ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-96/2016)

March 7, 2017

ޝަކުވާ ނަމްބަރު: CAC-96/2016

ޝަކުވާ ހުށެހެޅި ތާރީޚު: 22 ނޮވެންބަރު 2016

ޚުލާސާ: މިއީ، 19 ނޮވެންބަރު 2016 ގައި ރާއްޖެ ޓީވީއިން ގެނެސްދިން 14:00 ،16:00 އަދި 20:00ގެ ޚަބަރުގައި، ސ. ހިތަދޫގައި ހިނގި ރޭޕް މައްސަލައަކާއި ގުޅިގެން އެ މައްސަލައިގައި ހިމެނޭ ކުއްޖާގެ އާއިލާގެ މީހުން ފަސާހަތު ހުސެއިން އެ މައްސަލަ އޮއްބާލަން މަސައްކަތްކޮށް އެ މައްސަލަ ބެލުމަށް ނުފޫޒު ފޯރުވާކަމަށް ތުހުމަތުކުރާކަމަށް ބުނެފައިވާއިރު، އެ މައްސަލައާ ގުޅިގެން ފަސާހަތު ހުސެއިނާ އެއްވެސް ސުވާލެއް ނުކޮށް ފަސާހަތު ހުސެއިންގެ ފުރިހަމަ ނަން ރާއްޖެ ޓީވީގެ ހުރިހާ ޚަބަރެއްގައި ކިޔާފައި ވާތީ އަދި ފަސާހަތު ހުސެއިންއަކީ ސޯޝަލް ވޯކަރަކަށްވެފައި ވަރަށް ގިނަ އާއިލާތަކާއި އެކު މަސައްކަތްކުރާތީ ޚަބަރުގައި އެފަދަ ވާހަކައެއް ތެދު ދޮގު ނުބަލައި ކިޔުމުން ފަސާހަތު ހުސެއިނަށާއި ފަސާހަތު ހުސެއިންގެ އާއިލާއަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރުކޮށްފައިވާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: މައްސަލައާ ގުޅޭ ޚަބަރު ރާއްޖެ ޓީވީއިން ގެނެސްދީފައިވަނީ އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ 10ވަނަ މާއްދާއާ ޚިލާފަށް، ފަސާހަތު ހުސެއިންގެ އަބުރުގެ ކަރާމާތަށް އުނިކަން ލިބޭ ގޮތަށް ކަމަށް ކަނޑައަޅައި؛

  • އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ހަވަނަ ބާބުގެ ދަށުން ޖޫރިމަނާކުރުމާ ބެހޭ އުސޫލުގެ 14 ވަނަ މާއްދާގެ (ށ) އަދި (ބ) އަށް ރިއާޔަތްކޮށް މި އުސޫލުގެ 10 ވަނަ މާއްދާގެ (ހ)ގެ 1ގެ ދަށުން ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑް -/200،000ރ (ދެ ލައްކަ ރުފިޔާ) އިން ޖޫރިމަނާ ކުރުމަށާއި އަދި
  • ޚަބަރު ތައްޔާރުކުރި ރިޕޯޓަރު އާލާ އިބްރާހިމް، މި އުސޫލުގެ 10 ވަނަ މާއްދާގެ (ށ)ގެ 1ގެ ދަށުން -/50،000ރ (ފަންސާސްހާސް ރުފިޔާ) އިން ޖޫރިމަނާ ކުރުމަށާއި
  • މި ފައިސާ މިއަދުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މި ކޮމިޝަނަށް ދެއްކުމަށް ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑަށާއި އާލާ އިބްރާހިމަށް އެންގުމަށް، މި މައްސަލަ ބެލި ކޮމިޝަނުގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން މައްސަލަ ނިންމާފައި.

 

07 މާރިޗު 2017