June 14, 2017
ޝަކުވާ ހުށެހެޅި ތާރީޚު: 16 އޭޕްރީލް 2017
ހުލާސާ: މިއީ، CAC-96/2016 މައްސަލަ ރައްދުވާ ބްރޯޑްކާސްޓަރު ކޮމިޝަނާއި ހިއްސާކޮށްފައިވާ މަޢުލޫމާތަށް ރިޢާޔަތްކޮށް، މައްސަލާގައި ހިމޭނޭ ކޮންޓެންޓް ތައްޔާރުކުރި ރިޕޯޓަރު އާލާ އިބްރާހީމް ރަޝީދު، 50،000ރ. އިން ޖޫރިމަނާކޮށްފައިވާ ނިންމުން އަލުން ބަލައި މުރާޖަޢާކުރުމަށް ކޮމިޝަނުގެ ހިންގާ ގަވާޢިދުގެ 16ވަނަ މާއްދާއިން ކޮމިޝަނަށް ލިބިދޭ އިޚްތިޔާރަށް ރިޢާޔަތްކޮށް، 16 އޭޕްރީލް 2017 ގައި އެނިންމުން މުރާޖަޢާކުރުމަށް ކޮމިޝަނުގެ އަޣްލަބިއްޔަތުން ކަނޑައެޅުމާއި ގުޅިގެން، އެމައްސަލަ މުރާޖަޢާކުރުމަށްފަހު ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.
ނިންމި ގޮތް: CAC-96/2016 މައްސަލަ ރައްދުވާ ބްރޯޑްކާސްޓަރު ކޮމިޝަނާއި ހިއްސާކޮށްފައިވާ މަޢުލޫމާތަށް ރިޢާޔަތްކޮށް، މައްސަލާގައި ހިމޭނޭ ކޮންޓެންޓް ތައްޔާރުކުރި ރިޕޯޓަރު އާލާ އިބްރާހީމް ރަޝީދު، 50،000ރ. އިން ޖޫރިމަނާކޮށްފައިވާ ނިންމުން އަލުން ބަލައި މުރާޖަޢާކުރުމުގައި ތަޙްޤީޤުގެ މަރުޙަލާގައި ލިބެންޖެހޭ އެންމެހާ ޙައްޤުތަކާއިއެކު އެކޮންޓެންޓް ތައްޔާރުކުރިކަމަށް ބުނާ ރިޕޯޓަރު އާލާ އިބްރާހީމް ރަޝީދަށް ލިބިދީފައިވާކަން ކަށަވަރުކުރުމަށްފަހު،ކޮމިޝަނަށް ލިބިފައިވާ މަޢުލޫމާތުގެ މައްޗަށް ރިޢާޔަތްކުރާއިރު، CAC-96/2016މައްސަލާގައި ހިމެނޭ ކޮންޓެންޓަކީ ރިޕޯޓަރު އާލާ އިބްރާހީމް ރަޝީދު ތައްޔާރުކޮށްފައިވާ ރިޕޯޓެއްކަމަށާއި އަދި ރިޕޯޓް ތައްޔާރުކުރުމުގައި ފަސާހަތުގެ ބަހެއް ހޯދުމަށްޓަކައި ފޯނުން ގުޅުމަށް މަސައްކަތްކޮށްފައިވާނޭކަމަށާއި އަދި އެކަން ކާމިޔާބު ނުވުމުން ފަސާހަތަށް އެސް.އެމް.އެސް ކުރިކަމަށާއި، އެސް.އެމް.އެސް ރީޓްރީވް ކުރެވިދާނޭކަމާއި ފަސާހަތުގެ ބަހެއް ހޯދިފައި ނެތުމުން، ފަސާހަތުގެ ފުރިހަމަ ނަން ބޭނުންނުކޮށް އަދި އެއްވެސް ނަމެއް ބޭނުން ނުކޮށް ހަމައެކަނި ‘ޖެންޑަރ ހެޑް’ ލިޔެފައި، ނިއުސް ޑިރެކްޓަރ އަށް އެ ޚަބަރު ފޮނުވާލުމުން ފަސާހަތު ހުސައިންގެ ފުރިހަމަ ނަން ބޭނުން ނުކޮށް އެ ޚަބަރު ޕަބްލިޝް ނުކުރެވޭނެކަމަށް