April 21, 2021
ޝަކުވާ ހުށަހެޅި ތާރީޙް: 15 ޑިސެންބަރު 2020
ހުލާސާ: މިއީ، ޗެނަލް 13 ގެ 10 ޑިސެންބަރު 2020 ވަނަ ދުވަހުގެ ރޭ 22:00 ގައި ގެނެސްދިން ހަޖަމް ޕްރޮގްރާމްގައި، ފިއުލް ސަޕްލައި މޯލްޑިވްސް އިން ތަޙްޤީޤް ކުރަމުން ގެންދާ މައްސަލައަކާއި ގުޅިގެން ކުންފުނީގެ އަގުވެއްޓޭގޮތަށް ދޮގު ޚަބަރާއި މަޢުލޫމާތު ފެތުރުމާއި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރގެ އަބުރަށް ހުތުރުވާފަދަ ވާހަކަތަކާއި އަދި މެނޭޖިންގ ޑިރެކްޓަރއަށް ނިސްބަތްކޮށް ޙަޤީޤަތާ ޚިލާފް ދޮގު ވާހަކަ ދައްކާފައިވާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.
ނިންމި ގޮތް: ޗެނަލް 13 ގެ 10 ޑިސެންބަރު 2020 ވަނަ ދުވަހުގެ ރޭ 22:00 ގައި ގެނެސްދިން ހަޖަމް ޕްރޮގްރާމްގައި، ފިއުލް ސަޕްލައި މޯލްޑިވްސްއިން ތަޙްޤީޤް ކުރަމުން ގެންދާ މައްސަލައަކާއި ގުޅިގެން ކުންފުނީގެ އަގުވެއްޓޭގޮތަށް ދޮގު ޚަބަރާއި މަޢުލޫމާތު ފެތުރުމާއި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރގެ އަބުރަށް ހުތުރުވާފަދަ ވާހަކަތަކާއި އަދި މެނޭޖިންގ ޑިރެކްޓަރއަށް ނިސްބަތްކޮށް ޙަޤީޤަތާ ޚިލާފް ދޮގު ވާހަކަ ދައްކާފައިވާކަމަށް ބުނެ ހުށަހަޅާފައިވާ ޝަކުވާއާ ގުޅިގެން ބެލި މި މައްސަލައިގައި، ވަކިފަރާތަކަށް ބުރަނުވެ މުސްތަޤިއްލު ތަޙްޤީޤެއް ކޮމިޝަނުން ކުރުމުގައި ތަޙްޤީޤު ކުރެވެމުންދާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އެންމެހާ ޙައްޤުތައް މައްސަލަ ރައްދުވި ފަރާތަށް ލިބިދެވުނުކަން ކަށަވަރުކުރުމުގެ ގޮތުން، މައްސަލަ ރައްދުވާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް ޖަވާބުދާރިވުމަށް ފުރުސަތުތަކެއް ދީފައިވީނަމަވެސް، އެފަރާތުން މައްސަލައަށް ޖަވާބުދާރީވެފައިނުވާކަމާއި؛
މި މައްސަލައާ ގުޅިގެން ޤާނޫނީ ހަމަތަކުގެ މަތިން ތަޙްޤީޤުގެ އެންމެހައި އިޖުރާޢުތައް ފުރިހަމަކޮށް ކޮމިޝަނުގެ ތަޙްޤީޤަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު؛
މީޑީއާ ރިންގް ޕްރައިވެޓް ލިމިޓެޑްގެ ޗެނަލް 13 އިން 10 ޑިސެންބަރު 2020 ވަނަ ދުވަހުގެ ރޭ 22:00 ގައި ބްރޯޑްކާސްޓްކޮށްފައިވާ “ހަޖަމް” ޕްރޮގްރާމްގައި، ޝަކުވާ ހުށަހަޅާފައިވާ ފަރާތުން، ހުށަހަޅާފައިވާ ޝަކުވާގައި ބަޔާންކޮށްފައިވާފަދަ މައުލޫމާތު ހިމެނޭ ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފައިވާކަމާއި؛
މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑްގެ ޗެނަލް 13 އިން 10 ޑިސެމްބަރު 2020 ވަނަ ދުވަހުގެ ރޭ 22:00 ގައި ބްރޯޑްކާސްޓްކޮށްފައިވާ ކޮންޓެންޓް، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ 3 ވަނަ ހަމައިގެ (1) ވަނަ ނަންބަރު ” މީހެއްގެ ނުވަތަ ބައެއްގެ ހުރުމަތް ކެނޑިދާފަދަ ނުވަތަ އިއްޒަތާއި ގަދަރަށް އުނިކަމެއް އަތުވެދާނެފަދަ ނުވަތަ ނިކަމެތިކަމެއް ލިބިދާނެ ބަސްތަކާއި މަންޒަރާއި އަޑު ބްރޯޑްކާސްޓްނުކުރުން” އަދި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ 5 ވަނަ ހަމައިގެ (1) ވަނަ ނަންބަރު” ޚަބަރާ ކަރަންޓް އެފެއާޒް ގެނެސްދިނުމުގައި، ވަކި ފަރާތަކަށް ބުރަވުމެއްނެތި، ހަމަހަމަކަމާއެކު ގެނެސްދިނުމަށް އިސްކަންދީ ތެދު މަޢުލޫމާތު ފެތުރުމަށް މަސައްކަތްކުރުން” އާ ޚިލާފުވާކަމަށް ކޮމިޝަންގެ ތަޙުޤީޤަށް ސާބިތުވާކަމަށް ކަނޑައަޅައި؛
ކޯޑް އޮފް ޕްރެކްޓިސްގެ 3 ވަނަ ހަމައިގެ (1)، އަދި 5 ވަނަ ހަމައިގެ (1)، އާ ޚިލާފް ކޮންޓެންޓެއް މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑްގެ “ޗެނަލް 13” އިން ބްރޯޑްކާސްޓްކޮށްފައިވާތީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު ގެ 44 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގެ ދަށުން މަޢާފަށް އެދި ބަޔާނެއް ނެރުމަށާއި، އެއްވެސް ޝަރުތެއް ނެތި މި ބަޔާން 26 އެޕްރީލް 2021 ވާ ހޯމަ ދުވަހުގެ ކުރިން، އެއް ރޭ 08:00 އާއި 09:00 އާ ދެމެދު ޗެނަލް 13 އިން ޢާންމުކުރުމަށް މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް އެންގުމަށްށާއި؛
މިއީ، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ތިންވަނަ ހަމައިގެ (1) ވަނަ ނަންބަރާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑްގެ “ޗެނަލް 13” އިން ޚިލާފުވި ހަވަނަ ފަހަރުކަމުގައިވާތީއާ، އަދި ކޯޑް އޮފް ޕްރެކްޓިސްގެ ފަސްވަނަ ހަމައިގެ (1) ވަނަ ނަންބަރާ ޚިލާފުވި ދެވަނަ ފަހަރުކަމަށްވާތީ، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ އެއްގޮތްވާ ގޮތުގެ މަތިން ބްރޯޑްކާސްޓްކުރުމަށާއި، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ އިތުރަށް ޚިލާފުވެއްޖެނަމަ، ނުވަތަ މިފަދަ ކަމެއް ދެން ތަކުރާރުކޮށްފިނަމަ ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން، ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މީޑިއާ ރިންގް ޕްރިއެޓް ލިމިޓެޑަށް ދިނުމަށް މި މައްސަލަ ބެލި ކޮމިޝަނުގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ނިންމީއެވެ.
08 އެޕްރީލް 2021