްފަހު ނިންމާފައިވަނީ، ބްރޯޑްކާސްޓް ކުރެވުނު އެ ޚަބަރު މިހާރު ފެންނަން ހުރި ރާއްޖެޓީވީގެ ވަސީލަތްތަކުން ނެގުމާއިއެކު މިފަދަކަމެއް އިތުރަށް ތަކުރާރު ނުވާނެގޮތަކަށް އިދާރީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްކަމަށާއި، އެގޮތުން މިހާރުވަނީ އެފިޔަވަޅުތައް އަޅާ ނިންމާފައިކަމަށާއި، ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑުން އެދެނީ މި މައްސަލައިގައި ސްޓޭޝަނުން މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ރިއާޔަތްކޮށް މައްސަލަ ނިންމައިދިނުމަށް ކަމަށް ބަޔާންކޮށްފައިވާތީއާ،

މި މައްސަލައާ ގުޅިގެން ޤާނޫނީ ހަމަތަކުގެ މަތިން ތަޙްޤީޤުގެ އެންމެހައި އިޖުރާޢުތައް ފުރިހަމަކޮށް ކޮމިޝަނުގެ ތަޙްޤީޤަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު؛

މައްސަލައިގެ ތަޙުޤީގަށް ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑުން ފޯރުކޮށްދީފައިވާ މާއުލޫމާތުގައި ޝަކުވާގައި ފާހަގަ ކޮށްފައިވާ ޚަބަރުގެ އިބާރާތް އެގޮތަށް ގެނެވިފައިވާކަމަށް އިޢުތިރާފްވެފައި ވާތީއާ،

ގަވާއިދު ނަންބަރު 2019/R-154 (ބްރޯޑްކާސްޓްކުރުމުގެ ގަވާއިދު) ގެ 29 ވަނަ މާއްދާގެ (ހ) “ލައިސަންސް ދޫކޮށްފައިވާ ފަރާތުން ބްރޯޑްކާސްޓްކުރާ ކޮންމެ ކޮންޓެންޓެއް ބްރޯޑްކާސްޓްކުރުމުގެ ޒިންމާ އުފުލަންވާނީ ލައިސަންސް ލިބިފައިވާ ފަރާތެވެ.” މިފަދައިން ބަޔާންކޮށްފައިވާތީ،

ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑްގެ ޗެނަލް “ރާއްޖެޓީވީ’ އިން 2 ސެޕްޓެންބަރު 2020 ވަނަ ދުވަހުގެ ހެނދުނު 10:00 ގެ ޚަބަރުގައި ބްރޯޑްކާސްޓްކޮށްފައިވާ މައްސަލައާ ގުޅުންހުރި ކޮންޓެންޓް، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ތިންވަނަ ހަމައިގެ (1) “މީހެއްގެ ނުވަތަ ބައެއްގެ ހުރުމަތް ކެނޑިދާފަދަ ނުވަތަ އިއްޒަތާއި ގަދަރަށް އުނިކަމެއް އަތުވެދާނެފަދަ ނުވަތަ ނިކަމެތިކަމެއް ލިބިދާނެ ބަސްތަކާއި މަންޒަރާއި އަޑު ބްރޯޑްކާސްޓްނުކުރުން”، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ފަސްވަނަ ހަމައިގެ (1) “ޚަބަރާ ކަރަންޓް އެފެއާޒް ގެނެސްދިނުމުގައި، ވަކި ފަރާތަކަށް ބުރަވުމެއްނެތި، ހަމަހަމަ ކަމާއެކު ގެނެސްދިނުމަށް އިސްކަންދީ ތެދު މަޢުލޫމާތު ފެތުރުމަށް މަސައްކަތްކުރުން”، ފަސްވަނަ ހަމައިގެ (2) “”ޚަބަރާއި ފެކްޗުއަލް ޕްރޮގްރާމްތަކުގައި އެކި ފަރާތްތަކުން ހޯދާ ކޮންޓެންޓް ހިމެނުމުގައި އެފަރާތަކުން ދެއްކި ވާހަކައިގެ މަފްހޫމް ނުގެއްލޭގޮތަށް ބްރޯޑްކާސްޓްކުރުން”، އަދި ފަސްވަނަ ހަމައިގެ (3) ” ވަކި ކަމެއްގައި ހިމެނިގެންވާ ނުކުތާއެއްގެ ސައްޙަ ނޫން މަޢުލޫމާތެއް ހުށަހެޅިއްޖެ ނަމަ، ވީ އެންމެ އަވަސް ފުރުސަތެއްގައި އެކަން އެގޮތަށް ހިނގައިފިކަން ހާމަކޮށް އެކަން ރަނގަޅުކުރުން” އާ ޚިލާފުވާ ކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 16/2010 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ 44 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން، ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑުގެ ޗެނަލް “ރާއްޖެޓީވީ” އިން ސައްޙަ ނޫން މަޢުލޫމާތެއް ބްރޯޑްކާސްޓްކުރެވިފައިވާތީ އެކަން އިސްލާހުކުރުމަށާއި، ކޯޑް އޮފް ޕްރެކްޓިސްގެ ހަމަތަކާ އެއްގޮތްވާގޮތުގެ މަތިން ޕްރޮގްރާމްތައް ބައްޓަންކުރުމަށާއި، މިފަދަ ކޮންޓެންޓުތައް ފޮނުވުމުގައި ސަމާލުވުމަށް ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑަށް ނަސޭހަތްތެރިވުމަށާއި،

ކޯޑް އޮފް ޕްރެކްޓިސްގެ ތިން ވަނަ ހަމައިގެ (1)، ފަސްވަނަ ހަމައިގެ (1)، (2) އަދި (3) އާ ޚިލާފް ކޮންޓެންޓެއް ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑްގެ “ރާއްޖެޓީވީ” އިން ބްރޯޑްކާސްޓްކޮށްފައިވާތީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު ގެ 44 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގެ ދަށުން، 2 ސެޕްޓެންބަރު 2020 ވަނަ ދުވަހުގެ ހެނދުނު 10:00 ގެ ޚަބަރުގައި ރާއްޖެޓީވީއިން، އުތެމަ ޖަމްޢިއްޔާއާބެހޭ ގޮތުން ބްރޯޑްކާސްޓްކޮށްފައިވާ ޚަބަރުގެ މައުލޫމާތު އިސްލާހުކޮށް އާންމުކުރުމަށާއި، މަޢާފަށް އެދި ބަޔާނެއް ނެރުމަށާއި، އެއްވެސް ޝަރުތެއް ނެތި މި ބަޔާން 28 ފެބްރުވަރީ 2021 ވާ އާދީއްތަ ދުވަހުގެ ކުރިން، އެއް ރޭ 08:00 އާއި 08:30 އާ ދެމެދު ރާއްޖެޓީވީން ޢާންމުކުރުމަށް ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓަޑަށް އެންގުމަށް މި މައްސަލަ ބެލި ކޮމިޝަނުގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން މައްސަލަ ނިންމީއެވެ.

__________________________

23 ފެބްރުވަރީ 2021