ބުނެ ރާއްޖެ ޓީވީގެ ނިއުސް ޑިރެކްޓަރ އަލީ ޔޫސުފް އަމިއްލައަށް ފާސާހަތު ހުސައިންގެ ނަން އެ ޚަބަރުގައި ޖަހާފައި ވާކަމަށާއި އަދި މިކަން ސާބިތުކުރުމަށްޓަކައި 19 އޭޕްރީލް 2017ގައި މިކޮމިޝަނަށް ހެކި ހުށަހަޅާނޭކަމަށް އާލާ އިބްރާހީމް ރަޝީދުގެ 18 އެޕްރީލް 2017ގެ ބަޔާނުގައި ބުނެފައި ވީނަމަވެސް، 20 އެޕްރީލް 2017ގައި އާލާ އިބްރާހީމް ރަޝީދުގެ ފަރާތުން މިކޮމިޝަނަށް ފޮނުވާފައިވާ ސިޓީގައި މި މައްސަލައިގައި އެއްވެސް ފަރާތެއް ހެކީންގެ ގޮތުގައި ހުށަހަޅާން ނޭދޭކަމަށް ބަޔާންކޮށްފައިވުމާއި އަދި މައްސަލަ ރައްދުވާ ރާއްޖެ ޓީވީގެ ނިއުސް ޑިރެކްޓަރ އަލީ ޔޫސުފް މިކޮމިޝަނަށް ދީފައިވާ ބަޔާނުގައި ނިއުސް ޑިރެކްޓަރގެ ޒިންމާއަކީ ނިއުސް ރޫމް ހިނގާގޮތް ބެލުމާއި އަދި އެކަންކަން ކުރިއަށްދަނީ ކިހިނެއްތޯ ބަލައި ރޭވުމުގެ މަސައްކަތްކަމަށާއި، ތައްޔާރުކުރެވޭ ރިޕޯޓު ނުވަތަ ޚަބަރުގައި ލިޔާ ކޮންމެ އެއްޗަކީ ނޫސްވެރިޔާ ޒިންމާވާންޖެހޭ އެއްޗެއްގެ ގޮތުގައި އޮންނަ ކަމަށް ބުނެ އާލާ އިބްރާހީމް ރަޝީދު މައްސަލަ ރައްދުވާ ރާއްޖެ ޓީވީގެ ނިއުސް ޑިރެކްޓަރ އަލީ ޔޫސުފް އަށް ކޮށްފައިވާ ތުހުމަތަށް އިއުތިރާޟްކޮށްފައިވާކަން އެނގެން އޮތަތީ،
CAC-96/2016 މައްސަލައިގެ ނިންމުމުގައި ޚަބަރު ތައްޔާރުކުރި ރިޕޯޓަރުގެ ހައިސިއްޔަތުން އާލާ އިބްރާހީމް ރަޝީދު ޖޫރިމަނާކުރުމަށް 07 މާރިޗް 2017ގައި ކޮމިޝަނުން ނިންމާފައިވާ ނިންމުމަށް ބަދަލެއް ގެންނާނޭ ޖާގައެއް އޮތްކަމަކަށް ނުފެންނާތީ، އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ހަވަނަ ބާބުގެ ދަށުން ޖޫރިމަނާކުރުމާ ބެހޭ އުސޫލުގެ 14 ވަނަ މާއްދާގެ (ށ) އަދި (ބ) އަށް ރިއާޔަތްކޮށް މި އުސޫލުގެ 10 ވަނަ މާއްދާގެ (ށ)ގެ 1ގެ ދަށުން އާލާ އިބްރާހީމްގެ މައްޗަށް ކޮށްފައިވާ ޖޫރިމަނާކަމުގައިވާ 50،000ރ. (ފަންސާސްހާސް ރުފިޔާ) މި އަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އާލާ އިބްރާހިމްއަށް އެންގުމަށް މި މައްސަލަ ބެލި ކޮމިޝަނުގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ނިންމީއެވެ.
14 ޖޫން 2017